ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ, މަޝްހޫރު ފިލްމީ ތަރި, މުހައްމަދު އަބްދުﷲ (މުހައްމާ)އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
މުހައްމާގެ ގާތް މީހަކު "ސަން"އަށް މައުލޫމާތު ދިންގޮތުގައި މުހައްމާއަށް ހާޓްއެޓޭކެއް ޖެހިފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި, މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޔުނިޓްގައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.
މުހައްމާގެ ސީދާ ހާލަތު އެނގޭނީ 24 ގަޑިއިރު ބެލުމަށް ފަހުގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މައުލޫމާތު ދިން މީހާ ބުންޏެވެ.
އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރެއްވި މުހައްމާ އެންމެ ފަހުން ހުންނެވީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމުގައެވެ. ނަމަވެސް, ފަހުން މީޑިއާ ކޮމިޝަން އުފެއްދެވުމަށް ފަހު ވަނީ އެ ކޮމިޝަން އުވާލައްވައިފައެވެ.
ޖުމްހޫރީ ޕާޓީއިން ސިޔާސީ ދާއިރާއަށް ނުކުންނެވި, މުހައްމާ ފަހުން ވަނީ އެމްޑީޕީއާ ވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް, މިހާރު އުޅުއްވަނީ މިހާރު ވެރިކަން ކުރައްވާ ޕީއެންސީގައެވެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައިވާ މުހައްމާއަކީ މުޅި ރާއްޖެއަށް މަޝްހޫރު ކޮމޭޑިއަންއެކެވެ. މީގެ އިތުރުން ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ވެސް ކުރައްވާފައިވެއެވެ.