ލ. ގަމު އިންޖީނު ގޭގައި ރޯވެ، މުޅި ރަށުން އެއްކޮށް ކަރަންޓު ކެނޑިފައިވާއިރު، އަމާޒަކީ މިރޭ 12:00އާ ހަމައަށް ކަރަންޓު ދިނުން ކަމަށް ފެނަކައިން މިއަދު ބުނެފިއެވެ.
ފަސް ހާސް މީހުން ދިރިއުޅޭ ގަމު އިންޖީނު ގޭގައި އަލިފާން ރޯވެ، މުޅި ރަށުން އެއްކޮށް ވަނީ ކަރަންޓު ކެނޑިފައެވެ.
ގަމު ފެނަކަ ބްރާންޗުން ބުނީ، އެ ހާދިސާ ހިނގި ގޮތް ފުލުހުން މިހާރު ތަހުގީގު ކުރާތީ ސިފައިންނާ އެކީ މިހާރު ކުރަނީ، އިންޖީނު ރޫމު ތެރެ ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.

ގަމު ފެނަކަ ބްރާންޗު: ފެނަކައިން ބުނީ، މިރޭ 12:00އަށް އެ ރަށަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ---- ސަން ފޮޓޯ
އެއީ، އެ ރޫމު ތެރޭގައި އަނދާފައި ހުރި ތަކެތި ނެރެ، ސާފުކޮށް، ކަރަންޓު ދިނުމަށް ތައްޔާރު ވުމުގެ މަސައްކަތްތައްކަން އެ ބްރާންޗުން ފާހަގަކުރިއެވެ.
އަމާޒަކީ މިރޭ 12:00އާ ހަމައަށް މުޅި ރަށަށް ކަރަންޓު ދިނުން ކަމަށް ފެނަކައިން ބުނެއެވެ.
"12:00އަށް [ކަރަންޓު ދޭން] މި ޓާގެޓު ކުރަނީ. 12އާ ހިސާބަށް ދެވޭނެ ކަމަށް" ފެނަކައިން ބުންޏެވެ.
އިތުރު މައުލޫމާތު 'ސަން'އާ ހިއްސާކުރައްވައި، ގަމު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ، އަދި ރަށުގެ އެއްވެސް ހިސާބަކަށް ކަރަންޓެއް ނުދެވޭ ކަމަށެވެ.
އެ ހާދިސާގައި ލިބުނު ގެއްލުމާ ގުޅިގެން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އިންޖީނު ގޭގެ ސީލިންގާ އެއްކޮށް އަނދާފައިވާ ކަމަށެވެ. އެކަމަކު، އިންޖީނަށް ގެއްލުމެއްވި ކަމަށް ނުބެލެވޭ ކަމަށާއި ޖަނަރޭޓަރުގެ ކޭބަލް އަނދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެއިތުރަށް، މި ކަމާ ގުޅިގެން އެހީތެރިވުމަށް ވީހާ ވެސް ގިނަ ބަޔަކު ފެނަކަ ބްރާންޗު ސަރަހައްދަށް ދިޔުމަށް ކައުންސިލުން އާންމުންނަށް އަންގާފައި އޮތް ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ގަން ފެނަކަ ބްރާންޗު: އެ ސަރަހައްދަށް ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ކައުންސިލުން ވަނީ އަންގާފައި --- ސަން ފޮޓޯ
ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ، މިހާތަނަށް ބެލިބެލުމުން، ގެއްލުންވެފައިވަނީ އެ ރަށަށް ކަރަންޓު ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށް ބުނެފައެވެ. އެ ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި ޕެނަލްތަކަށް ދިމާވި މައްސަލަ ދެނެގަނެ، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، އަލިފާން ރޯވީ ގާތްގަނޑަކަށް 2:45 ހާއިރު ކަމަށެވެ. އެ ވަގުތު އިންޖީނުގޭގައި ތިބި ބައެއް މުވައްޒަފުންނާ ހަވާލާދީ ޒަކީ ވިދާޅުވީ, އަލިފާން އެންމެ ފުރަތަމަ ހިފީ ދުންހޮޅީގައި ކަމަށާއި އިންޖީނުގޭ ތެރެއިން އަލިފާން ކޮންޓްރޯލްކުރަން އުޅެ ކޮންޓްރޯލް ނުވީ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 ކަން ހާއިރު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.