އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް އޮތް ޑިމާންޑް ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ރޭމް ނުވަތަ މެމޮރީ ޗިޕް ލިބުން ދަތިވެ، ކުރިއަށް އޮތް ތަނުގައި ނެރޭ ސްމާޓްފޯނުތަކުގެ ރޭމްގެ ސައިޒު ކުޑަކުރަން ޖެހިދާނެ ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިކަން ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެމްސަންގް އަދި އެސްކޭ ހައިނިކްސް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި މެމޮރީ ޗިޕް އުފައްދާ ކުންފުނިތަކުން، އާންމު ފޯނުތަކުގައި ބޭނުންކުރާ ޗިޕްތަކަށްވުރެ ބޮޑަށް، އޭއައި ސާވާތަކާއި ޑޭޓާ ސެންޓަރުތައް ހިންގުމަށް ބޭނުންވާ މަތީ ފެންވަރުގެ މެމޮރީ ނުވަތަ 'ހައި ބޭންޑްވިތް މެމޮރީ' (އެޗްބީއެމް) އުފެއްދުމަށް އިސްކަންދޭން ފެށުމެވެ.

ކުރިން ހީކުރީ ކުރިއަށް އޮތް ފްލެގްޝިޕް ފޯނުތަކުގައި 16 ޖީބީ ނުވަތަ 24 ޖީބީގެ ރޭމް އާންމު މިންގަނޑަކަށް ވާނެ ކަމަށް ---
މި ބަދަލާއެކު އާންމުކޮށް ފޯނުތަކާއި ލެޕްޓޮޕްތަކުގައި ބޭނުންކުރާ ޑީޑީއާރު ރޭމް އުފެއްދުން ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.
ޓެކްނޮލޮޖީ ދާއިރާގެ ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މީގެ ކުރިން ބެލެވިފައި އޮތީ ކުރިއަށް އޮތް ފްލެގްޝިޕް ފޯނުތަކުގައި 16 ޖީބީ ނުވަތަ 24 ޖީބީގެ ރޭމް އާންމު މިންގަނޑަކަށް ވާނެ ކަމަށެވެ. ނަމަވެސް، ރޭމް ލިބުން ދަތިވުމާއި އަގު ބޮޑުވުމުގެ ސަބަބުން، ފޯނު އުފައްދާ ކުންފުނިތަކުން ފޯނުގެ ރޭމް އިތުރުކުރުމުގެ ބަދަލުގައި އެ އަދަދު ދަށްކުރަން ނުވަތަ ކުރިން ހުރި ވަރުގައި ހިފަހައްޓަން މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ބައެއް މަތީ ފެންވަރުގެ ފޯނުތައް 16 ޖީބީގެ ބަދަލުގައި 12 ޖީބީއަށް، ނުވަތަ އެއަށްވުރެ ދަށްކޮށް ބާޒާރަށް ނެރުމަކީ އެކަށީގެންވާ ކަމެކެވެ.
ރޭމްގެ ސަޕްލައި މަދުވުމުން އޭގެ އަގު ވަނީ އުފުލިފައެވެ. ނަމަވެސް ފޯނު އުފައްދާ ކުންފުނިތަކުން ބޭނުންވަނީ ފޯނު ވިއްކާ އަގު ބޮޑުނުކޮށް، ކަސްޓަމަރުންނަށް އަތްފޯރާ ފަށެއްގައި ހިފެހެއްޓުމަށެވެ. އެހެންކަމުން ފޯނުގެ އަގު އެއްވަރެއްގައި ބެހެއްޓުމަށްޓަކައި ކުންފުނިތަކަށް ޖެހިފައިވަނީ ފޯނުގައި ބޭނުންކުރާ ރޭމްގެ އަދަދު މަދުކުރާށެވެ. މީގެ މާނައަކީ ކުރިއަށް އޮތް ތަނުގައި ނުކުންނަ މަތީ ފެންވަރުގެ ފޯނުތަކުގައި، ކަސްޓަމަރުން އުންމީދުކުރާ ވަރުގެ "ސްޕެކްސް" ތަކެއް ނެތުމެވެ.
މި ހާލަތުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ގޭމިން އާއި ބޮޑެތި މަސައްކަތްތަކަށް ފޯނު ބޭނުން ކުރާ މީހުންނަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ލޯންޗުކުރާ ފޯނުތަކުގެ އެންމެ މަތީ މޮޑެލްތަކުގައިވެސް ކުރިން ހީކުރި ވަރަށްވުރެ ރޭމް ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިއީ އޭއައި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ހާޑްވެއާ މާކެޓަށް އައި ބޮޑު ލޮޅުމެއް ކަމަށް ތަޖުރިބާކާރުން ސިފަކުރެއެވެ.