އޮސްޓްރިއާއިން 14 އަހަރުން ދަށުގެ ކުދިން ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އޮސްޓްރިއާގައި 14 އަހަރުން ދަށުގެ ކުދިން ސްކޫލަށްދާއިރު، ބުރުގާ އެޅުން ވަނީ މަނާކޮށްފައި. ފޮޓޯ/ގެޓީ

އުމުރުން 14 އަހަރުން ދަށުގެ އަންހެން ކުދިން ސްކޫލަށް ދާއިރު، ބުރުގާ އެޅުން މަނާ ކުރާ ބިލެއް އޮސްޓްރިއާއިން ފާސްކޮށްފިއެވެ.

އެ ބިލާ ގުޅިގެން ސެންޓްރިސްޓް ނުވަތަ މެދުމިނުގެ ސިޔާސަތަށް ތާއީދުކުރާ ކަމަށް ބުނާ އޯވީޕީ، އެސްޕީއޯ އަދި ނިއޯސް ޕާޓީގެ ކޯލިޝަނުން ބުނީ މިއީ ޖިންސީ ހަމަހަމަކަމަށް ފާސްކުރި ބިލެއް ކަމަށެވެ. ނަމަވެސް އެއީ އޮސްޓްރީއާގެ މުސްލިމުންނާ ދެކޮޅުވެރި ފިކުރެއް އާންމުވެދާނެ އަދި ގާނޫނުއަސާސީއާ ވެސް ޚިލާފު ބިލެއް ކަމަށް ބައެއް މީހުން ބުނެއެވެ.

އެ ބިލުގައިވާ ގޮތުން ސަރުކާރު އަދި އަމިއްލަ ސްކޫލްތަކުގައި ވެސް 14 އަހަރުން ދަށުގެ އަންހެން ކުދިންނަށް ސްކޫލަށް ދާއިރު ބުރުގާ މަނަލެވެ.

އެ ގައުމުގައި 2020 ވަނަ އަހަރު ވަނީ، އުމުރުން 10 އަހަރުން ދަށުގެ އަންހެން ކުދިން ސްކޫލަށް ދާއިރު ބުރުގާ އެޅުން މަނާކޮށް ބިލެއް ފާސްކޮށްފައެވެ. ނަމަވެސް އޮސްޓްރިއާގެ ގާނޫނުއަސާސީގައި ވަކި ދީނަކަށް އިސްކަން ދިނުން ނުވަތަ ތަފާތުކުރުމެއް ގެންގުޅުން މަނާކޮށްފައި އޮންނާތީ އެ ބިލުގެ މައްސަލަ ކޯޓުން ބާތިލު ކުރީއެވެ.

މިހާރު ފާސްކޮށްފައިވާ ބިލާ ދަރިވަރަކު ޚިލާފުވެއްޖެނަމަ ސްކޫލްގެ ކަމާބެހޭ ފަރާތްތަކާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލު ކުރަން ޖެހެއެވެ. ތަކުރާރުކޮށް ގަވާއިދާ ޚިލާފުވާނަމަ، ޗައިލްޑް އެންޑް ޔޫތު ވެލްފެއާ އެޖެންސީއަށް އެކަން އަންގަން ޖެހެއެވެ.

ގާނޫނާ ޚިލާފުވެއްޖެ ނަމަ ދަރިވަރުގެ ބެލެނިވެރިން ނުވަތަ މައިންބަފައިން 1،000 ޑޮލަރާ ހަމަޔަށް ޖޫރިމަނާކުރާނެއެވެ.

ސަރުކާރުގެ މެމްބަރުން ވަނީ އެއީ ޒުވާން އަންހެން ކުދިން ބާރުވެރިކުރުން ކަމަށާއި، އެއީ "އަނިޔާވެރިކަމުން" ރައްކާތެރި ކުރުން ކަމަށް ބުނެފައެވެ. އަދި މިއީ އެއްވެސް ދީނަކާ ދެކޮޅަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް ވޯޓުގެ ކުރިން ވާހަކަ ދައްކަވަމުން ލިބަރަލް ނިއޯސް ޕާޓީގެ ޕާލަމެންޓް ލީޑަރު ޔާނިކް ޝެޓީ ވިދާޅުވިއެވެ. މި ގާނޫނު ހިނގާނީ ގާތްގަނޑަކަށް 12،000 ދަރިވަރުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓްރިއާގެ އިދިކޮޅު ހަރުކަށި ކަނާތު ފިޔައިގެ ފްރީޑަމް ޕާޓީ އޮފް އޮސްޓްރިއާ (އެފްޕީއޯ) އިން ވަނީ މި ބިލަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. މި ބިލަކީ އަދި މާ ބޮޑު ބިލެއް ނޫން ކަމަށާއި މިއީ ފުރަތަމަ ފިޔަވަޅު ކަމަށާއި ހުރިހާ އުމުރެއްގެ ދަރިވަރުން ހިމެނޭ ގޮތަށް ހުރިހާ ސްކޫލަކަށް އަދި އާންމު ތަންތަނުގައި ވެސް މިގޮތަށް އަމަލުކުރަންޖެހޭ ކަމަށް އެ ޕާޓީން ބުންޏެވެ.

އިދިކޮޅު ގްރީންސްގެ ސިގްރިޑް މޯރާ ވިދާޅުވީ މިއީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށެވެ. އަދި އޮސްޓްރިއާގެ އިސްލާމިކް ކޮމިއުނިޓީ އައިޖީޖީއޯ އިން ބުނީ މިއީ އަސާސީ ހައްގުތައް ނިގުޅައިގަނެ، މުޖުތަމައު ބައިބައިކޮށްލާނެ ނިންމުމެއް ކަމަށެވެ. އަދި ބިލް މުރާޖައާ ކުރަން ގޮވާލައި، ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށް އައިޖީޖީއޯ އިން ބުންޏެވެ.

comment ކޮމެންޓް