ހިތުގައި ތިނަން ވާތީ... 11

"ދުވަސް މި ނިމުނީ..." އަޔާމް ދެފަރާތަށް ބޯ ހޫރައިލިއެވެ. "ކިހާވަރެއް ބިލަށް ވަނީ؟..."

********

އަޔާމް އޭނާގެ ޖުމުލަ ފުރިހަމަކުރުމެއްނެތި ނުކުމެގެން ދިޔުމުން، އިވްލީނަށް އުނދަގޫވިއެވެ. އެ ޖުމުލައިގެ ބާކީބައި އެނގެން އިވްލީންގެ ހިތް ކެތްމަދުވެފައިވާވަރު އަޔާމަށް އެނގޭނެނަމައެވެ. ވަގުތުން އެ ޖުމުލަ ފުރިހަމަކުރީސްކަން ގައިމެވެ. އާކިލްގެ ހަޔާތުގައި އެހެން އަންހެންކުއްޖަކު ހުންނާކަށް އިވްލީންގެ ހިތް އެއްބަހެއް ނުވެއެވެ. އާކިލްގެ ފޯނުން ރަތުނާގެ ނަން ފެނުމާއިއެކުވެސް އިވްލީންގެ ބޮލުގައި ރިއްސާލައިފިއެވެ. ޔަގީނުންވެސް ރަތުނާއަކީ އާކިލްގެ ހާއްސަ މީހެކެވެ. ނޫންނަމަ، ފުލުފުލުގައި ރަތުނާގެ އެތައް ކޯލެއް އާކިލްއަކަށް ނުލިބުނީހެވެ.

ބޭރުން އައިސް ވަން ރިމްޝާއަށް އިވްލީން ފެނުމުން ހުއްޓުން އެރިއެވެ. އިވްލީންގެ ނަޒަރު ހުއްޓިފައިވީ، ބޭރުގައި ހުރި އާކިލްއަށެވެ. ކަޅި ޖަހައިލުމެއްނެތި އާކިލްއަށް ބަލަން ހުރިއިރު، އިވްލީންގެ ދެލޮލުން ފެންނަމުންދިޔަ އަސަރުތައް ރިމްޝާއަށް ތަރުޖަމާ ކުރެވުނެވެ.

"ނޯ އީވް... އީވް ޖެހޭނެ ވަރަށް ސްޓްރޯންގް ވާން..." ރިމްޝާއަށް ހިތާއިހިތުން ބުނެވުނެވެ.

ރިމްޝާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިވްލީންގެ ކައިރީގައި ހުއްޓުނެވެ. އިވްލީންގެ ކޮނޑުގައި މަޑުމަޑުން ޖެހިލާފައި، ފޯނުގައި ހުރި އާކިލް ދައްކައިލިއެވެ.

"ބިޓާ މައްސަލައެއް ޖެހިގެން ކަންނޭނގެ..." ރިމްޝާ ބުނެލިއެވެ.

"ނޮޓް މައި ބިޒްނަސް..." އިވްލީން ދިނީ ފަރުވާކުޑަ ޖަވާބެކެވެ.

"އެކަމަކު، އީވްގެ ދެލޯ ހެކިދެނީ އެހެން ކަމަކަށް..." ރިމްޝާ ތުންފިއްތައިލިއެވެ.

"ކޮން ކަމެއްތަ؟..." އިވްލީން ވަގުތުން ޖޯޑުތައް ނަގައިގެން ފޮހެން ފެށިއެވެ.

"ހަމަ އޯކޭތަ އާކިލްގެ ބިޓެއް ހުއްޓަސް؟... އަހަންނަށް ތި ހިތް ފެންނާތީއޭ މި ސުވާލު ކުރަނީ...." ރިމްޝާ ބޭނުންވީ އިވްލީންގެ ހިތުން އާކިލްގެ ނަން ފޮހެލުމެވެ.

އިވްލީންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. ރިމްޝާ ބުނި އެއްޗަކާއިމެދު ވިސްނައިލަން އިވްލީނަށް މަޖުބޫރުވީއެވެ. އާކިލް އެހެން މީހަކާ ގުޅެން އިވްލީންގެ ހިތް ރުހިދާނެ ހެއްޔެވެ؟ އެހެން މީހަކާއިއެކީ އުޅޭ ތަން ބަލަން ކެތްވާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ އިވްލީން ވިސްނަންޖެހޭނެ ކަމެއް ނޫނެވެ.

********

ފަތިހު ހޭލިއިރު، އިވްލީންގެ ބޮލުގައި ގަދަޔަށް ރިއްސައެވެ. މެޔަށް ބާރުކޮށްފައި ހުރިވަރުން އިވްލީނަށް ފާހާނާއާއި ހަމައަށް ދެވުނީ ފާރުގައި ހިފަހައްޓަމުން ކަހަލަ ގޮތަކަށެވެ. އާދައިގެމަތިން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް މޭގައި ނުފިލާ ހުންނަ ރިހުން މިއަދު އިވްލީނަށް ކޮޅަށް ހުރުމަށް ދަތިކޮށްފިއެވެ. އިވްލީން އޭނާގެ މޫނުގައި ފެންފޮދެއް ހާކައިލުމަށްފަހު، ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ މީހާއަށް އައިސްފައިވާ ބަދަލު ހުދު އިވްލީނަށްވެސް ފާހަގަ ކުރެވުނެވެ. ދެލޯކައިރި ވަޅުވަދެ، ކަޅުވެއްޖެއެވެ. ދެލޮލުގައި ވިދުމެއް ނެތެވެ. މޫނުމަތީގައި ދިރުމެއް ނެތްއިރު، އިވްލީންގެ މޫނުގެ ކަށިތައް ހުރީ އެނގޭށެވެ. ގިނަ ދުވަހު ބަލި އެނދުގައި އޮވެފައި ތެދުވި މީހެކޭ އިވްލީނެކޭ ތަފާތެއް ނެތެވެ. އެކަމަކު، އެ ބަލި ހާލުގައި ޑޮކްޓަރަކަށް ދައްކާކަށް އިވްލީން ބޭނުމެއް ނުވެއެވެ. އޭނާ ބަލިއެނދުގައި އޮންނަން ޖެހިއްޖެނަމަ، މަހުމޫދަށް އަޅާލާނީ ކާކު ހެއްޔެވެ؟ ހަރަދުތައް ފޫބައްދަން ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟

"ޔޫ އާރ ފައިން... ބައްޕައަށްޓަކާ އަހަރެން ޖެހޭނެ ވަރަށް ސްޓްރޯންގް ވާން...." އިވްލީން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އެކަމަކު، އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލޯގަނޑުން އިވްލީން އޭނާގެ ސޫރައަށް ބަލަން ހުއްޓައެވެ.

އިވްލީން ފާހާނާއިން ނުކުތްއިރު، މަހުމޫދު އޮތީ ހޭލައެވެ. ދަރިފުޅުގެ މޫނުން ފެނުނު ވަރުބަލިކަމާއި، ފާހާނާގައި ހުރެ، އިވްލީން ކެއްސި އަޑުން މަހުމޫދުގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

"ދަރިފުޅު ރޭގަ ނިދިންތަ؟..." މަހުމޫދު އަހައިލިއެވެ.

އިވްލީން ބޯ ޖަހާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ގައިގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ހޯދުމަށް ބޭސްގުޅައެއް ކެއެވެ. އޭނާ ނަމާދުކޮށްގެން ނުކުތްއިރު، މަހުމޫދު އިނީ ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. އިވްލީން މަޑުމަޑުން ހިނގާފައި ގޮސް މަހުމޫދަށް ސައި ތައްޔާރުކުރަން ފެށިއެވެ. ބޭސް ކެއުމުން އިވްލީނަށް ލުއިވިއެވެ.

"ދަރިފުޅު އަމިއްލަ ނަފުސަށް ބަލަންވެއްޖެ... މާ ބުރަކޮށް ތި އުޅެނީ... އެންމެ ދުވަހެއްވެސް އަރާމުކޮށްނުލާ..." އިވްލީންގެ ހަރަކާތްތަކަށް ބަލަން އިން މަހުމޫދަށް ބުނެވުނެވެ. "ދަރިފުޅުގެ މަންމަ ބުނާނެ މަސައްކަތް ކުރަންވާނީ އެމީހަކަށް އެކަމަށް ކެރި ކުޅަދާނަވެގެންވާ މިންވަރަކުންނޭ... ނޫނީ މީހާ ހަލާކުވެގެން ހިނގައިދާނެއޭ..."

މަންމަގެ އަޑު އިވުމުން، އިވްލީންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. މަމްދޫހާ ދުނިޔޭގައި ހުރިނަމަ، އިވްލީން ކިހާ ނަސީބުވެރިވީސް ހެއްޔެވެ؟ އިވްލީން މަޑުމަޑުން އޭނާގެ ކަރުގައި އޮތް ފަށުގައި އަތް ޖައްސައިލިއެވެ.

"އެއީ މާބޮޑަށް ވަރުބަލިވެފަ ހުރީމައޭ ބައްޕާ.... އިއްޔެ ވަރަށް ގިނަ އޯޑަރުތަކަށް އެއްޗެހި ތައްޔާރުކުރަން ޖެހުނު..." އިވްލީން ހިނިތުންވެލުމަށްފަހު، މަހުމޫދަށް ސައި ތައްޔާރުކުރަން ފެށިއެވެ.

"ދަރިފުޅުވެސް ގެއިން ސައިބޮއެގެން ދާނަމަ..." އިވްލީނަށް އެއްވެސް ކަމެއް މަޖުބޫރުކުރާކަށް މަހުމޫދު ބޭނުމެއް ނުވެއެވެ.

"މިއަދު ނެތް މަޑުކުރެވޭކަށް..." ސައިތަށި މަހުމޫދުގެ ކައިރިއަށް ލައިދެމުން އިވްލީން ބުނެލިއެވެ. "އެބަ އާދޭ މާލެއިން ބަޔަކު... ބޮޑު އޯޑަރެއް ލިބިފަ އޮތީ... އެކޮޅަށް ގޮސް ކާނަމޭ... ބައްޕަ ހާސްނުވޭ!..."

********

ކެފޭގެ މަސައްކަތްތަކުގައި އިވްލީން އަވަދިނެތި އުޅެމުންދިޔައިރު، ރިމްޝާ އާއި މިރާހްވެސް އެހީތެރިވެދޭން އުޅުނެވެ. އަށެއް ޖެހިއިރު، ގިނަ މަސައްކަތްތައް ނިންމާ، އިވްލީނަށް ހިންދެމިލެވޭވަރުވިއެވެ. މޭޒުތައް އެތުރުމުގެ މަސައްކަތުގައި މިރާހު އުޅެމުންދިޔައިރު، ރިމްޝާ އުޅުނީ މޭޒުތަކުގައި ތަށިތައް އަތުރާށެވެ. ފިހެފައި ހުރި އެއްޗެހިތައް ތަށިތަކުގައި އަތުރަން ހުރި އިވްލީން ސިހުނީ ރިމްޝާ ދުވެފައި އައިސް އިވްލީން އަނެއް ފަރާތަށް އަނބުރުވައިލުމުންނެވެ. ކުއްލިއަކަށް ރިމްޝާ ކުރި ކަމަކުން އިވްލީންގެ އަތުން ޓްރޭ ބަންޑުންނުވީ ކިރިޔާއެވެ. މިރާހުވެސް ކުރަންހުރި މަސައްކަތް ހުއްޓާލައިގެން ރިމްޝާމެންނަށް ބަލަން ހުއްތެވެ.

"އީވް... ޕެނިކްވާނަންތަ؟..." ރިމްޝާގެ މޫނުން ސަމާސާއެއް ނުފެނެއެވެ.

"ކޮންކަމަކާ؟... ރިމޫ ތިހެން ހެދީމަ ޕެނިކްވީ..." އިވްލީން އުޅުނީ އަނެއް ފަރާތަށް އެނބުރޭށެވެ. ރިމްޝާ ވަގުތުން އިވްލީންގެ ދެކޮނޑުގައި ހިފެހެއްޓިއެވެ.

"އެއްވެސް އެއްޗެއް ފެނިއްޖެއްޔާ ޕެނިކް ވާނަންތަ؟..." ރިމްޝާގެ ނަޒަރު ހުއްޓިފައިވީ ކެފޭއިން ބޭރަށެވެ. "ބުނެބަލަ... ވާނަންތަ؟..."

"ކޯއްޗެއްތަ؟... ކުރަތްޕެއް؟..." އިވްލީން އުޅުނީ ސަމާސާ ކުރާށެވެ. "އަހަންނަށް ޔަގީން ކުރަތްޕެއް ފެނިއްޖެއްޔާ، އަހަންނަށްވުރެ ކުރިން ރިމޫ ދުއްވައިގަންނާނެކަން..."

އިވްލީން ދެއްކި ވާހަކައަށް ސަމާލުކަމެއް ދެވޭވަރަށްވުރެ ރިމްޝާގެ ހާސްކަން އިތުރެވެ. ކެފޭގެ ބޭރުގައި ހުރި އާކިލްގެ އަތުގައި ހިފާލައިގެން ހުރީ ޒުވާން އަންހެން ކުއްޖެކެވެ. އައު މޫނެއް ނޫނެވެ. ރަތުނާއެވެ. ރަތުނާގެ ހިނިތުންވުމާއި އާކިލްއާއި ގާތްވެލައިގެން ހުރިގޮތުން، އެދެމީހުންގެ މެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން އެކަކަށްވެސް ސިއްރެއް ނުވާނެއެވެ. ރިމްޝާ ހާސްވީ ކުއްލިއަކަށް އިވްލީނަށް އެ މަންޒަރު ފެނުމުން، ވާނެގޮތެއް ނޭނގޭތީއެވެ. ރިމްޝާ ބަލަން ހުރުމުން، މިރާހުވެސް އާކިލްމެންނަށް ބަލައިލިއެވެ. ފެނުނު މަންޒަރުން މިރާހަށްވެސް ލިބުނީ ހައިރާންކަމެކެވެ.

"ކޯއްޗެއް ފޮރުވަންތަ ތިއުޅެނީ؟..." އިވްލީން ކުއްލިއަކަށް ފަސްއެނބުރި ބަލައިލިއެވެ.

ފެނުނު މަންޒަރުން އިވްލީންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އޭނާގެ ހިއްސުތައް މަސައްކަތް ކުރުން ހުއްޓައިލިއެވެ.

"ރަތުނާ!... އާހް..." އިވްލީނަށް ހިތާއި ހިތުން ބުނެވުނެވެ.

"އީވް.." ރިމްޝާ ހާސްވިއެވެ. އިވްލީންގެ ކޮނޑުގައި ހިފައި، މަޑުމަޑުން ތަޅުވައިލިއެވެ.

"ކީއްވެ؟... އާކިލް ކީއްވެ އޭނަ މިތަނަށް ގެނައީ؟... އަހަރެންގެ ކުރިމައްޗަށް ގެނައީ ކީއްވެ؟..." އިވްލީންގެ ދެލޮލަށް ކަރުނަ ޖަމާވީ އިހުތިޔާރުން ބޭރުގައެވެ. ހިތުގައި އުފެދުނު އެތައް ޝަކުވާއެއް ދުލާއި ހަމައަށް ގެންނާނެ ހިތްވަރެއް އޭނާއަށް ނުލިބުނެވެ.

ރިމްޝާ އަވަސް އަވަހަށް އިވްލީން ގޮނޑިއެއްގައި ބޭންދިއެވެ. މަޑުމަޑުން ބުރަކަށީގައި ފިރުމައިލިއެވެ.

"މީ އާކިލް ގަސްދުގަ ކުރާ ކަމެއް... ހަމަ ޔަގީން..." ރިމްޝާ ހިތްހަމަނުޖެހުނީ އާކިލް ދެކެއެވެ.

"އާކިލްގެ މަގުސަދަކީ އެއީ ކަމަށްވަންޏާ، އެކަން ކާމިޔާބުވެއްޖެ..." އިވްލީން އިސްތިރިކޮށްލީ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުންނެވެ.

މަންޒަރު ބަލަން ހުރި މިރާހުގެ ދެއަތް މުށްކެވުނެވެ. ހިތްހަމަނުޖެހުނުވަރުން އޭނާގެ ނޭވާ އަވަސްވިއެވެ. އަވަސް އަވަހަށް އެތެރޭގެ މަސައްކަތް ނިންމާފައި އޭނާ ބޭރަށް ނުކުތެވެ. އޭރުވެސް އާކިލްމެން ތިބީ ބޭރުގައެވެ. އިވްލީނަށް ފެންނަ ހިސާބުގައެވެ. އާކިލް ބޭނުންނަމަ، އިވްލީނަށް ނުފެންނަ ހިސާބެއްގެ މޭޒެއްގެ ކައިރީގައިވެސް ތިބެވުނީހެވެ.

"ހާދަ ހިތްފަސޭހައޭ... ރީތި ވައިރޯޅިތައް...." އާކިލްގެ މޭގައި ލައްވެލަން މަސައްކަތް ކުރަމުން ރަތުނާ ބުނެލިއެވެ. "މި ޓޭބަލް އެންމެ ބެސްޓީ... އެކަމަކު އިށީންނަ ހިތެއް ނުވޭ... މިތާ ކޮޅަށްހުރެ، ބީޗަށް ބަލަން ހުންނަ ހިތް ވަނީ.... މިހާރު ހިތަށް އަރާ މަންމަ ބުނިހެން އާކް މިކޮޅަށް އައިއިރު އެކީ އާދެވުނުނަމައޭ..."

އާކިލް މަޑުމަޑުން ރަތުނާ އާއި ދުރަށްޖެހުނެވެ. އޭނާއަށް އަވަސް ނަޒަރެއް ދެވުނީ އިވްލީނަށެވެ. އެ މަންޒަރު އިވްލީނަށް ފެންނަން ހުދު އާކިލްގެ ހިތްވެސް ބޭނުން ނުވީ ކީއްވެ ކަމެއް އޭނާއަށް ނޭނގުނެވެ. ކައުންޓަރުގެ ކައިރީގައި ރިމްޝާ ކޮޅަށް ހުރިއިރު، ފުރަގަހުން އިވްލީންގެ އިސްތަށިގަނޑުން ބައެއް ފެނެއެވެ. ކޮޅަށް ހުރެފައި އިވްލީން އިށީނީ ކީއްވެ ހެއްޔެވެ؟ ރިމްޝާގެ މޫނުން ފެންނަމުންދިޔަ ހާސްކަން ރަމްޒުކޮށްދިނީ އިވްލީނަށް ކަމެއް ވެއްޖެކަމެވެ. އެކަމަކު ކޮން ކަމެއް ހެއްޔެވެ؟ އާކިލްއަށް އެނޫން ކަމަކާއި ނުވިސްނުނެވެ.

"އޯޑަރ ރެޑީވެފަ ހުރީ.... ޑްރިންކްސް؟..." މިރާހުގެ އަޑަށް އާކިލް ދިޔައީ ސިއްސައިގެންނެވެ. "އެކޮޅު ޓޭބަލް ހިޔާވާނެ... އެތަން ރެޑީކޮށްލަދެންތަ؟..."

"އަޑުއެހިން ވަރަށް މީރު ކޮފީ ލިބޭ ތަނެކޭ..." ރަތުނާ މިރާހަށް ހިނިތުންވެލިއެވެ. "މަޑުކުރޭ!... އެތެރެއަށް ވަދެލާފަ އޯޑަރުކޮށްލަފާނަން..."

"އެތެރެއަށް ދަނީ ކީއްކުރަން؟.." އާކިލް ބޭނުންވީ ރަތުނާ ހުއްޓުވާށެވެ.

"ބަލާލަން..." ރަތުނާ އާކިލްއަށް ބަލައިލީ މާނަފުން ނަޒަރަކުންނެވެ.

"މެނޫ ގެނެސްދެންތަ؟..." އާކިލް އެއްޗެއް ބުނުމުގެ ކުރިން މިރާހު ބުނެލިއެވެ.

ރަތުނާ ވަކި އެއްޗެއް ނުބުނެ، ފަރި ހިނގުމެއްގައި ގޮސް ކެފޭގެ ދޮރު ހުޅުވައިލިއެވެ. މިރާހު ދަތްތަކަށް ބާރުކޮށްލަމުން އާކިލްއަށް ބަލައިލީ އިންޒާރެއް ދޭ ފަދައިންނެވެ. އެ ނަޒަރުން ރަތުނާ ހުއްޓުވާށޭ ބުނި ކަހަލައެވެ. އާކިލް ގަސްދުގައި އިވްލީންގެ ހިތަށް ތަދުކުރަން އެހެން އުކުޅެއް ބޭނުންކުރަން ފެށީއެވެ. އެއީ މިރާހަށް ވިސްނުނު ގޮތެވެ. ހުދު ކޮންމެ މީހަކަށްވެސް ވިސްނޭނެ ގޮތެވެ.

ދޮރުގެ ބެލް އެޅުނު އަޑާއި އެކުވެގެން ދިޔައީ ރަތުނާ އަރައިގެން ހުރި ފުންނާބު އުސް ފައިވާނުގެ ފިޔަވަޅުތަކުގެ އަޑެވެ. އޭނާ ޖަހައިގެން ހުރި ސެންޓްގެ ވަސް މުޅި ތަނުގައި ހަރުލައިގެން ދިޔައެވެ.

"އީވް ތެދުވާނެކަމެއް ނެތް... ތިތާ އިނދޭ....." ރިމްޝާ މަޑުމަޑުން ބުނެލިއެވެ.

ރަތުނާ ކައުންޓަރާއި އަރާ ހަމަވުމުގެ ކުރިން، އިވްލީން އަމިއްލަ ނަފުސު ހަމައަކަށް އަޅުވާފައި، ތެދުވިއެވެ. ރަތުނާ އާއި ކުރިމަތިލީއިރު، އިވްލީންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އިވްލީން ފެނުމުން، ރަތުނާ ފާޑަކަށް ބަލަން ހުރެފައި، ގަދަކަމުން ހިނިތުންވެލިއެވެ.

"އޯހް ހާއި އިވްލީން..." ރަތުނާ އަތުން ހަނާ އަޅައިލިއެވެ. "ފައިނަލީ މިތަނަށް ވަދެވިއްޖެ... އާކިލް އަބަދު ދައްކާނީ މި ކެފޭގެ ވާހަކަ... ދެން އޮތީ، އިވްލީންގެ އަތުން ގިރާ ކޮފީއެއް ރަހަބެލުން...."

ރިމްޝާ މަޑުމަޑުން އިވްލީންގެ ފައިގައި ޖަހައިލިއެވެ. ހަމަޖެހިލައިގެން ޖަވާބު ދިނުމަށް އެދުނެވެ. ރަތުނާގެ ކުރިމަތީގައި އިވްލީންގެ ހިތުގެ ހާލު ބޭޒާރުވެގެން ދާކަށް ރިމްޝާ ބޭނުމެއް ނުވިއެވެ.

"އިށީނދޭ..." އިވްލީން ގޮނޑިއަށް އިޝާރާތްކުރިއެވެ. "ކޮންކަހަލަ ކޮފީއެއް ބޭނުންވަނީ؟..."

"އާކިލް އަބަދު އޯޑަރުކުރާ ކަހަލަ ކޮފީއެއް... އެ ކޮފީއެއްގެ މީރުކަން ހުރިވަރެއް ބަލާލަން އެބަ ޖެހެއެއްނު...." ރަތުނާގެ އަޑުގައި އެކުލެވިގެންވި މަލާމާތުގެ ރާގު އެންމެ ބޮޑަށް ފާހަގަވި އެކަކީ އިވްލީނެވެ. އެކަމަކުވެސް އޭނާ ކެތްތެރިވިއެވެ. ކެތްނުވީ ރިމްޝާއަށެވެ.

ރިމްޝާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބޭރަށް ނުކުތެވެ. އޭރު އާކިލް ހުރީ އިވްލީނަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އޭނަގެ އެކްސްޕްރެޝަން ބަލަންތަ ތި ހުންނަނީ؟... ވަރަށް ދެރަވޭތޯ، ހިތް ފަޅައިގެންދޭތޯ.." އާކިލްގެ ކުރިމަތީގައި ހުއްޓިފައި، ރިމްޝާ ހިތްހަމަނުޖެހިގެން ބުނެލިއެވެ.

"އަހަންނަށް އެނގޭ އީވް ދެރަވާނެކަން... އަހަރެން ބޭނުމެއް ނޫން އީވް..." އާކިލް އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު