ސީރިއާގައި އައިއެސްއަށް ވަރުގަދަ ހަމަލާއެއް ދީފިން: ޓްރަމްޕް

އެމެރިކާ ސިފައިންގެ އެމް142 ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމެއް އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ސަރަހައްދުގެ ތެރޭގައި ބާއްވާފައި. ފޮޓޯ/އޭއެފްޕީ

ސީރިއާގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާ އާ ދެކޮޅަށް 'ބޮޑު' ހަމަލާއެއް ދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ އެ ހަމަލާ ދިނީ ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް އައިއެސްއިން ދިން ހަމަލާގައި ރައްދުގައި ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ ފައިޓާ ޖެޓްތަކާއި ހެލިކޮޕްޓަރުތަކާއި އާޓިލަރީތަކުން ސީރިއާގެ މެދުތެރެއިން 70އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ.

ޔޫރަޕާއި އެފްރިކާ އަދި އިންޑޯ ޕެސިފިކްގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ޑައިރެކްޓްކުރާ ސެންޓްކޮމް އިން ބުނީ އޮޕަރޭޝަން ހޯކްއައިގެ ނަމުން ނަން ދީފައިވާ އެ ހަމަލާ ދިނީ އިއްޔެ ހަވީރު ކަމަށެވެ.

އައިއެސްގެ މުހިންމު ވަސީލަތްތަކާއި ހަތިޔާރު އުފައްދާ ތަންތަނަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ ހަތިޔާރު ބޭނުންކޮށްފައިވާނެ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ޕަލްމައިރާ ސިޓީގައި އައިއެސްގެ ސިފައިންގެ ދެމީހަކާއި އެމެރިކާގެ މަދަނީ ތަރުޖަމާނަކު މަރާލުމާ ގުޅިގެން ޓްރަމްޕް ވަނީ އައިއެސްގެ ވަރުގަދަ ތަންތަނާ ދެކޮޅަށް ހަމަލާ ދެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށް ސީރިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ އެމެރިކާ މީހުންނާއި މުޅި ސަރަހައްދުގައި ތިބި ބައިވެރިންނަށް ގެއްލުންދޭން މަސައްކަތްކުރާ ޓެރަރިސްޓުންނަށް އެމެރިކާއިން އަދިވެސް ހަމަލާ ދޭނެ ކަމަށެވެ.

އެމެރިކާއިން ތާއީދުކުރާ ސީރިއާގެ އިއްތިހާދަކުން 2019 ވަނަ އަހަރު އައިއެސްގެ ކޮންޓްރޯލްގެ ދަށުގައި އެންމެ ފަހުން އޮތް ސީރިއާ ސަރަހައްދުގެ ކޮންޓްރޯލު ގެއްލިފައިވާ ކަމަށް އިއުލާނުކުރި ނަމަވެސް، އޭގެ ފަހުންވެސް އައިއެސް އިން ވަނީ ހަމަލާ ދީފައެވެ.

އދ.އިން ބުނާ ގޮތުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން އަދިވެސް 5،000 އާއި 7،000 އާއި ދެމެދުގެ އަދަދަކަށް ސީރިއާ އާއި އިރާގުގައި އެބަތިއްބެވެ.

އައިއެސްއާ ދެކޮޅަށް ހިންގާ ކެމްޕޭންގެ ތެރެއިން 2015 ވަނަ އަހަރުން ފެށިގެން އެމެރިކާ ސިފައިން ވަނީ ސީރިއާގައި ހަރަކާތްތެރިވެފައެވެ.

އައިއެސްއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ކޯލިޝަނަކާ ސީރިޔާ ވަނީ ދާދި ފަހުން ގުޅިފައެވެ. އދި އެކަމުގައި އެމެރިކާއަށް އެއްބާރުލުން ދޭނެ ކަމަށް ސީރިއާއިން ބުނެފައިވެއެވެ.

comment ކޮމެންޓް