ތަޅާލި މީޑިއާ ފެންޑާއަށް ކުރި ޚަރަދުގެ ތަފުސީލެއް ނުދިން

މީޑިއާ ފެންޑާ ހުޅުވުން: ގްރީން ޒޯންގައި ހެދި މީޑިއާ ފެންޑާ، އިގުރާރާ ހިލާފުވުމުން ކަމަށް ބުނެ ވަނީ ބަންދުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އުސޫލާ ޚިލާފަށް ބޭނުންކުރާ ކަމަށް ބުނެ ރައީސް އޮފީހުން ބަންދުކުރި 'މީޑިއާ ފެންޑާ'އަށް ކުރި ޚަރަދުގެ ތަފުސީލު ހޯދަން އެދުނުތާ އެތައް ދުވަހެއް ވީއިރު ވެސް އެ މައުލޫމާތު ނުދީ ހިފަހައްޓައިފިއެވެ.

ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިންނަށް ތިބެވޭ ގޮތަށް މީޑިއާ ފެންޑާއެއް ހުޅުވީ މޭ 29 ގައެވެ. އެކަމަކު، ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް އާ މީޑިއާ ބިލާ ގުޅިގެން ނޫސްވެރިން އެ ސަރަހައްދުގައި އިހުތިޖާޖުކުރަނިކޮށް ރައީސް އޮފީހުން އެ ތަން ބަންދުކުރީ ސެޕްޓެންބަރު 14 ގައެވެ.

އެ ފެންޑާ ހުޅުވައި، ބޭނުންކުރުމުގައި އަމަލު ކުރަންވީ އުސޫލު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާއްމުކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައިނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުސޫލުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށް ރައީސް އޮފީހުން ތުހުމަތުކުރިއެވެ.

https://sun.mv/211293

"އެ ތަނުގައި ތިބެ ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ދަނީ ކުރަމުންނެވެ،" ރައީސް އޮފީހުގެ އިއުލާނުގައިވެއެވެ.

އެހެންވެ، 'ސަން'އިން ހަމަ އެ ދުވަހު ވަނީ މީޑިއާ ފެންޑާ ހަދަން ކުރަންޖެހުނު ހޭދައިގެ ތަފުސީލުތައް ހޯދަން އެދިފައެވެ. އަދި، އެ މަސައްކަތްކުރީ ބަޔަކާ ހަވާލުކޮށްގެން ނަމަ، ހަވާލުކުރިގޮތާއި، އަގު ހޯދަން ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، މީޑިއާ ފެންޑާއެއް ހަދަން ނިންމީ ކީއްވެތޯއާއި އެ ކަމަށް އެއްވެސް ދިރާސާއެއް ހެދިތޯއާއި އެކަން ކުރަން އެދި އެއްވެސް ބަޔަކު އެދުނުތޯ ވެސް ސުވާލުކޮށްފައިވެއެވެ. އަދި، ފެންޑާ އުވާލަން ނިންމިއިރު ޝަކުވާ ލިބުނު ކަމަށް ބަޔާންކޮށްފައިވާތީ އެ ޝަކުވާގެ މައުލޫމާތު ހޯދަން ވެސް ވަނީ އެދިފައެވެ.

އޭގެ ފަހުން، އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ރައީސް އޮފީހުން ވަނީ މައުލޫމާތު ފޯރުކޮށްދޭން އިތުރު މުއްދަތު ބޭނުންވާ ކަމަށް ބުނެ 14 ދުވަސް އިތުރުކޮށްފައެވެ.

މީޑިއާ ފެންޑާ: އެ ތަން ވަނީ އުވާލައި، ތަޅައި ވެސް ލާފައި -- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު، ރައީސް އޮފީހުން އިތުރު ކުރި މުއްދަތު ވެސް ހަމަވެ، އިތުރަށް 48 ދުވަސް ހިނގިއިރު ވެސް އެ އޮފީހުން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. އަދި، އެ މައުލޫމާތާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ހިންގާފައެއް ނުވެއެވެ.

މީޑިއާ ފެންޑާ ތައާރަފުކުރި ނަމަވެސް އެ ތަން ނޫސްވެރިން ބޭނުންކޮށްފައެއް ނުވެއެވެ.

އެތަން އުވާލަން ރައީސް އޮފީހުން ނިންމީ އަލަށް އުފެއްދި މީޑިއާ ކޮމިޝަންގެ ބިލު ހުށަހެޅި ދުވަސްވަރު އެ ބިލުގައި ހުރި ގިނަ ކަންބޮޑުވުންތަކަކާ އެކު ނޫސްވެރިން އެ ތަނުގައި ތިބި އިހުތިޖާޖުކުރުމުންނެވެ. އެހެންވެ، އެއީ ހުއްދަ ނުނަގާ ކުރި ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް