އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ދުނިޔޭގެ ލީޑަރެއްގެ މަޤާމު ދެމެހެއްޓުމުގެ ގޮތުން، މައިކްރޯސޮފްޓް ކޯޕަރޭޝަނުން ޖުމްލަ 23 ބިލިއަން އެމެރިކާ ޑޮލަރުގެ އައު އިންވެސްޓްމަންޓް ޕެކޭޖެއް އިއުލާންކޮށްފިއެވެ.
މި އިންވެސްޓްމަންޓްގެ މައިގަނޑު އަމާޒަކީ އެކި ޤައުމުތަކުގައި މައިކްރޯސޮފްޓްގެ ކްލައުޑް އަދި އޭއައި ޤާބިލުކަން އިތުރުކުރުމެވެ. މި ބޮޑު މަޝްރޫޢުގެ ދަށުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ. އެއީ 17.5 ބިލިއަން އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ކެނެޑާގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 5.42 ބިލިއަން އެމެރިކާ ޑޮލަރު (7.5 ބިލިއަން ކެނެޑިއަން ޑޮލަރު) އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކެނެޑާއަށް ކަނޑައެޅި މި ފައިސާއަކީ، 2023 އިން 2027 ގެ ނިޔަލަށް އެ ޤައުމުގައި މައިކްރޮސޮފްޓުން ހިންގުމަށް ރާވާފައިވާ 19 ބިލިއަން ކެނެޑިއަން ޑޮލަރުގެ ޖުމްލަ ޕްލޭންގެ ބައެކެވެ. މި ފައިސާއިން ކެނެޑާގައި ކްލައުޑް ކެޕޭސިޓީ އިތުރުކޮށް، އޭއައި ދާއިރާގެ އާ ބައިވެރިވުންތައް އުފެއްދުމަށް މަސައްކަތް ކުރާނެއެވެ.
މި މަސައްކަތުގެ ދަށުން ކެނެޑާގައި ޤާއިމުކުރާ އާ ކްލައުޑް އިންފްރާސްޓްރަކްޗާތައް 2026 ވަނަ އަހަރުގެ ދެވަނަ ބައިގައި ބޭނުންކުރަން ފެށޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެއެވެ. އަދި ކެނެޑާގެ އޭއައި ސްޓާޓަޕް "ކޯހިއާ" އާ ގުޅިގެން، އެ ކުންފުނީގެ އެޑްވާންސް މޮޑެލްތައް މައިކްރޯސޮފްޓްގެ "އަޒޫރީ" ޕްލެޓްފޯމަށް ގެނައުމަށް ވެސް މި ޕްލޭންގެ ދަށުން ވަނީ ހަމަޖެހިފައެވެ.
މައިކްރޯސޮފްޓުން މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކެއް އެކި ޤައުމުތަކުގައި އިއުލާންކުރަމުން މިދަނީ، ޗެޓްޖީޕީޓީ އުފެއްދި އޯޕަން އޭއައި އަށް އެ ކުންފުނިން ކުރި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއެކު، އޭއައި ޓެކްނޮލޮޖީގެ ރޭހުގައި ގޫގުލް އާއި އެމެޒޯން ފަދަ ވާދަވެރި ކުންފުނިތަކަށްވުރެ ކުރި ހޯދުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޖެނެރޭޓިވް އޭއައިގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބޭނުންވާ މަތީ ފެންވަރުގެ ކޮމްޕިއުޓިން ޕަވާ ނުވަތަ ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަކީ މިވަގުތު މައިކްރޯސޮފްޓްގެ އެންމެ ބޮޑު އެއް އަމާޒެވެ. މިގޮތުން ދާދި ފަހުން ޖަރުމަނު، ސްޕެއިން އަދި ޖަޕާން ފަދަ ޤައުމުތަކުގައި ވެސް އޭއައި އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކުރާނެކަން މައިކްރޮސޮފްޓުން ވަނީ ހާމަކޮށްފައެވެ.