މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފިއެވެ.
ރައީސް ރޭ ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ، ފަސޭހައިން މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭ ގޮތެއް ހަދައިދިނުމަށާއި މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގައި ފަސޭހަ އިންޒިތާމެއް ހަމަޖައްސައިދެއްވުމަށް އެދި ރައީސަށް ހުށަހަޅުއްވާފައެވެ.
އެ ކަންކަމަށް އިޝާރަތްކުރައްވައި އެ މަނިކުފާނު ވަނީ، ވައިގެ މަގުންނާއި ކަނޑު މަގުން އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގެ ވަގުތު 24 ގަޑިއިރަށް ދިގުކޮށްދެއްވާނެކަން އިއުލާނުކުރައްވާފައެވެ.

ރައީސް މުއިއްޒު: މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރައްވާނެކަން އެ މަނިކުފާނު ރޭ ހާމަކުރެއްވި ---- ފޮޓޯ/ ރައީސް އޮފީސް
މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށާއި ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށް ވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރަށް ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ކަންކަމަށް އިޝާރާތްކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މިމަސް ނިމުމުގެ ކުރިން ވީހާ ވެސް ގިނަބަޔަކަށް ފައިސާ ދޫކުރަން ކަމަށެވެ.
އެގޮތުން، އަންނަ ރޯދަ މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަޤީންކަން ވިޔަފާރިވެރިންނަށް ރައީސް ދެއްވިއެވެ.
ވެއާހައުސްއާއި އެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ މައްސަލާ ގުޅުވައި ރައީސް ވިދާޅުވީ، ހުޅުމާލެއިން ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.