މެޓާ ކުންފުނިން އެ ކުންފުނީގެ މައި އެޕްލިކޭޝަން ކަމަށްވާ ފޭސްބުކްގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މެޓާވާސްއަށް ދެމުން އައި ސަމާލުކަން ކުޑަކޮށް، ރަޙްމަތްތެރިންނާއި ފޮޓޯ އަދި މާކެޓްޕްލޭސްއަށް އިސްކަންދޭން ނިންމައިފިއެވެ.
މި ބަދަލުތައް ގެންނަން ނިންމީ މެޓާވާސްގެ މަސައްކަތްތަކަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަޤުބޫލު ފީޗާސްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުންނެވެ.
އަލަށް ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ފޭސްބުކް މާކެޓްޕްލޭސްއަށް ދީފައިވާ އަހަންމިއްޔަތުކަމެވެ. ޒުވާން ޖީލު ނުވަތަ 'ޖެން ޒީ' ގެ މެދުގައި މާކެޓްޕްލޭސްގެ މަޤުބޫލުކަން އިތުރުވަމުންދާތީ، ކުރިން މެނޫގެ ތެރޭގައި ފޮރުވިފައި އިން މާކެޓްޕްލޭސް އައިކޮން، ދެން ފެންނަން އިންނާނީ އެޕްލިކޭޝަންގެ ތިރީގައިވާ މައި ނެވިގޭޝަން ބާގައެވެ.
މީގެ އިތުރުން ފޮޓޯތަކަށް ވެސް ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ. އިންސްޓަގްރާމެކޭ އެއްފަދައިން، ފޭސްބުކް ފީޑްގައިވާ ފޮޓޯއަކަށް "ޑަބަލް-ޓެޕް" ކޮށްލުމުން ދެން ލައިކް ކުރެވޭނެއެވެ. އަދި ސާޗް ކުރުމުގައި ފޮޓޯއާއި ވީޑިއޯ ފުލް-ސްކްރީންކޮށް ބަލާލެވޭނެ އާ ގޮތްތަކެއް ވެސް ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރުމާއި ޕޯސްޓް ކުރުމަށް ވެސް ލުއިފަސޭހަތަކެއް ގެނެސްފައިވާއިރު، ޔޫޒަރުންގެ ޕްރޮފައިލްތައް އަޕްޑޭޓްކޮށް، މީހާގެ ހޮބީއާއި ޝައުޤުވެރިކަން ހުންނަ ކަންކަން ހިއްސާކުރުމަށް އިތުރު ފުރުޞަތުތައް ވަނީ ހުޅުވާލާފައެވެ.
މި އާ ފީޗާސްތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތަޢާރަފުކުރަމުން ގެންދާނެ ކަމަށް މެޓާއިން މަޢުލޫމާތު ދެއެވެ.
ފޭސްބުކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓާއިން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ 'މެޓާވާސް' ގެ ޓެކްނޮލޮޖީ ތަރައްޤީކުރުމަށެވެ. އެހެންނަމަވެސް، އެކަމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވުމާއި، އެމެރިކާ ފަދަ ބޮޑެތި މާކެޓްތަކުގައި ފޭސްބުކްގެ ކުރިއެރުން މަޑުޖެހިފައިވުމުން، ކުންފުނީގެ ސްޓްރެޓެޖީއަށް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ. ޚާއްޞަކޮށް ޒުވާން ޖީލު (ޖެން ޒީ) ގެ މެދުގައި ފޭސްބުކްގެ މާކެޓްޕްލޭސް މަޤުބޫލުވަމުން އަންނާތީ، މިއީ އެ އެޕްލިކޭޝަންގެ މުހިންމުކަން ދެމެހެއްޓުމަށާއި ޒުވާނުން އެޕްލިކޭޝަނަށް ޝައުޤުވެރިކުރުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.