ބެއާއެއްގެ ތެރެއިން ޑުރަގު ފެނި، ވަންދޫން ފުލުހަކު ހައްޔަރުކޮށްފި

ތ. ވަންދޫ ބަނދަރުން ހައްޔަރުކުރި މުހައްމަދު ނަވާޒު: ފުލުހުން ބުނީ އޭނާ ޑުރަގަށް ޕޮޒިޓިވްކަމަށް --- ފޮޓޯ: އެމްވީކްރައިސިސް

ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާން ފުލުހަކު ހައްޔަރުކޮށް، މައްސަލަ ބަލައި ނިމެންދެން އޭނާ ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހަކު ހައްޔަރުކުރީ މިއަދު ހިނގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒެވެ.

އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫގެ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެ.

ނަވާޒު ހައްޔަރުކުރުމަށް ފަހު އޭނާއާއި އޭނާ ގެންގުޅުނު ތަކެތި ފުލުހުން ބަލައި ފާސްކުރިއިރު، އޭނާ އަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފައި ހުރި ކަމަށް ފާހަގަކުރެވިގެން ބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/215350

އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ނަވާޒު ހައްޔަރުކުރުމާ އެކު، ވަޒީފާއިން އޭނާ ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މާލޭގެ ސެލޫނަކަށް ވަދެ، އެ ތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެ ތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސްއެޅި މައްސަލައިގައި މިމަހުގެ ހަތްވަނަ ދުވަހު ފުލުހަކު ހައްޔަރުކުރިއެވެ. އޭގެ އިތުރުން ކުޑަކުއްޖަކަށް ފުލުހަކު ބިރުދެއްކި މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.

https://sun.mv/214264

އަދި، އައްޑޫ ސިޓީގެ ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ދައުވާ ކުރުމަށް މިދިޔަ މަހުގެ ކުރީކޮޅު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވެސް ވެއެވެ.

މީގެ އިތުރުން ވެސް އެކި މައްސަލަތަކުގައި ޝާމިލުވާ ފުލުހުން ހައްޔަރުކޮށް، މި އަހަރު ފިޔަވަޅު އަޅާފައިވެއެވެ. އަދި، ބައެއް ފުލުހުން ވަކިކޮށްފައި ވެސް ވެއެވެ.

comment ކޮމެންޓް