އާ އަހަރުގެ ބޮޑު ހަރަކާތް މިރޭ އޮތްއިރު މާލެ ސަރަހައްދަށް ކެރީގެ އަސަރުކުރާނެ: މެޓް

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި "މޯލްޑިވްސް ވާއު ފެސްޓް" މިއުޒިކްޝޯގެ ތެރެއިން: މާލެއަށް މިރޭ ކެރީގެ އަސަރު ކުރާނެ ކަމަށް މެޓުން ބުނި -- ސަން ފައިލް ފޮޓޯ/ މުހައްމަދު ޝާތިއު

ހުޅުމާލެ ސަރަހައްދުގައި މިރޭ ކުލަ ގަދަ ގޮތެއްގައި އާ އަހަރުފުރުން ފާހަގަކުރަން ތައްޔާރުވާއިރު، މާލެ ސަރަހައްދަށް މިރޭ ކެރީގެ އަސަރުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.

'ސަން'އިން ސުވާލުކުރުމުން މެޓުގެ އޮފިޝަލް މިއަދު ވިދާޅުވީ، މާލެ ސަރަހައްދަށް މިއަދު ކެރިކޮޅެއް އުޅޭނެ ކަމަށާއި ހަފުތާ ބަންދުގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.

ހައްދުންމަތިން ފެށިގެން އެންމެ ދެކުނަށް ވަރަށް ވިއްސާރަވާނެ ކަމަށާއި، އުތުރަށް މިއަދު ސާފުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

"ކުޑަ ކެރިކޮޅެއް އެބަ ދައްކާ މެދުރާއްޖެތެރެއަށް މާލެ ހިމެނޭހެން، ބޯ ވިއްސާރައެއް ނެތް،" އޮފިޝަލް ވިދާޅުވިއެވެ.

މެޓުން މިގޮތަށް މޫސުން ލަފާކޮށްފައިވަނީ، 2026ވަނަ އަހަރުގެ ފެށުން ފާހަގަކުރުމަށް ކުލަގަދަކޮށް މިރޭ ހަރަކާތްތަކެއް ބާއްވަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ތައްޔާރުވަމުން އަންނަނިކޮށެވެ. އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިޢުރީ ވިދާޅުވީ، އާ އަހަރު ފެށުމާ ދިމާކޮށް ހުޅުމާލޭގައި ފުޑް އެންޑް ކަލްޗާ ފެސްޓިވަލްއެއް ބާއްވާނެ ކަމަށާއި، އެ ފެސްޓިވަލްގައި ރާއްޖޭގައި އަލަށް ޑްރޯނުން ހަވާ އަރުވާ 'ޕައިރޯ ޑްރޯން' ޝޯއެއް ބާއްވާނެ ކަމަށެވެ.

https://sun.mv/216064

ޝިޢުރީ ވިދާޅުވީ މިދިޔަ އަހަރު ފެސްޓިވަލް ބޭއްވީ އެންމެ ދުވަހަކަށް ނަމަވެސް، އެ އަހަރު ލިބުނު ތަރުހީބަށް ބަލައި، މި އަހަރުގެ ފެސްޓިވަލް ތިން ދުވަހު ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށެވެ. އެއީ އިއްޔެ ހަވީރު 16:00އިން ފަށައިގެން، މާދަމާގެ ނިޔަލަށެވެ.

އޭނާ ވިދާޅުވީ އެ ފެސްޓިވަލް ބާއްވަނީ އެކި ރޮނގުތަކުން ދިވެހީންނަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމަށް ކަމަށެވެ. އެގޮތުން ކުޑަކުދިންނާއެކު އާއިލާތަކަށް ބައިވެރިވެވޭނެ ގޮތަށް، އެކި ހަރަކާތްތައް އެ ފެސްޓިވަލްގައި ކުރިއަށްގެންދާނެ ކަމަށް ޝިޢުރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޑްރޯން ޝޯއެއް ބާއްވާނެ ކަމަށާއި އެ ޝޯ އޮންނާނީ މިރޭ 21:00ގައި ކަމަށެވެ.

އެއަށްފަހު މިރޭ 12:00 ޖެހުމާއެކު ހަވާ އެރުވުން ވެސް އޮންނާނެ ކަމަށާއި، ވީހާ ވެސް ގިނަ ބަޔަކު ފެސްޓިވަލުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް ޝިޢުރީ ވިދާޅުވިއެވެ.

comment ކޮމެންޓް