ސްޓައިޕެންޑް ބޮޑުކުރުމަށް ނިންމައިފި، ޝަކުވާ ހުށަހަޅާ އެޕް އަންނަ މަހު ލޯންޗުކުރަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު: -- ފޮޓޯ/ މަޖިލީސް

ސްކޮލަޝިޕަށް ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ބޮޑުކުރުމަށް ނިންމައި، ދަރިވަރުން ޝަކުވާ ހުށަހަޅުމަށް ޚާއްސަ އެޕް އަންނަ މަހު ލޯންޗުކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫޫ) ވަނީ ސްޓައިޕެންޑް މައްސަލައިގައި މިނިސްޓަރަށް ތަފްސީލީ ރިޕޯޓެއް ފޮނުވައިފައެވެ. މި ރިޕޯޓުގައި މައިގަނޑުކޮށް ހިމަނާފައިވަނީ ސްޓައިޕެންޑާއި ޓިއުޝަން ފީ ލަސްވުމާއި، ރީއިމްބާސްމެންޓް ފައިސާ ޖަމާވެފައިނުވާ މައްސަލައިގެ އިތުރުން މިނިސްޓްރީއާ މުއާމަލާތްކުރުމުގައި ހުރި ދަތިތަކުގެ ވާހަކައެވެ. ކުޑޫ މި ރިޕޯޓު މިނިސްޓަރަށް ފޮނުއްވީ ބުރާސްފަތި ދުވަހެވެ.

ރިޕޯޓު ބިނާވެފައިވަނީ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ދެ ލިޔުމެއްގެ މައްޗަށް ކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ. ފުުރަތަމަ ލިޔުމުގައި ވަނީ ފައިސާގެ މުއާމަލާތްތައް ލަސްވާކަމަށް ބުނެފައެވެ. ޓިކެޓު ފައިސާއާއި އެހެނިހެން ޚަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރު ވެސް ފައިސާ ޖަމާވެފައިނުވާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި، ދަރިވަރުން ކުރާ ރަސްމީ މުއާމަލާތްތަކަށް އެވުޒާރާއިން ޖަވާބު ނުދިނުމުގެ ކަންބޮޑުވުން ވެސް ހިއްސާކޮށްފައިވެއެވެ. އެގޮތުން، ދަރިވަރުންގެ މެސެޖް "ސީން"ކުރުން ފަދަ ޝަކުވާތައް ރިޕޯޓުގައި ހިމަނާފައިވެއެވެ.
https://www.sun.mv/213665

ދަރިވަރުންގެ ޝަކުވާތަކަށް އަވަސް ޖަވާބު ނުލިބުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މިނިސްޓްރީން އަންނަނީ "ހަޔާ އެޑިއުކޭޝަން ސިސްޓަމް" ނަމުގައި ޚާއްސަ އެޕެއް ފަރުމާކުރަމުންނެވެ. އެންމެ ފަހުން މި އެޕްގެ މަސައްކަތް އޮކްޓޯބަރު މަހުގައި ނިންމޭނެ ކަމަށް ލަފާކުރި ނަމަވެސް އެޕް ލޯންޗްކުރެވިފައިނުވެއެވެ.

މިކަމާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އެޕް ޑިވެލޮޕްކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. އަދިވެސް އެޕް ޓެސްޓިން މަރުހަލާގައި ހުރި ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.

މި އެޕް ޖެނުވަރީ މަހުގައި ލޯންޗްކުރެވޭނެ ކަމަށް ޙައިދަރު މައުލޫމާތުދެއްވިއެވެ.

" ޖެނުވަރީ މަސް ނިމުމުގެ ކުރިން މި އެޕް ލޯންޗްކުރާނެ. އަޅުގަނޑުމެންނަށް އެޕް އިމްޕްލިމެންޓްކުރެވޭ ވަރުވާނެ. މިވަގުތު ކުރިއަށްދަނީ ޓެސްޓިން މަރުހަލާ" ޙައިދަރު ވިދާޅުވެފައިވެއެވެ.

ކުޑޫ ހުށަހެޅުއްވި ރިޕޯޓުގައި ހިމެނޭ ދެވަނަ ލިޔުމުގައި ވަނީ މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން، މިހާރުގެ އިންފްލޭޝަނާ ގުޅިގެން އެ ފައިސާއިން ޚަރަދުތައް ހަމަނުޖެހޭކަން ފާހަގަކޮށްފައެވެ.

މިކަމަށް އިޝާރާތްކުރައްވަމުން މިނިސްޓަރު "ސަން" އަށް ވިދާޅުވީ ސްޓައިޕެންޑް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ސްޓައިޕެންޑް ބޮޑުކުރެވޭނެ ވަކި ދުވަހެއް މިނިސްޓަރު ހާމަކުރައްވާފައިނުވެއެވެ.

"އަޅުގަނޑުމެން ނިންމައިފިން ސްޓައިޕެންޑް ރިވައިޒްކުރަން" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު: އަންނަ މަހުގައި "ހަޔާ އެޑިއުކޭޝަން ސިސްޓަމް" އެޕް ލޯންޗްކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެއާއެކު، ހައިދަރު ވަނީ ރިޕޯޓުގައިވާ ގިނަ މައްސަލަތައް މި ހަފުތާ ތެރޭގައި ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، މި ހަފުތާ ތެރޭގައި ދަރިވަރުންގެ ސްޓައިޕެންޑް ލަސްވުމުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ލަފާކުރައްވައިފައެވެ. އެކަމަކު، ސްޓައިޕެންޑް ލިބޭނީ މައުލޫމާތު ފުރިހަމައަށް ހުރި ލިޔެކިޔުންތައް ހުށަހެޅި ދަރިވަރުންނަށްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ދަރިވަރުން ކުރާ މުއާމަލާތްތައް އަވަސްކުރުމަށް ހައްލު ހޯދުމާ ސްޓައިޕެންޑް ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރަން މިނިސްޓްރީން ވިސްނާފައިވީ ނަމަވެސް ކުޑޫ ހުށަހެޅުއްވި ރިޕޯޓުގައި އެހެނިހެން މައްސަލަތައް ވެސް ހިމަނާފައިވެއެވެ.

މިނިސްޓްރީން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓުތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވުމުގެ މައްސަލަތައް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ބައެއް ދަރިވަރުންގެ ސްކޮލަޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ދަރިވަރުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ގެއްލުމާއި، އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި، އަދި ކަމާބެހޭ މުވައްޒަފުންނާއި ބައްދަލުނުވުން ފަދަ މައްސަލަތައް ރިޕޯޓުގައި ހިމެނެއެވެ.

ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ އަވަހަށް ޖަމާނުކުރުމުގެ މައްސަލަ ސޯޝަލް މީޑިއާގައި ވެސް ދައްކަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

https://www.sun.mv/215956

އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޙައިދަރު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް