މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އިތުރު މާކެޓް ހޯދައި އުފެއްދުންތައް އިތުރު ކުރަން ޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު: ފޮޓޯ: އެމްޑީއޭ

ދިވެހި އިގްތިސާދުގެ ލޭނާރު ކަމަށްވާ, މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ދިވެހި މަސް ގަންނާނެ, އިތުރު މާކެޓްތައް ހޯދުމުގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރު ކުރަން ގުޅިގެން ގަދައަޅައި މަސައްކަތް ކުރަން, އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު, އަޙްމަދު ސިޔާމް މުޙައްމަދު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

ދިވެހި ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިތާބުގައި ވިދާޅުވީ މިއަދު ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ އާއިލާތަކެއްގެ އާމްދަނީ ބިނާވެފައިވަނީ މި މުހިންމު މަސައްކަތުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި, އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސްވެރިކަމާ ގުޅުންހުރި ހުރިހާ އެންމެން މަސައްކަތް ކުރުން މުހިންމު ކަމަށް ސިޔާމް ވިދާޅުވިއެވެ.

ގދ. މަޑަވެލީ ޓީއެސްލައިން ދޯނިން 73 ޓަނު މަސް ބާނައިގެން ދަނީ --- ފޮޓޯ: ޓީއެސްލައިން

"މިއަދު ދިވެހިރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބާނާ މަސްކިރުވުމުގައި ދިމާވާ ދަތިތަކާއި, މަހަށް އެކަށީގެންވާ އަގެއް ނުލިބުމުގެ މައްސަލަ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މިދެންނެވުނު ޙައްސާސީ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް," ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާން އިތުރަށް ވިދާޅުވީ ވަކިން ޚާއްސަކޮށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް, މަސްކިރުމުގައި ދިމާވާ ދަތިތަކާއި ކިރި މަހަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ވެސް އަވަސް ޙައްލެއް ބޭނުންވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި އެންމެ ރަނގަޅު އަގު ލިބޭ އުފެއްދުންތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ހެދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ގަދައަޅާ މަސައްކަތް ކުރުމަށް ސިޔާމް އިލްތިމާސް ކުރެއްވެވިއެވެ.

އެ މަނިކުފާން ވަނީ ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި, އެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ, ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސައްކަތް ކުރާ ހީވާގި އަދި ކެތްތެރި މަސްވެރިންނަށާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ އެންމެނަށް އަރިސް ކުރައްވައިފައެވެ.

comment ކޮމެންޓް