ސަރުކާރުން މަސްވެރީންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން، އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކޮށްފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ އިއްޔެ ހެނދުނު 09:00ގައެވެ. އެ ޔޫނިއަނުން އަންނަނީ, ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށާއި ސަރުކާރުގެ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް އެ ޔޫނިއަނުން ބުނެފައިވާއިރު، ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމަށް ފުލުހުން އިންޒާރުދީފައިވާ ކަމަށް އެ ޔޫނިއަނުން އިއްޔެ ބުނެފައިވެއެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، ފުލުހުން ދޯންޏަކަށް އަރައި، ތިން މީހުން ހިފަހައްޓައިގެން ފުލުހުންގެ ލޯންޗަކަށް އަރުވާ މަންޒަރު ފެނެއެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން "ސަން"އަށް ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި ކަމަށެވެ. އެއަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މަސްވެރިންގެ އިހުތިޖާޖު: ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
އެގޮތުން ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި ކަމަށް ބުންޏެވެ.
އޭގެ ފަހުން ފުލުހުން ވަނީ، ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.
އެ މީހުންގެ ތެރޭގައި މައުރޫފް ހިމެނޭކަން ފުލުހުން ފާހަގަކުރިއެވެ.
އިއްޔެ ރާއްޖެ ޓީވީއަށް މައުލޫމާތުދެއްވަމުން، މައުރޫފް ވިދާޅުވީ، މި އަހަރުގެ މެދުތެރެއިން ފެށިގެން މި އިހުތިޖާޖަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ. އަދި މި ސަރުކާރަށް ދެ އަހަރުވި އިރު ވެސް ބޮޑު ކަންނެލި މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް އޭރު ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ އިހުތިޖާޖެއް ނޫން ކަމަށާއި ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ވީ ވައުދުތައް ފުއްދައިދޭން މަސައްކަތްކުރާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ. އެއާއެކު ދެ އަހަރު ވަންދެން މަޑުކުރުމަށްފަހު، ކަންނެލި މަސްވެރިންގެ ހާލަތު ދަށަށް ގޮސް، އެ މީހުން ބާނާ މަސްތައް ނުވިކި ހާލުގައި ޖެހޭތަން ބަލަން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް، އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި ގޮވާލަމުން އައިކަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއެވެ. އަދި އެކި މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ނެރެފައިވާނެ ކަމަށްވެސް ބުންޏެވެ.
ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ.
އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.