ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، މާރާމާރީ ހިންގުމުގެ ތުހުމަތުގައި އަނެއްކާވެސް ފުލުހަކު ހައްޔަރުކޮށް މިއަދު ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ފުލުހަކު މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރިއެވެ. އެއީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)އެވެ. އޭނާއަކީ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ.
އޭނާގެ މައްޗަށް ކުރީ، ސެލޫނަކަށް ވަދެ، އެ ތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެ ތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ފުލުހަކީ، މ. ކޮޅުފުށްޓަށް ނިސްބަތްވާ، 22 އަހަރުގެ މުހައްމަދު މައުސޫމެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން "ސަން"އަށް ބުނީ، އިއްޔެ 2:31ހާއިރު ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ދިޔުމަށް ފަހު އެނބުރި އައިސް، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި މާރާމާރީ ހިންގި ކަމަށެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ވަނީ މައުސޫމަކީ ފުލުހެއް ކަމަށްވެފައި، އޭނާއަކީ ގާނޫނު ނެގެހެއްޓުމުގައި މަތީ ދަރަޖައަކަށް ޒިންމާ އޮތް މީހެއްކަން ފާހަގަކޮށްފައެވެ.
ކޯޓުން ނިންމީ، އޭނާ ދެ ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށެވެ.
ފުލުހުން ބުނީ އޭނާއަކީ ކޮންސްޓެބުލް ރޭންކުގެ ފުލުހެއް ކަމަށާއި މިއަދުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ކުރިއަށްގެންގޮސް، އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބަންދުކުރި ފުލުސް މީހާގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާއަކީ ކުރިން ވެސް އެ ސެލޫނަށް ދާ މީހެއް ކަމަށެވެ. އަދި މާރާމާރީ ހިންގި ދުވަހު އޭނާ ހުރީ "ހަމައިގައި ނޫން" ކަމަށާއި އެއީ ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ހުރުމުން ކަމަށް އޭނާ ބުނެފައިވެއެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ، އޭނާ ވެސް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ މައްޗަށް ވެސް ޖިނާއީ އަދި އިދާރީ ތަހުގީގު ހިންގަމުން އަންނަ ކަމަށް ބުނެފައިވެއެވެ.