އައްޑޫ ސިޓީގެ ގެއަކުން އިއްޔެ ވަގަށް ނަގައިފައިވާ ކާބޯތަކެތި ފުލުހުން ހޯދައި، އެ ގެއާ އަލުން ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، ހިތަދޫގައި ހުންނަ ރޫބީގެއިން ވަގަށް ނަގައިފައިވާ ތަކެތި، ހިތަދޫ ފުލުހުން ހޯދައި އެ ގެއާ އަލުން ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ ޕޯސްޓާއެކު ފުލުހުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ވަގަށް ނަގައިފައިވަނީ ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި ރިހާކުރު ހުރި ކަމަށް ބެލެވޭ ދެ ފުޅިއާއި، ޕީނަޓް ބަޓާ ފުޅިއަކާއި، ފަނި ގިރަން ބޭނުންކުރާ ފުޅިއަކާއި، ބިސްކޯދު ކަމަށް ބެލެވޭ އެއްޗެއް އަޅައިފައި ހުރި ޓައްޕަކާއި ގެރިކިރު ދަޅެއް ހިމެނެއެވެ.
މީގެ އިތުރުން ކޯސްޓުކިރު ދަޅަކާއި، ކްރަމްޕީ ފުޅިއަކާއި ބިސް ކޮތަޅަކާއި އެންމެ ޕާން ފޮއްޗެއް އޮތް ޓައްޕެއް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެ ހުރިހާ ފުޅިއެއްގައި ހުރި ތަކެތި ވެސް، ބެލެވޭ ގޮތުގައި ވަނީ ކުރިން ބޭނުންކޮށްފައެވެ.
އައްޑޫގެ ގެޔަކުން ކާބޯތަކެތި ވަގަށް ނަގައިފައިވާއިރު، މި ދުވަސްވަރަކީ ކާބޯތަކެތީގެ އަގު އުފުލެމުން އަންނަ ދުވަސްވަރެކެވެ.
މި އަހަރު ފުލުހަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 3,302 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެއީ ފުލުހަށް ހުށަހެޅި ޖުމްލަ މައްސަލަތަކުގެ 28.8 ޕަސެންޓެވެ.