13 މިލިއަން ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ބަންދުން ދޫކޮށްލައިފި

(ވ) ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) --

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި, ދެ ވިޔަފާރިވެރިން ކަމަށްވާ, ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި), ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓުމަށްފަހު އެމްޕީއެލާ ހަވާލުކުރި ދެ ކޮންޓެއިނަރުގެ 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހެވެ. އެ މައްސަލައިގައި މިހާތަނަށް 11 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި އާއްޓޭ އާއި ދިގަލި, ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ. އެއަށް ފަހު ކޯޓުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައެވެ. އެ ދެ މީހުންނަށް ތުހުމަތު ކުރަނީ މި ވައްކަމަށް ފަންޑު ކުރި ކަމަށެވެ.

https://www.sun.mv/212717

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި މިދިޔަ ބުދަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ އޮފީހުން އަންނަނީ ކުރަމުން ކަމަށް ޕީޖީން ބުންޏެވެ. އެގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެ މީހުންގެ މައްޗަށް ކުރެވޭ ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު އެ އޮފީހުން މިއަދު ވަނީ މުރާޖަޢާކޮށްފައި ކަމަށެވެ.

އެގޮތުން މި ކުށުގެ އަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ދިގަލި ވަޙީދާއި، އާއްޓޭގެ އިތުރުން ކޮންޓެއިނަރު ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ޕީޖީން މިއަދު އެދުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

ޕީޖީއިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީއިން ބުންޏެވެ.

13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ބައެއް މީހުން: -- ފޮޓޯ/ ފުލުހުން

ހަމައެހެންމެ ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފަކީ މި މައްސަލަ ޕީޖީއަށް ހުށަހެޅިއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖަޢާކުރަންޖެހޭ ޙާލަތެއް ނެތް ކަމަށް އެ އޮފީހުން ބުންޏެވެ.

އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީ, ކަމަށް ޕީޖީން ބުންޏެވެ.

https://sun.mv/213511

އެ މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މި ވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ. ސަބަބެއް ކަމަށް އެ އޮފީހުން ބުނީ އެ މީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެ މީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

މި މައްސަލާގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު އެ އޮފީހުން މުރާޖަޢާކުރާނެ ކަމަށް ޕީޖީއިން ބުންޏެވެ.

comment ކޮމެންޓް