ހުކުރު ދުވަހުގެ ހަވީރު ފެންނަ މަންޒަރު ރަނގަޅެއް ނޫން

ޖުމްހޫރީ މައިދާން، ބިދޭސީންގެ ގުޅުން ބަދަހިކުރާ މައިދާނަކަށް: --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ހުކުރު ދުވަހުގެ ހަވީރަކީ ވަރަށް ގިނަ މީހުން ރަށުތެރެއަށް ނުކުންނަ ދުވަހެކެވެ. ގިނަ މީހުންނަށް ޗުއްޓީ ލިބޭ ދުވަހެވެ. އެ ދުވަހުގެ ހަވީރު އަނބިދަރިން ގޮވައިގެން ފިނި ބުރު ޖަހައިލުމަށް ނުވަތަ ހިނގައިލުމަށް ޕާކުތަކަށާއި ބީޗުތަކަށް މީހުން ގޮސްލަނީ އުފާކޮށް ހިތްހަމަޖައްސައިލާށެވެ. ނަމަވެސް މިހާރު ހުކުރު ދުވަހު ހަވީރު ފެންނަނީ ރަނގަޅު ކަންކަމެއް ނޫނެވެ.

ހުކުރު ދުވަހު ޗުއްޓީ ލިބޭ މީހުންގެ ތެރޭގައި އެންމެ ގިނައީ މި ރާއްޖޭގައި މަސައްކަތްކުރަން އުޅޭ ބޭރު މީހުންނެވެ. އޮފީސްތަކުގެ މެނޭޖަރު ފެންވަރުން ފަށައިގެން ގޮސް ގޭގޭގައި ގެންގުޅޭ މީހާއާ ހަމައަށް އެކިއެކި ފަންތީގައި މަސައްކަތްކުރާ އެންމެން އެ ދުވަހު ހިތްހަމަޖައްސައި މަޖާކޮށްލަން ނުކުންނަން އޮންނަނީ ހަމަ މާލޭގެ މި ދެންނެވި ޕާކުތަކާއި ބީޗުތަކެވެ. މި ތަންތަނަށް މި އެންމެން ނުކުންނައިރު، އެ ބަޔަކު އެ ބައެއްގެ އަތުގައި އޮންނަ އެންމެ ރީތި ހެދުމެއް އަޅައިގެން އެންމެ ޗާލޫކޮށް ޒީނަތްތެރިވެގެން ނުކުމެއެވެ. މި ނުކުންނަނީ މީހުން ގިނަ ތަނަކަށް ކަން އެނގިގެން އެ މީހަކަށް ރީތިވެވުނު އެންމެ ބޮޑަކަށް ރީތިވެގެންނެވެ.

ރީތިކޮށް ޒީނަތްތެރިވެގެން ހުކުރު ދުވަހުގެ ހަވީރު މަގުތައް މައްޗަށް ނުކުންނަ ބޭރު މީހުން ނަލަ ހެދެނީ އެ މީހުންގެ ދީނާ ޘަޤާފަތާ އެއްގޮތަށެވެ. އެ ޘަޤާފަތްތަކާއި ދީންތަކުގައި ބަލާ މިންގަނޑުތައް މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުތަކާ ތަފާތެވެ. ހެދުން ލުމުގެ އެންމެ ބޮޑު މަޤްޞަދަކީ އަޢުރަ ނިވައިކުރުން ކަމުގައި އިސްލާމްދީން ވަނީ ކަނޑައަޅުއްވައިފައެވެ. އިޖްތިމާޢީ އެތައް ފިތުނައަކުން މީސްތަކުން ސަލާމަތްކޮށްދެއްވުމަށެވެ. ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރާނެ ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. (އަޢުރާފް : 26)

އިސްލާމީ ޝަރީޢަތުގެ ތަރާދުން ކިރައިފިއްޔާ އިސްލާޙުކުރަންޖެހޭ އެތައް ކަމެއް ބޭރުމީހުން ޒީނަތްތެރިވުމަށް މި އަޅާ ހެދުންތަކުގައި ހުރެއެވެ. ބުރުގާ ނޭޅުން އެއީ އެންމެ ފުރަތަމަ މައްސަލައެވެ. އެހެނަސް އެ މައްސަލައިގެ ވާހަކަ ދެއްކޭކަށް ނެތެވެ. މުސްލިމުން ވެސް މިއަދު އެ ތިބީ ބުރުގާ ބާލައިގެން އިސްތަށިގަނޑު ހާމަކޮށްގެންނެވެ. ދެވަނަ މައްސަލައަކީ ވަނާތައް ފާޅުވާހެން ގަޔަށް ބާރުހެދުން އެޅުމާއި ތުނިވެގެންގޮސް އެތެރެފެންނަ ފޭރާންލުމާއި ކުރުވެގެން އެކި ދިމަދިމާލުން ހަށިގަނޑުގެ ވަނާތައް ކަޝްފުވުމެވެ. ދަރިން ގޮވައިގެން ނުކުމެ ރަށުތެރޭ އުޅުމަށް އުނދަގޫވާ ވަރަށް މި މަންޒަރުތައް މިހާރު ތަކުރާރު ވާން ފަށައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ބޭރުމީހުން ޒީނަތްތެރިވެގެން އާންމުންގެ ތެރެއަށް ނުކުންނައިރު އެބައި މީހުންގެ ދީނީ ޝިޢާރުތައް ފާޅުވާ ގޮތަށް ހެދުން އަޅާތީ ވެސް ފެނެއެވެ. އަދި އެފަދަ ހެދުމުގައި ނުކުމެ ދީނީ އެކިއެކި ޙަރަކާތްތައް އާންމު ތަންތަނުގައި ހިންގާ މަންޒަރު ފެނިފައި ތިބި މީހުން އެ ވާހަކަ ދައްކައެވެ. ހަވީރުގެ ޗުއްޓީ ނިންމައި އިރުއޮއްސެން އުޅުނިކޮށް އެނބުރި ގެތަކާދިމާލަށް ދިޔަ ބޭރު މީހުންތަކެއް ޚުދު އަޅުގަނޑު ވެސް ދުށީމެވެ. އެއިން ކޮންމެ މީހެއްގެ ގައިގައި އެކިއެކި ކުލަތައް ބުރާފައި ހުއްޓެވެ. އަދި ނިތްކުރިމަތިން ކުލަދަމާފައި ހުރިތަން ވެސް ދުށީމެވެ. ހެދުމަށާއި އަތަށް ވެސް އެޅިފައި ހުރި ކުލަތައް ހެކިދެނީ ކޮންމެ ވެސް ޘަޤާފީ ނޫނީ ދީނީ ކަމެއްގެ ތެރެއިން އުނގުޅިފައި ހުރި އެއްޗެއް ކަމަށެވެ.

ކޮންމެއަކަސް މި ޤައުމުގައި އުޅޭ އެންމެން ވެސް އިސްލާމީ މިންގަޑުތަކަށް އިޙުތިރާމުކުރަންވާނެއެވެ. އެހެން ދީންތަކުގެ މީހުންގެ ޢަޤީދާއަށް އަޅުގަނޑުމެން ވެސް އިޙުތިރާމުކުރަން ވާނެއެވެ. އެހެނަސް އިސްލާމީ ފަސްގަނޑެއްގައި އެހެން ދީންތަކުގެ ޝިޢާރު ފާޅުގައި ހާމަކުރަން ރުހެވޭކަށް ނޯންނާނެއެވެ. އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިމަށް ޓަކައި އެކަންކަން ބަލަހައްޓާ މުއައްސަސާތަކަށް އަޅުގަނޑުމެން އާންމުން އެބާރުލުން ދޭންވާނެއެވެ. އެފަދަ ކަމެއް ހިނގާކަން އެނގެންޏާ، ޙިކުމަތްތެރިކަމާ އެކު އެ ކަމެއް ހުއްޓުވަން ވާނެއެވެ. ތިމާއަށް އެކަން ވާން ނެތިއްޔާ ކަމާ ބެހޭ ފަރާތްތަކަށް އަންގަން ވާނެއެވެ. ހުކުރު ދުވަސްތަކުގެ ހަވީރު ފެންނަ މަންޒަރު މިހާރު ވެސް ރަނގަޅެއް ނޫނެވެ. އިތުރަށް ގޯސްވުމުގެ ކުރިން މި ކަމާމެދު ވިސްނާށެވެ.

ހުކުރު ދުވަހު ހަވީރު ފެންނަ ގޯސް އަނެއް މަންޒަރަކީ ޖޯޑުޖޯޑަށް ގުޅިގެން އުޅޭ މީހުންނެވެ. މި ކަން ވެސް ބޮޑަށް ފާހަގަ ވަނީ ބޭރު މީހުންގެ ފުށުން ކަމުގައި ބުނަންޖެހެއެވެ. އެ މީހުން ހިތާވެގެން އުޅޭ މީހުންނާ އެކު ނިވައިކަން ކުޑަ ހެދުންތަކުގައި ޕާކުތަކާއި ބީޗުތަކުގައި ތިބެގެން ބަދުއަޚުލާޤީ ޢަމަލުތައް ވެސް ހިނގާ ކަމުގެ ރިޕޯޓު ލިބެއެވެ. އިސްލާމީ މުޖުތަމަޢެއްގައި އާންމުތަންތަނުގައި ދެމަފިރިން ވިޔަސް ގާގޯޅިކޮށް އުޅުމަކީ މަނާކަމެކެވެ. އެއީ އަޚުލާޤީ މިންގަނޑެކެވެ. އަތުގައި ހިފައިގެން ހުރުމަށްވުރެ ބޮޑުވަރެއް ހިނގަންޏާ ދެ މަފިރިން ވިޔަސް ތިބެންވާނީ މީހުންނާ އެކަހެރިވެ ގޭތެރޭ ކޮޓަރި ތެރޭގައެވެ. ދެން އަދި ހިލޭ މީހުން އެފަދައި އުޅުމަކީ ކިހައި ގޯސް ކަމެއް ނޫންތޯއެވެ؟

ހުކުރު ދުވަސްތަކުގެ ހަވީރު ފެންނަ މަންޒަރު ރަނގަޅެއް ނޫން ކަމަށް ދަންނަވަން މި ޖެހެނީ މިފަދަ އެތައް ކަމެއް އަޅުގަނޑުމެންގެ ތެރޭ ތަކުރާރުވާން ދޫކޮށްލެވިފައި އޮތީމައެވެ. ބޭރުމީހުންގެ ފުށުން މި ފެންނަ ހުތުރު މަންޒަރުތައް ބަލައިގެން ބޮޑެތިވާ އަޅުގަނޑުމެންގެ ޅަޖީލަށް ވިސްނެން އޮތީ ކޮން އެއްޗެއްތޯއެވެ. ލޯބިކުރާނީ ކޮން ކަންތައްތަކަކަށް ތޯއެވެ؟ އަމިއްލަ ފަރުދެއްގެ ޙައިޘިއްޔަތުން މިކަން އިޞްލާޙުކުރެވެން އޮތް ގޮތަކަށް މިކަން އިޞްލާޙުކުރަން މަސައްކަތް ކުރުމަށް ތިޔަ ކިޔުންތެރިޔާއަށް އަޅުގަނޑު ގޮވައިލަމެވެ. އަދި ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ގޮވައިލާނީ ހުކުރު ދުވަހުގެ ހަވީރު މި ފެންނަ ހުތުރު މަންޒަރުތަކާއި ބަދުއަޚުލާޤީ ޢަމަލުތައް ހުއްޓުވައިދެއްވުމަށެވެ. އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލު ބިނާކުރާ ބަޔަކީ ޣައިރުމުސްލިމުން ކަމުގައި ވާން ދޫކޮށްނުލައްވާށެވެ.

comment ކޮމެންޓް