މަސްވެރިންގެ އިހުތިޖާޖު: އެއް ދުވަސްވީއިރު ވެސް ހުއްޓުމުގެ ވިސްނުމެއް ނެތް

އިއްޔެ މަސްވެރިން މުޒާހަރާ ކުރި ސަރަހައްދު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ: 24 ގަޑިއިރުވަންދެން ހުއްޓާނުލާ މަސްވެރިންގެ މުޒާހަރާ ކުރިއަށް--- ސަން ފޮޓޯ/ މޫސާ ނަދީމް

މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް މިއަދު ހެނދުނަށް އެއް ދުވަސް ވީއިރު ވެސް, ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފިއެވެ.

މި މުޒާހަރާއަކީ ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ އެ ޔޫނިއަނުން އިއްޔެ ހެނދުނު 09:00 އިން ފެށިގެން ކުރިއަށްގެންދާ އިހުތިޖާޖެކެވެ. އެ ޔޫނިއަނުން ވަނީ ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން ބަހާ އަމަލާ ސީދާނުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި އިއްޔެ ހެނދުނު، ކަނޑުމަތީގައި އިހުތިޖާޖު ފެށުމަށްފަހު، އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބު ނުދޭކަމަށް ބުނެ މިސްރާބުޖެހީ މާލެއާ ދިމާއަށެވެ. ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރު އެއްވިއިރު، ކޯސްޓުގާޑުގެ ޝިޕަކާއި ފުލުހުންގެ ލޯންޗުތަކެއްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

ރެއާއި މިއަދުވެސް އެ މަސް އޮޑިފަހަރު ތިބީ އެ ސަރަހައްދުގައި މުޒާހަރާގައެވެ. މި މުޒާހަރާގައި ގިނަ ދޯނިތަކެއް ބައިވެރިވެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރެއް މިއަދު "ސަން" އަށް ބުނީ މި އިހުތިޖާޖުގެ ބައިވެރިން ސަރުކާރު ކިބައިން އެދޭ ކަންތައް ފުރިހަމަ ކުރަން އެއްބަސްވަންދެން، މެދުކެނޑުމެއްނެތި އިހުތިޖާޖު ކުރިއަށްގެންދާނެ ކަމަށެވެ.

އިއްޔެ ރާއްޖެ ޓީވީއަށް މައުލޫމާތުދެމުން މި ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިއަހަރުގެ މެދުތެރެއިން ފެށިގެން މި ދުވަހަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ. މި ސަރުކާރަށް ދެއަހަރުވި އިރު ވެސް ބޮޑު ކަންނެލި މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން އަބަދުވެސް ބުނަނީ މަސްވެރިންގެ ކަންކަން ހައްލުކޮށްދޭނެ ކަމަށް. ނަމަވެސް މިއަދާ ހަމައަށް އެ ބުނާ ކަންކަން ފެށިފައެއް ވެސް ނެތް. އަދި ފެށުމުގެ މަގުމަތީގައި އޮތް ކަމަކަށް ވެސް މަސްވެރީންނަށް ގަބޫލެއް ނުކުރެވޭ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ އިހުތިޖާޖެއް ނޫން ކަމަށާ ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ވީ ވައުދުތައް ފުއްދައިދޭން މަސައްކަތްކުރާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ. އެއާއެކު ދެ އަހަރު ވަންދެން މަޑުކުރުމަށްފަހު، ކަންނެލި މަސްވެރިންގެ ހާލަތު ދަށަށް ގޮސް، އެ މީހުން ބާނާ މަސްތައް ނުވިކި ހާލުގައި ޖެހޭތަން ބަލަން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މަސްވެރި ދޯނިތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެ، ފުލުހުން ބިދޭސީ ފަޅުވެރިންނަށް އިންޒާރުދިން ކަމަށް ވެސް މައުރޫފު ވިދާޅުވެފައިވެއެވެ.

"ފުލުހުން އަޅުގަނޑުމެންނަށް ބިރު ދައްކައި އިންޒާރުދީފި. މި ދޯނިތަކުގައި ވެސް ސައްހަ ކޯޓާގެ ދަށުގައި ތިބި ބިދޭސީން ގިނަވާނީ. ދިރިއުޅޭނީ މިތަނުގައި އެމީހުން. މި ދޯނިތައް ދާ ތަނަކަށް މިމީހުން ވެސް ދާނެ އެއީ އެމީހުންގެ ގެދޮރު ވީމަ." މައުރޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިއަދުގެ މިހާތަނަށް އިހުތިޖާޖުގައި ބައިވެރިވި އެއްވެސް ބިދޭސީއެއް ހައްޔަރުކޮށްފައިނުވާކަމަށް ޔޫނިއަން މި ނޫހަށް މައުލޫމާތުދީފައިވެއެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:

  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން
  • މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން

ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް، އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި ގޮވާލަމުން އައިކަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރިއެވެ. އަދި އެކި މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ނެރެފައިވާނެ ކަމަށްވެސް ބުންޏެވެ.

ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ.

އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށެވެ.

https://sun.mv/215139

ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް