މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން 50،000 ރުފިޔާ ހޯދުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ތުހުމަތުގައި ހައްޔަރުކުރީ، މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ނުވަ މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން ބުދަ ދުވަހެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން މި އަހަރުގެ މޭ މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާތައް ނަގާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުންނެވެ.