ތަރުހީބު ކުޑަވުމުން ކޮރެއާގައި މާސްޓާސް ހެދުމުގެ 5 ސްކޮލާޝިޕަށް އަލުން ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ކޮރެއާއިން މާސްޓާސް ހެދުމުގެ 5 ސްކޮލާޝިޕަށް އެކަށީގެންވާ ވަރަށް ކުރިމަތި ނުލާތީ އަލުން ހުޅުވާލައިފި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

ދެކުނު ކޮރެއާއިން މާސްޓާސް ހެދުމަށް ސަރުކާރުން ހުޅުވައިލި ފަސް ސްކޮލާޝިޕަށް އެކަށީގެންވާ ވަރަށް ކުރިމަތި ނުލާތީ އަލުން ހުޅުވާލައިފިއެވެ.

ސަރުކާރާއި ކޮރެއާ އިންޓަނޭޝަނަލް އޭޖެންސީ (ކޮއިކާ) ގުޅިގެން ދެކުނު ކޮރެއާގައި ފަސް ދާއިރާއަކުން ފަސް ޔުނިވާސިޓީއެއްގައި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް އެ މުއްދަތުގައި އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަންތައް ލިބިފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުންޏެވެ.

އެއާއެކު އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ވަނީ އަލުން ހުޅުވާލައިފައެވެ. އެގޮތުން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި، މިނިސްޓްރީއަށް ފޯމުގެ ހާޑް ކޮޕީ ހުށަހަޅާނަމަ އެ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކޮރެއާއިން މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވައިލި ފަސް ދާއިރާއާއި އެ ދާއިރާތަކަށް ކިޔެވޭނެ ޔުނިވަސިޓީތަކަކީ:

  • މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑާ އީކުއާލިޓީ - އެވްހާ ވޮމެންސް ޔުނިވަސިޓީ
  • މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ސްމާޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ - ހަންޔަން ޔުނިވަސިޓީ
  • މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަޝިޕް - ކޮރެއާ ނެޝަނަލް ޔުނިވަސިޓީ އޮފް އެޑިއުކޭޝަން
  • މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފިޒިކަލް ޕޮލިސީ - ކޮރެއާ ޔުނިވަސިޓީ
  • މާސްޓާސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯމް - ސެއޯލް ނެޝަނަލް ޔުނިވަސިޓީ

އިއުލާނުގައިވާ ގޮތުން މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން އެ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗެލާސް ހާސިލްކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭނެއެވެ. މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހަށް 35 އަހަރު ނުފުރޭ ދަރިވަރުންނަށް ވުމުގެ އިތުރުން، މިނިސްޓްރީއާއި ޔުނިވާސިޓީގެ އެހެނިހެން ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭނެއެވެ.

އަދި ޓެސްޓް އޮފް އިންގްލިޝް ފޮރިން ލެންގުއޭޖް (ޓީއޯއެފްއެލް) އިން 570އަށް ވުރެ މަތިން ލިބިފައިވުން، ނުވަތަ އިންޓަނޭޝަނަލް އިންގްލިޝް ލެންގުއޭޖް ޓެސްޓް ސިސްޓަމް (އައިލެޓްސް) އިން މަދުވެގެން އޯވަރޯލް ސްކޯގެ ގޮތުގައި ހައެއް ލިބިފައިވުން، ނުވަތަ އެ ދަރިވަރަކު ކުރިމަތިލާ ޔުނިވާސިޓީގެ މިންގަނޑުތަކާ އެންގޮތަށް އިނގިރޭސި އެނގެން ޖެހޭނެ ކަމަށް، ޝަރުތުތަކުގައިވެއެވެ.

ހަމަ އެހެންމެ، މި ކޯސްތަކަށް ކުރިމަތިލެވޭނީ ކިޔެވުމަށް ލޯނެއް ނަގައިފިނަމަ އެ ލޯނެއް ގަވައިދުން ދައްކަމުންދާ ދަރިވަރުންނަށެވެ.

ސްކޯލާޝިޕްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް ހަތަރު ދަރިވަރުން ނޮމިނޭޓްކުރެވޭނެ ކަމަށާއި، އެ ދަރިވަރުންގެ ފޯމުތައް ހުށަހެޅުމުން ސްކޯލާޝިޕް ލިބޭ ދަރިވަރު ކަނޑައަޅާނީ ކޯސް އިންތިޒާމުކުރާ ފަރާތްތަކުން ކަމަށްވެސް، މިނިސްޓްރީން މައުލޫމާތުދެއެވެ.

comment ކޮމެންޓް