5000 މީހުން ދިރިއުޅޭ ގަމަށް އެއް ދުވަސް ތެރޭގައި ވެސް އަނބުރާ ކަރަންޓު ނުދެވިދާނެ: ފެނަކަ

ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެފައި: ގަމަށް އެއް ދުވަސް ތެރޭގައި ވެސް އަނބުރާ ކަރަންޓު ނުދެވިދާނެ ކަމަށް ފެނަކައިން ބުނެފި -- ފޮޓޯ/ ލާމު އެމްވީ

ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެ, މުޅި ރަށުން ކަރަންޓު ކެނޑުނުއިރު، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން ބުނެފިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި ގަމު ކައުންސިލް މެންބަރު އަބްދުﷲ ޝުއާއު ފެނަކައާ ހަވާލާދީ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އެ ރަށަށް ކަރަންޓު ފޯރުކޮށް ދެވިދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 ކަން ހާއިރު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސަން'އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، އަލިފާން ރޯވީ ގާތްގަނޑަކަށް 2:45 ހާއިރު ކަމަށެވެ. އެ ވަގުތު އިންޖީނުގޭގައި ތިބި ބައެއް މުވައްޒަފުންނާ ހަވާލާދީ ޒަކީ ވިދާޅުވީ, އަލިފާން އެންމެ ފުރަތަމަ ހިފީ ދުންހޮޅީގައި ކަމަށާއި އިންޖީނުގޭ ތެރެއިން އަލިފާން ކޮންޓްރޯލްކުރަން އުޅެ ކޮންޓްރޯލް ނުވީ ކަމަށެވެ.

https://sun.mv/214811

ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އަލިފާން ނިވާލުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް އޮތީ އިންޖީނުގޭގެ ފުރާޅު ބަދަލުކުރުން ކަމަށް ޒަކީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޖީނުތަކަށް ގެއްލުންވެފައިވީ ނަމަވެސް މާ ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގައެއްނުވެއެވެ.

މި ހާދިސާގެ ސަބަބުން ގަމުން ކަރަންޓު ކެނޑިފައިވާކަން ފާހަގަކުރައްވައި ކައުންސިލަރު އަބްދުالله ޝުއާއު ވިދާޅުވީ، ކަރަންޓު ލިބޭނެ ސީދާ ވަގުތެއް ދަންނަވަން އަދި ދަތި ކަމަށެވެ.

"މިހާރު އެކަމުގަ މި އުޅެނީ،" ގަމަށް ކަރަންޓު ދިނުމަށް ބެކަޕް ޖެނެރޭޓަރެެއް ގެންނަން މަސައްކަތްކުރަމުންދޭތޯ ސުވާލުކުރުމުން މާ ބޮޑު ތަފުސީލެއް ހިއްސާނުކުރައްވައި ޝުއާއު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ގަމުގެ ފެނަކަ އިންޖީނުގޭގައި އަލިފާން ހިފާފައިވާ މަންޒަރެވެ. އިމާރާތުގެ މަތިން ބޯ، ކަޅު ދުންތަކެއް އަރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

comment ކޮމެންޓް