އިންޑިއާގެ ތެލުގޫ ސިނަމާގެ އެންމެ މަގުބޫލު ފިލްމީތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާއާއި ރަޝްމިކާ މަންދަންނާގެ ކައިވެނި މި ފެށޭ އަހަރުގެ ފެބްރުއަރީ 26 ގައި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ވިޖޭއާއި ރަޝްމިކާގެ ގާތް މީހަކާ ހަވާލާދީ އެންޑީޓީވީއިން ބުނެފައިވަނީ މި ދެ ލޯބިވެރިންގެ ކައިވެނި އޮންނާނީ އިންޑިއާގެ ރާޖަސްތާނުގެ ސިޓީއެއް ކަމަށްވާ އުދޭޕޫރުގައި ކަމަށެވެ.
ހަމައެއާއެކު މި ކައިވެނީގެ ރަސްމިއްޔާތަށާއި ކައިވެންޏާ ގުޅިގެން ބާއްވާ ހަރަކާތްތަކަށް ދައުވަތު ދެވޭނީ ދެ ތަރިންގެ އާއިލާގެ މެންބަރުންނާއި ގާތް ރަހްމަތްތެރިންނަށް އެކަނި ކަމަށް ވެސް އެންޑީޓީވީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
ރަޝްމިކާއާއި ވިޖޭގެ ކައިވެނީގެ ވާހަކަތައް މީޑިއާގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާއިރު މި އަހަރުގެ އޮކްޓޯބަރު މަހު ދެ ތަރިން ވަނީ އެންގޭޖްވެފައި ކަމަށާއި އެންގޭޖްވި ރަސްމިއްޔާތުގައި އާއިލާގެ މެންބަރުން ބައިވެރިވި ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާތަކުން ބުނަމުން އަންނަ ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ އާއި ވިޖޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ވިޖޭ އާއި ރަޝްމިކާގެ ކައިވެންޏަށް ފަހު ފިލްމު އިންޑަސްޓްރީގެ މީހުންނަށް ޚާއްސަކޮށް ވަރަށް ބޮޑު ރިސެޕްޝަން ޕާޓީއެއް ހައިދަރުއާބާދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިހާރު ބޮލީވުޑަށް ވެސް ތައާރަފުވެފައިވާ ދެ ތަރިންގެ ލޯބީގެ ގުޅުން އަދި ކައިވެންޏާ ގުޅޭ ގޮތުން ދަ ހޮލީވުޑް ރިޕޯޓާއިންކުރި ސުވާލަކަށް ޖަވާބު ދެމުން ރަޝްމިކާ ބުނީ، ކައިވެންޏާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިންކާރު ނުކުރާނެ ކަމަށާއި ނަމަވެސް އެ ވަގުތު ޖެހުމުން އެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.
ދާދި ފަހުން ރިލީޒްކުރި ރަޝްމިކާގެ ފިލްމު "ދަ ގާލްފްރެންޑް"ގެ ޓްރެއިލާ ރިލީޒްކުރި ހަފުލާގައި ރިޕޯޓަރަކު ވިޖޭއާ ކައިވެނި ކުރާނަންތޯ އެހުމުން ބަތަލާ ޖަވާބުގައި ބުނީ ވިޖޭއާ ކައިވެނިކުރާނެ ކަމަށެވެ.
ރަޝްމިކާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ބޮލީވުޑް ފިލްމު "ކޮކްޓެއިލް 2" އަދި ތެލުގޫ ފިލްމު "މައިސާ" ހިމެނެއެވެ. ވިޖޭގެ އެންމެ އަވަހަށް ރިލީޒްވާނީ އަންނަ އަހަރުގެ ޑިސެންބަރު މަހު ސިނަމާތަކަށް ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާ ތެލުގޫ ފިލްމު "ރައުޑީ ޖަނަދާނާ"އެވެ.