ފުލުހުންނަށް އިންޒާރުދީގެ ކުރިން ވެސް ހުކުމެއް އައި މީހަކު، އަނެއްކާ ވެސް ފުލުހަކަށް އިންޒާރުދީގެން ހައްޔަރުކޮށްފިއެވެ.
ފުލުހަކަށް އިންޒާރުދީގެން ހައްޔަރު ކުރި މީހަކީ، ސ. މަރަދޫ ބަގީޗާގޭ އުމުރުން 43 އަހަރުގެ އަހްމަދު ޝުރާއުއެވެ. އޭނާ ފުލުހުންނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ފުލުހުންނަށް އިންޒާރުދިން މައްސަލައާ ގުޅިގެން، ސ. މަރަދޫ ބަގީޗާގޭ އުމުރުން 43 އަހަރުގެ އަހްމަދު ޝުރާއު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާއިރު، ރެކޯޑްތަކުން ދައްކާ ގޮތުން އޭނާގެ މައްޗަށް މީގެ ކުރިން ވެސް އެ ފަދަ މައްސަލައެއްގައި ހުކުމެއް އައިސްފައިވެއެވެ. އެއީ، މީގެ 15 ވަރަކަށް އަހަރު ކުރީގެ ހާދިސާއެކެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި، އައްޑޫގައި ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި 2013 ވަނަ އަހަރު، ހަ މަސް ދުވަހަށް ޖަލަށް ލުމަށް އަހްމަދު ޝުރާއުގެ މައްޗަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވެއެވެ.
އެއީ، ފޭދޫ މެޖިސްޓްރޭޓް ކޯޓް ތެރޭގައި ސެޕްޓެމްބަރު 22، 2011 ވަނަ ދުވަހު "ތި ގޮތަށް ކަންތައް ކުރެވޭނީ މިއަދު އެކަނި ކަމަށާއި އަތުގައި ޖެހުނު ދުވަހަކުން ތި ޅ މަރާލާނެ" ކަމަށް ބުނެ އިންޒާރު ދީގެންނެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ނިންމައި، މަރަދޫ މެޖިސްޓްރޭޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ޕޮލިސް ލާންސް ކޯޕްރަލް މަގާމުގައި ހުރި މީހަކާ ދިމާލަށް އެ އިބާރާތުން ޝުރާއު އިންޒާރު ދިން ކަމަށް، އޭނާ ޝަރީއަތުގައި އިންކާރު ކުރި ނަމަވެސް އެ ދުވަހު ކުށްވެރިންތަކެއްގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ދިޔަ ފުލުހުންގެ ހެކި ބަހުން އެކަން ސާބިތުވާ ކަމަށެވެ.
ޝުރާއުއަކީ އޭގެ ކުރިން ވެސް މާރާމާރީގެ ރެކޯޑްތަކެއް އޮތް އަދި ފުލުހުންނަށް ބިރު ދައްކައި އިންޒާރު ދިނުމުގެ ތަފާތު ރެކޯޑްތަކެއް ވެސް އޮތް މީހެކެވެ. އޭނާ ކުރިން ވަޒީފާ އަދާ ކުރި ރިސޯޓެއްގެ މުވައްޒަފަކަށް މީހަކު މަރާލެވިދާ ފަދަ ތޫނު އެއްޗަކާ އެކު 2009 ވަނަ އަހަރު ހަމަލާ ދީގެން 2010 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ޝުރާއު އެއް އަހަރާ ހަ މަސް ދުވަހަށް އަރުވާލުމަށް ވެސް ހުކުމްކޮށްފައެވެ.