ތުރުކީގައި ފްލައިޓެއް ވެއްޓި ލީބިޔާގެ ސިފައިންގެ އިސްވެރިޔާ އަވަހާރަވެއްޖެ

ލީބިޔާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މުހައްމަދު އަލީ އަހުމަދު އަލް ހައްދާދު. އޭނާ ވަނީ ތުރުކީގައި ބޯޓެއް ވެއްޓުމުގެ ހާދިސާގައި މަރުވެފައި، ފޮޓޯ/ގެޓީ

ތުރުކީގައި މަތިންދާބޯޓެއް ވެއްޓި ލީބިޔާގެ ސިފައިންގެ ވެރިޔާ ،ޖެނެރަލް މުހައްމަދު އަލީ އަހުމަދު އަލް ހައްދާދު އަވަހާރަވެފައިވާ ކަމަށް ލީބިޔާގެ ބޮޑުވަޒީރު، އަބްދުލްހަމީދު ދްބެއިބާ ވިދާޅުވެއްޖެއެވެ.

ހައްދާދުގެ އިތުރުން، އިތުރު ހަތަރު މީހަކުވެސް އެ ހާދިސާގައި ވަނީ އަވަހާރަވެފައެވެ.

އެ ހާދިސާ ހިނގީ ލީބިޔާގެ ވަފުދު އަންކާރާގައި އޮތް ރަސްމީ ދަތުރަކުން އެނބުރި އައި މަގުމަތީގައި ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔަލިކާޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖެޓުގެ ސިގްނަލް ގެއްލިފައި ވަނީ ތުރުކީ ގަޑިން ރޭ 20:52 ހާއިރުއެވެ. އެއީ އަންކާރާގެ އެއާޕޯޓުން ނައްޓާލިތާ ގާތްގަނޑަކަށް 42 މިނެޓް ފަހެވެ.

ލީބިޔާގެ ޓްރިޕޮލީއަށް ދަތުރުކުރި ޖެޓާ ގުޅުން ކެނޑުމުގެ ކުރިން ކުއްލި ގޮތަކަށް ލޭންޑިން ރިކުއެސްޓެއް ނެރެފައިވެއެވެ. އޭގެ ފަހުން ބޯޓުގެ ބައިތައް އަންކާރާގެ ހުޅަނގު ދެކުނުން ފެނިފައިވާ ކަމަށާއި، ބޯޓު ވެއްޓުނު ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އަސްކަރީ ވެރިޔާއާއި އިތުރު އޮފިޝަލުން އަވަހާރަ ވުމަކީ އެ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބޮޑުވަޒީރު، ދުބެއިދާ ވިދާޅުވިއެވެ.

ޖެނެރަލް ހައްދާދާއި އޭނާގެ ޓީމު ތުރުކީއަށް ވަޑައިގެންފައި ވަނީ ދެގައުމުގެ އަސްކަރީ އަދި ސަލާމަތީ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރުމަށެވެ.

އަލްހަދާދަކީ ހުޅަނގު ލީބިޔާގެ އެންމެ އިސް އަސްކަރީ ކޮމާންޑަރެވެ. އޭނާ ވަނީ ބައިބައިވެފައިވާ ލީބިޔާގެ އަސްކަރިއްޔާ އެއްބައިވަންތަ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ.

ހައްދާދާ ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފްގެ މަގާމުގައި އަދާކުރައްވާފައެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ ލީބިޔާގެ ކުރީގެ ބޮޑުވަޒީރު ފާއިޒް އަލް ސަރާޖްއެވެ.

comment ކޮމެންޓް