ބޭސްފަރުވާއަށް އެންސްޕާއިން މިދިޔަ މަހު 35 މިލިއަންގެ އެހީ ދިން

އައިޖީއެމްއެޗްގައި ހުޅުވި އާސަންދައާއި އެންސްޕާގެ ޑިސްޕެޗް ކައުންޓަރު: އެންސްޕާއިން ވަނީ ބޭސްފަރުވާއަށް ޚަރަދުކުރަން ދަތި ފަރާތްތަކަށް 35 މިލިއަންގެ އެހީ ދީފައި ---

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމު މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހު 35 މިލިއަނެއްހާ ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ޚަރަދުކުރި ކަމަށް ދައްކައިފިއެވެ.

އިއްޔެ އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް 35.18 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ ރާއްޖޭން ފަރުވާކުރުމަށް 20.58 މިލިއަން ރުފިޔާ، އަދި ރާއްޖޭން ބޭރުން ފަރުވާކުރުމަށް 14.60 މިލިއަން ރުފިޔާއެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުން 1،526 ފަހަރު އެންސްޕާއިން ބަލިތަކަށް އެހީ ހަމަޖައްސައިދީފައިވެއެވެ.

އެގޮތުން ކެންސަރަށް ފަރުވާ ކުރަން 135 ފަހަރު އެހީ ހަމަޖައްސައިދިންއިރު، ކަށީގެ ބަލިތަކަށް 130 ފަހަރު، ވިހެއުމުގެ ކަންކަމަށް 124 ފަހަރު، ނޭވާލާ ނިޒާމުގެ ބަލިތަކަށް 112 ފަހަރު، އަދި މައިބަދައާއި ނާރުގެ ބަލިތަކަށް 109 ފަހަރު އެންސްޕާއިން އެހީ ހަމަޖައްސައިދީފައިވެއެވެ.

ރާއްޖޭން ފަރުވާކުރުމަށް އެންސްޕާއިން އެހީތެރިކަން ދިން ގޮތަށް ބަލާއިރު، އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދި ފަރުވާތަކަށް 3.05 މިލިއަން ރުފިޔާ، އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދި ފަރުވާތަކަށް 4.55 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވެއެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް އެންސްޕާއިން އެހީތެރިކަން ދީފައިވަނީ ވިހެއުމުގެ ކަންކަމަށް ފަރުވާ ހޯދި މީހުންނަށެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު 85 ފަހަރު ވިހެއުމުގެ ކަންކަމަށް އެންސްޕާއިން އެހީ ހަމަޖައްސައިދިން އިރު، އެއީ 1.11 މިލިއަން ރުފިޔާއެވެ.

އަދި ކަށީގެ ބަލިތަކަށް ފަރުވާ ހޯދަން އެންސްޕާއިން 59 މީހަކަށް އެހީތެރިކަން ދިން އިރު، އެއީ 1.46 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް