ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ ސަސްޕެންޑްކޮށްފި

އެފްއައިޔޫގެ ވެރިޔާ ސާޖިދު: ----

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް މި ފަހުން އައްޔަން ކުރެއްވި އިސްމާއިލް ސާޖިދު ސަސްޕެންޑް ކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މި ހަފުތާގެ ތެރޭގައި ސާޖިދު ސަސްޕެންޑްކޮށް ވަނީ އޮފީހަށް ނުނިކުތުމަށް އަންގައިފައެވެ. ތުހުމަތު ކުރެވޭ މައްސަލައިގެ ފުރިހަމަ ތަފްސީލު އަދި ނުލިބެއެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފައެވެ.

https://www.sun.mv/209432

ސާޖިދު ސަސްޕެންޑް ކުރުމާ ގުޅޭގޮތުން އެމްއެމްއޭގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅައި, މެސެޖު ކުރުމުން ވެސް އެ ތަނުން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ސާޖިދު ކުރިން ހުންނެވީ, ޓެކްސް އެޕީލް ޓްރެބިއުނަލްގެ މެންބަރު ކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ.

ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަން ކުރެއްވުމަށް ފަހު, ކުރިން އެ މަގާމުގައި ހުންނެވި, އަޝްރަފު، ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައެވެ.

އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަޝްރަފަކީ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ގާނޫނީ ވަކީލެއްވެސް މެއެވެ.

ކުއްލި ގޮތަކަށް އަޝްރަފް މަގާމުން ދުރުކޮށްފައިވާއިރު, ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.

comment ކޮމެންޓް