"ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވާ ގިނަގިނައިން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ސަލަވާތް ކިޔެވުން ގިނަކުރާށެވެ. ހެޔޮ އަމަލުތަކަކީ އާޚިރަތް ދުވަހަށް ކުރެވޭ ވުނަ އެކެވެ."

***

"މިރިއަމް..ކޮބާ ދަރިފުޅު؟"

"ތިބުނީ؟" އޭނަ އަހައިލިއެވެ.

"ދަރިފުޅު...މަރްވާ ކޮބާ؟" ހަމްޒާގެ އަޑު ތަންކޮޅެއް ބާރުވެލިއެވެ.

"އުޅޭނެއްނު...."

ހަމްޒާ ހުރިހާ ކޮޓަރިތަކާއި ކޮރިިޑޯ އަދި ކުޅޭ ތަންވެސް ބެލިއެވެ. އެއްވެސް ތަނަކުން މަރްވާގެ ހިލަމެއްނުވުމުން ބޭރަށް އައިއިރު ހިތަށް ވެރިވި ބިރުވެރިކަމާއެކު ދަތްދޮޅިއަށް ވާންވެލިއެވެ.

"މިރިއަމް....މަރްވާ ބަލާ ދިޔައިންތަ؟ ނާސަރީއިން؟"

މިރިއަމްގެ އަރުތެރެ ބެދި މުޅިގަޔަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. މެޔަށް އެތިފަހަރެއް ބޭލުމުންވާފަދަ އުދަގޫތައްވެ ކަކުލުހުޅުން ވާގިދޫވިއެވެ.

"އަހަރެން.....އަަހަރެން ހީކުރީ...."މިރިއަމް ބޯ ހޫރައިގަތެވެ. ހިތުގެ ތެޅުން އިންތިހާއަށް ބާރުވެލިއެވެ."ނޫން..ނޫން ނޫން..އަހަރެން ހީކިރީ މަރްވާ ގޭގައިކަމަށް ހުރީ...ހަމްޒާ.އަހަރެން ނުދެނެހުރިން...ހަނދާން ނެތުނީ..މުޅިން ހަނދާން ނެތުނީ. އައިމް ސޮރީ....މާފު....."

"އަވަހަށް ޝޯލް އަޅައިގެން ހިނގާ މިރިއަމް......އަވަހަށް........."އޭނަ ކާރުގެ ތަޅުދަނޑި ނަގައިގެން އަވަސްވެގަތީ ކާރާއި ދިމާލަށެވެ.

މިރިއަމްއަށް ނޭވާވެސް ނުލެވުނެވެ. މޫނުގައި އަތްތިލަ ޖައްސާބާރުކޮށްލައިގެން ހުރިއިރު ރޫރޫއަޅަނީއެވެ."ހަމްޒާ..އަހަންނަށް ހަގީގަތުގައިވެސް ރޭކާނުލީ...މާބޮޑަށް ޑިސްޓްރެކްޓްވީ...ހީކުރީވެސް ދަރިފުޅު އަހަންނާއެކު ގެއަށް އައިކަމަށް...ހީކުރީ..."

:މިރިއަމް..."އޭނަގެ އަޑުގައި ސާބިތުކަމެއްވިއެވެ. މިރިއަމްގެ އަތްތިލަ މޫނުން ނައްޓުވައިލަމުން އޭނައާއި ހަތަރުކަޅިހަމަކުރިއެވެ."އަހަރެމެންން އަންނައިރު ދަރިފުޅު ހުންނާނެ އިންޝާﷲ...އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ...ހެޔޮ ހާލުގައި ހުއްޓާ ފެންނާނެ..އެކަމަކު އަވަހަށް ހިނގާބަލަ. އެންމެ މިނިޓެއްވެސް ނަގާލާކަށް ނުވާނެ...."

މިރިއަމްގެ ލޮލުން އަންނަމުން ދިޔަ ކަރުނައިން ލޯ ފުސްވިއެވެ. ފިޔަވަޅުތައްވެސް ކަސިޔާރުވިއެވެ. ހިތް ތެޅެނީ ބާރަށެވެ. ބިރުވެރިކަން އޭނަގެ މޭގައި ވަކި އަޅަނީއެވެ.

މަންމަ ނިޔާވިދުވަހަށްފަހު މިއަދު އަނެއްކާ ދުނިޔެ ފައިދަށުން ދެމިގަތްހެން ހީވިއެވެ.އަަދި ހަނދާންވެސް ނެތެނީއެވެ. މިހާރު ހީވަނީ މައްސަލަކޖެހިފައިވާ ބޮއްކެއްހެން ފިޔަޖަހަނީއެވެ

މަރްވާ އިންތިޒާރުގައި ހުންނާނެއެވެ.

ދަރިފުޅު އޭނައަށް ބޭނުންވާނެއެވެ.

މިރިއަމްއަށް ސިކުނޑީގައި އެނބުރެމުންދާ ވާހަކަތައް ފިލުވައެއް ނުލެވުނެވެ. މިއީ ފެށުންހެއްޔެވެ؟ މިއީ މަންމައަށްވެސް އިހުސާސްވިގޮތްހެއްޔެވެ؟ އޭނައަށްވެސް ހަމަ އެ ހާލަތުކުރިމަތި ވަނީހެއްޔެވެ؟

ދެމަފިރިންނަށް ސްކޫލާއި ހަމަޔަށް ފޯރިއިރު އިރުގެ އަލިކަމުގެ އެންމެފަހުގެ ދޯދިިފަށްވެސް ފޭދިގެންދަނީއެވެ. އިމާރާތް ހިމޭންވެ އަނދިރިކަންވެރިވެފައިވާއިރު ދިރޭ ފުރާނައެއްގެ ހިލަމެއްނުވެއެވެ. ބޯކުރަމުން ދިޔަ ވާރޭތެރޭގައި އިމާރާތާއިއެކު ގަސްތައްވެސް ތެންމަމުން ދިޔައެވެ.އެތަނުގެ ކުޑަދޮރުތަކުގައިވާ އުފާވެރި ޕޯސްޓަރުތަކާއި ހިނިތުންވެލާފައިވާ އިރު އަދި އަކުރުތަކާއެކު ކުރަހާފައިވާ ޖަނަވާރުތަކާއި ކުލަތަކުން ފަވާލާފައިވާ ކޮކާތަކެއް އެ ފަނޑު އަނދިރިކަމުގެ ތެރެއިން ފެންނަނީ ބިރުވެރިގޮތަކަށެވެ.

ހަމްޒާ އަވަހަށް ކާރުން ފައިބައިގެން ވާރޭތެރެއަށް ނުކުތްއިރު މިރިއަމް ދިޮރުގައި ހިފެހެއްޓިގޮތަށް ހާސްކަމާއެކު ބަލަން އިނެވެ. ސްކޫލްގެ ދޮރާށިވަނީ ތަޅުލާފައެވެ. އެތެރެއިން ފެންނަނީ ކުޑަ އަލިކަމެކެވެ. ދެގަޑިއިރު ކުރިން އެ ތަންވަނީ ތަޅުލާފައެވެ. އޭނަ ކުއްލިއަކަށް ދުވަމުން ކާލިއަޅަމުންގޮސް ދޮރާށްޓާއި ކައިރިވިއެވެ."ހަމްޒާ. ހަމްޒާ..ބޮކިތައް..ކީއްވެ ބޮކި ނިވާލާފައި...ކޮބާ ދަރިފުޅު؟ މަރްވާ ކޮބާ؟"

އޭނަގެ އަޑު ބެދުނެވެ.

ހަމްޒާ ދޮރާށީގައި ހިފާ ތަޅުވައިގަތެވެ."ހެލޯ؟ އެކަކުވެސް އެބައުޅޭތަ؟ އެތެރޭގައި އެކަކުވެސް އެބަހުރި؟"

ޖަވާބަކަށް އައީ ބޯ ވާރޭގެ ސައިލެކެވެ.

މިރިއަމް ދޮރާށީގެ ފިނި ދަގަނޑުގައި ނިތްކުރި ޖައްސާލައިހެން ހުރެ އެތެރެއަށް ބަލަމުން ދިޔައެވެ. އޭނައަށް ފެންނަނީ މަރްވާގެ ދަބަސް ތައްޔާރުކޮށްދިން މަންޒަރެވެ. އެކުޑަ އަތުގައި ހިފަހައްޓާލައިގެން ގެންގޮސް ކާރަށް އެރުވި ވަގުތުކޮޅެވެ. ހަލާކުވެފައިވާ ބޮލިތަކެއްގެ އެތިކޮޅުތައްފަދައިން އެހުރިހާ ހަނދާންތަކެއް އެނބުރެމުން ސިކުނޑި ހާސްކުރުވަމުން ދިޔައެވެ.

"އަހަންނަށް ދަރިފުލު މަތިން ހަނދާން ނެތުނީ...ހަމްޒާ..އަހަރެންގެ ބޭބީގެ މަތިންވެސް ހަނދާނެއްނެތް..ދަރިފުޅު..ހާދަ ބިރުގަނަންނާނެއޭ...އެކަނި...މަންމައަށްޓަކާ ރޯނެ..."

އޭނަ މިރިއަމްގެ ކޮނޑުގައި މަޑުމަޑުން ހިފަހައްޓައިލިއިރު އޭނަގެ އަޑުންވެސް ބިރުގެންފައިވާކަން ދައްކުވައިދިނެވެ."މިރިއަމް..ހަމަޖެހިބަލަ.......ޓީޗަރުންވެސް ކުޑަކުއްޖަކު އެކަނިކޮށްލާފައެއްނުދާނެ..ކޮންމެވެސް ތަނަކަށް ގެންދާނެ..ފަހަރެއްގައި ޕްރިންސިޕަލްއާއެކު ކަމަށްވެސް ވެދާނެ..ނޫނީ އެހެން ޓީޗަރަކާއެކު.ހިނގާ ގުޅާފައި އަހައިލަން.."

ހަމްޒާ އަވަހަށް ފޯނު ނެގިއެވެ.

މިރިއަމް ބާރަށް ދޮރާށީގައި ހިފަހައްޓައިގެން ހުރިއިރު އިނގިލިތައް ހުދުވިއެވެ. އެ އިމާރާތް ފަޅުތަނެއްފަދައެވެ. ކުއްލިއަކަށް އެތަނުން މީހަކު ފެނިލިހެންވެސް ހީވިއެވެ. ހިތްވެސް ބާރުބާރަށް ތެޅެމުންދާގޮތުން މޭފަޅާލާފައި ސަލާމަތްވާން މަސައްކަތްކުރާފަދައެވެ.

"ހަމްޒާ..އެއުޅެނީ މީހެއް...ގޮވާބަލަ...އެހެރީނު..."

"ކޮބާ؟"

"ތަބުކައިރީގައި....."

ހަމްޒާއަކަށް އެއްވެސް ދިމާލަކުން މީހަކު ނުފެނުނެވެ. ނަމަވެސް އޭނަ އެހެން ބުނެގެން އިތުރަށް މިރިއަމްގެ ސިކުނޑިއަށް ބާރުކުރުވަން ނޭދުނީއެވެ.

"އެމީހަކު އެތެރެއަށް ވަދެއްޖެހެން ހީވަނީ...ދޮރާށި ތަޅުލާފައި ހުއްޓާ އެތެރެއަށް ވަންނާނީވެސް ކިހިނެއް..."

" އަހަރެން ދަރިފުޅު ބޭނުންނުވަނީކަމަށް އެމީހުން ހީކޮށްފިއްުޔާ؟ އަހަރެންވެސް މަގޭ މަންމަފަދައިން މިވަނީ ހަމްޒާ...ކަންތައް ހަނދާން ނެތެނީ..ހުރިހާ އެއްޗެއް އަތުން ދޫވެގެން މިދަނީ.."

"ހުއްޓާލާ..."ހަމްޒާއަށް ތަންކޮޅެއް ބާރަށް ބުނެވުނީ ރުޅިއަށްވުރެ މާޔޫސްކަމާއި ބިރު އެއްވެގެންނެވެ."މިވަގުތު އަމިއްލަ ނަފުސަށް ތިހެން ނަހަދަބަލަ...އެކަނިއެއްނޫން ދަރިފުޅު ހުންނާނީ..އަހަންނާއި ދިމާލަށް ބަލައިލަބަލަ މިރިއަމް.."

މިރިއަމްއަށް އެކަމެއް ނުކުރެވުނެވެ.

އޭނައަށް ލޮލުގެ ސްކްރީނަށް ފެނުނީ މަންމައެވެ. އެހިނިތުންވުމެވެ. ރޫރޫ އަޅާ އިނގިލިތަކެވެ. މަންަގެ ތަސްބީހަ ބޭއްވުނުތަނެއް ނޭގިގެން އުޅުނު ހަނދާނެވެ. އެއާއެކު އަނދިރިކަމުގެ ތެރެއިން ފެނުނީ މަރުވާގެ މޫނެވެ. އަނދިރިގަނޑުގައި ކުޑަވެ ބިރުގަންފައެވެ. މަންމަގެ އިންތިޒާރުގައެވެ. އެކަމަކު މަންމަ ނައީއެވެ. އެކުއްޖާފުޅުގެ ހިތަށް ކުރާނެ އަސަރާއި ހާސްވާނެވަރު ހިތުގެ ފުންމިނަށް އިހުސާސްކުރެވި މުޅި ވުޖޫދު ތުރުތުރުއަޅައިގެން ދިޔުމާއެކު ﷲއަށް ދުޢާކުރެވުނެވެ. ދަރިފުޅު ސަލާމަތުން ލެހެއްޓެވުމަށެވެ. އެހެންމީހުންގެ ވިހަ ލޯތަކުން ސަލާމަތްކޮށްދެއްވުމަށެވެ.

ހަމްޒާވެސް ހަމަޖެހެން މަސައްކަތްކުރިޔަސް އޭނަ ފަހަރަކު ނަމްބަރަކަށް ގުޅަން މަސައްކަތްކުރިއިރު އިނގިލިތަކުގައި ކުޑަ ތުރުތުރެއް ނަމަވެސް ހުއްޓެވެ. އެތަން ބަލަހައްޓާ އޮފިސަރަކާއި ކްލާސް ޓީޗަރ ސުޕަވައިޒަރަށްވެސް މެއެވެ. ޖަވާބެއް ނުލިބުނެވެ.

"އަސްތަޣުފިރުﷲ...."

އެވަގުތު އޭނަގެ ފޯނު ރިންގުވާންފެށިއެވެ. އެންމެ ރިންގަކާއެކު އޭނަ ފޯނު ނަގާ ކަންފަތުގައި ޖެއްސިއެވެ."ހެލޯ...އާނ މިއީ މަރްވާގެ ބައްޕަ...."

މިރިއަމްއަށްވެސް ނޭވާ ހިފަހައްޓައިލެވުނެވެ. މުޅިހަށިގަނޑުވެސް ގަނޑުފެންގަނޑެއްހާ ފިނިވެ ހަރުވިއެވެ.

ހަމްޒާ އަޑުއަހަން ހުރިއިރު އޭނަގެ މޫނުގެ މަސްތަކަށް ވެރިވި ވާންކަން ކެނޑި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިރިއަމްއަށްވެސް ހަމްޒާގެ މޫނަށް އައި ބަދަލުން ދަރިފުޅު ސަލާމަތުން ހުރިކަން އެނގުނެވެ. އެއީ ހިތަށް ލިބުނު ތަސައްލީއެކެވެ. ﷲއަށް ހަމްދުކުރެވުނެވެ.

"ޢަލްހަމްދުލިﷲ....ހޫމް.....ޝުކުރިއްޔާ..."

ހަމްޒާ ފޯނު ބޭއްވުމާއެކު މިރިއަމްއަށް އަތުގައި ހިފައިލެވުނެވެ."ހަމްޒާ...ކާކުތަ އެ ގުޅީ؟ މަރްވާ ހުރީ ކޮންތަނެއްގައޭ ތަ ބުނީ؟"

"ފުރަތަމަ ސްކޫލުން ގުޅަން މަސައްކަތްކުރި...އެކަމަކު...އެމީހުންނަށް ނުގުޅުނުކަމަށްވަނީ...އެހެންވެ އަހަންނަށްވެސް ގުޅި...."

މިރިއަމް އަމިއްލަ ނަފުސާއިމެދު ނުރުހުންވެ ޝަކުވާކުރެވުނެވެ. ހަގީގަތުގައިވެސް މަންމައެއްގެ ޒިންމާ އަދާކުރުމުގެ ގާބިލުކަން ނެތީހެއްޔެވެ؟

"މަރްވާ ބަލާ އަންނާނެ މީހަކު ނުވެގެން ޒިންމާދާރު ވެރިންނަށް ގުޅަން އުޅެނިކޮށް ކޮންމެވެސް މީހަކަށް އާދެވުނީ..."

"ކޮންމެވެސް މީހަކު؟ ތިބުނީ؟" މިރިއަމް ލޯބޮޑުކޮށްލިއެވެ."އަނެއްކާ ލައިލާތަ؟ ސަޔާރާ؟"

ހަމްޒާ މިރިއަމްއާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިއެވެ.

"އަހަރެންގެ މަންމަ....."

މިރިއަމްގެ މޭގަނޑު އަނގަޔަށް އައެވެ. އެއީ އެންމެ ބޭނުންނުވި ފަރާތެވެ. އެވާހަކަ ސޯޝަލް މީޑިއާގައި ފަތުރައިލަންވެސް ޖެހިލުމެއްނުވާނެއެވެ.

"މަންމައަށް އިއްތިފާގުން އެމަގުން ދެވުނީ..."ހަމްޒާ މިރިއަމްގެ ހާސްކަން ދުރުކުރަން މަސައްކަތްކުރިއެވެ."އެތާގެ ސްޓާފުން މަރްވާއާއިއެކު ދޮރާށިކައިރީގައި ތިއްބާ މަންމައަށް ފެނިގެން ކާރު މަޑުކޮށްލީ...މަރްވާގެ މާމަކަން އެނގުމުން އެމީހުން އޯކޭ ވީ...މިރިއަމް....އެކަމާއި ނުވިސްނާ..ކޮންމެ މީހަކަށްވެސް އެކަހަލަ ކަމެއް ދިމާވެދާނެ..އެއީ މައްސަލައެއްނޫން..މިއީ ހަމައެކަނި މިރިއަމްގެ މައްސަލައެއްނޫން. އަހަންނަށްވެސް ވަޒީފާގެ ކަންތައްތަކާއި އުޅެން ހަދައިގެން ދަރިފުޅަށް އިހުމާލުވެވުނީ...ދަރިފުޅަށް އަޅާލާން ޖެހެނީ ހަމައެކަނި މަންމައެއްނޫން..ބައްޕަގެވެސް ވާޖިބެއް...."

މިރިއަމްގެ ލޮލަށް ފުސްވާންފެށިއެވެ. ކަރުނައިން ކަމެއް ތުނިކޮށް ވެހެމުންދިޔަ ވާރެއިންކަމެއް ނޭގުނެވެ. ރުމައިސާ ނޫން އެހެން މީހަކަށްވިނަމަ ކޮންފަދަހެއްޔެވެ؟ އެއީ އަބަދުވެސް އޭނައާއިމެދު ޝައްކުކޮށް ނުރުހުމުގެ ނަޒަރަކުން ބަލާ ފަރާތެކެވެ. އޭނަަގެ ގާތުގައި މަރްވާ ހުރުމަކީ ދަރިފުޅަށް ނުރައްކަލެއް ލިބިދާނެކަމަށް ޝައްކުކުރާ މީހެކެވެ. ރުމައިސާގެ ގާތުގައި އޭނަގެ އެއްވެސް އަގެއްނެތެވެ. އޭނަގެ ފުރިހަމަ ޒުވާން ފިރިހެންދަރިފުޅާއި އެއް މަގަކުން ހިނގަން އެކަށީގެންވާކަމަށްވެސް ގަބޫލެއްނުކުރެއެވެ. އެންމެފަހުން އެކަން ހިނގީވެސް ރުމައިސާ ލަފާކުރިގޮތަށެވެ. އޭނަގެ ނާގާބިލުކަން އެންމެނަށް ފައުޅުވީއެވެ.

އޭނައަށް ރޮވޭގޮތްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު