މާލެއާއި ހުޅުމާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގޭންގުތަކާ ދެކޮޅަށް 28 އުޅަނދު ޗެކުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ވަނީ އެ މުއައްސަސާގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓުމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކުރި މަސައްކަތްތައް ހާމަކޮށްފައެވެ.
ފުލުހުން ބުނީ، ހުޅުމާލެއާއި މާލޭގެ ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 654 ފަހަރު ބަލައި ފާސްކުރެވުނު ކަމަށެވެ. އެ މުއްދަތެއްގެ ތެރޭގައި، 28 އުޅަނދެއް ޗެކުކޮށް، އެއް އުޅަނދު ވަނީ ޓޯކޮށްފައެވެ.
މީގެ އިތުރުން، 127 އިންޓަރެކްޝަނެއް ހަދާފައިވާ ކަމަށާއި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ހިނގާފައި ނުވަ ގަޑިއިރަށްވުރެ ގިނަ ވަގުތު ޕެޓްރޯލްކޮށްފައިވާ ކަން ފުލުހުން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލެއާއި ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތަށް ކުރާ މަސައްކަތްތަކުގެ ތަފްސީލުތައް ދޭތެރެއަކުން ހާމަކުރާއިރު، މަގުތަކުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.