އަހަރު ނިމެން ކައިރިވެފައިވާއިރު މި އަހަރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރި އަދަދުގެ 87 ޕަސެންޓް ނުލިބޭއިރު, ދަތުރުފަތުރު ކުރުމަށް ކަނޑައެޅި ބަޖެޓަށް ވުރެން އިތުރަށް އަށް މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި, ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ބުނާގޮތުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދަތުރުފަތުރު ކުރުމަށް ވަނީ 257.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެ ކަމަށް މުޅި މި އަހަރަށް ކަނޑައަޅާފައިވަނީ 249.1 މިލިއަން ރުފިޔާއެވެ.
އެހެންކަމުން އަހަރު ނިމެން 19 ދުވަސް ކުރިން ދަތުރު ފަތުރަށް ކުރި ހޭދަ، އަށް މިލިއަން ރުފިޔާ މި ވަނީ އިތުރުވެފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވެސް 1.6 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
ދަތުރުފަތުރަށް ކުރި ހޭދައިތުރުވިއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދު ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ. އެގޮތުން, މި އަހަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 2.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ލިބިފައިވަނީ 301.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަންދާޒާގެ 87 ޕަސެންޓް ނުލިބެއެވެ.
ހަމައެހެންމެ ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވެސް ދެ ގުނަ ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 612.2 މިލިއަން ރުފިޔާ ލިބުނެވެ.
ހިލޭ އެހީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު އެކަން ގިނަ މީހުން ގުޅުވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއެވެ. ގައުމުތަކާ އޮންނަ ގުޅުން ހީނަރުވުމާއި ޚާރިޖީ ދާއިރާ ލީޑް ކުރައްވަން އެ ދާއިރާގެ ތަޖުރިބާކާރުން ނެތުމާއެވެ.
ރާއްޖެއަކީ މީގެ ކުރިން ގައުމުތަކުން ހިލޭ އެހީއާއި ބަޖެޓް ސަޕޯޓް ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭ ގައުމެކެވެ. ނަމަވެސް، މި ސަރުކާރާއެކު އެ މަންޒަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.