ރޭގެ އޮޕަރޭޝަނުގައި އަތުލި ވޭޕް ސާމާނުގެ އަދަދު 500އަށް ވުރެ ގިނަ

ފުލުހުން ރޭގެ އޮޕަރޭޝަންގައި އަތުލި ވޭޕާއި އެއާ ގުޅުންހުރި ސާމާނު: ފުލުހުން ރޭ 500 އަށް ވުރެ ގިނަ ވޭޕާއި ސާމާނު އަތުލި --- ފޮޓޯ/ ފުލުހުން

ރޭ ހިންގި އޮޕަރޭޝަނުގައި އަތުލި ވޭޕާއި، ވޭޕް ކާޓްރިޖުގެ އަދަދު 500އަށް ވުރެ ގިނަކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އޭގެ ތެރެއިން އެއް ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ނަމަވެސް ފުލުހުން އެންމެ ފަހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ބުނީ، އެއް ގެއަކުން އެކި ވައްތަރުގެ 190 ކާޓްރިޖާއި، ނުވަ ނެނޯ ސްޓިކާއި، އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕޮޑެއް ފެނުނު ކަމަށެވެ. އަދި ދެވަނަ ގެއިން އެކި ވައްތަރުގެ 331 ކާޓްރިޖާއި، ހަ ރީފިލް ކާޓްރިޖާއި ހަތް ޕޮޑު ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

https://sun.mv/214931

އެެހެންކަމުން ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ދެ ގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވެއެވެ.

އޭގެ ކުރިން ފުލުހުން ދިން މައުލޫމާތުގައިވާ އަދަދުތައް އެއްކުރާ ނަމަ ޖުމްލަ އަދަދު 633 އަށް އަރައެވެ.

މި މައްސަލައާ ގުޅިގެން އެކަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ވޭޕު ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ދަށަށް ގެންދިޔަ ނަމަވެސް، މި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކަސްޓަމްސްއިން މިދިޔަ މަހުގެ 20ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ވޭޕްކުރުމާއި އެ ތަކެތި ގެންގުޅުން މަނާކުރިތާ އަހަރެއް ތެރޭގައި، ރާއްޖެ އެތެރެކުރަން އުޅުނު އެ ޒާތުގެ 53،000އަށް ވުރެ ގިނަ ތަކެތި ހިފަހައްޓާފައިވެއެވެ.

ސަރުކާރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި އެތަކެތި ރާއްޖޭގައި ގެންގުޅުން މަނާކުރީ، މިދިޔަ އަހަރުގެ ނޮވެންބަރު 15ގައެވެ.

އެހެންކަމުން އީ-ސިނގިރޭޓު އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެފަދަ މައްސަލަތަކުގައި ނިމުނު އޮކްޓޫބަރު މަހުގައި ވަނީ، 35 މީހަކު 226،000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކޮށްފައެވެ.

ވޭޕް ކުރުން މަނާކުރުމުގެ އިތުރަށް، ސަރުކާރުން ވަނީ، ދުންފަތާ ދެކޮޅަށް އިތުރު ފިޔަވަޅުތައް ވެސް އަޅާފައެވެ، މިގޮތުން، 2007 ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް މި މަހުން ފަށައިގެން ވަނީ، ސިނގިރޭޓު މަނާކޮށްފައެވެ. އޭގެކުރިން ދުންފަތުން ނަގާ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް