ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެ، ކަރަންޓު ކެނޑިއްޖެ

ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެ, މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

ސަން'އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، އަލިފާން ރޯވީ ގާތްގަނޑަކަށް 2:45 ހާއިރު ކަމަށެވެ.

ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނައިރު، އޭނާ ވިދާޅުވީ އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން އަންނަނީ ފުލުހުންނާއި ސިފައިންނާއި އާންމު ރައްޔިތުން ގުޅިގެން ކަމަށެވެ.

އެ ވަގުތު އިންޖީނުގޭގައި ތިބި ބައެއް މުވައްޒަފުންނާ ހަވާލާދީ ޒަކީ ވިދާޅުވީ, އަލިފާން އެންމެ ފުރަތަމަ ހިފީ ދުންހޮޅީގައި ކަމަށާއި އިންޖީނުގޭ ތެރެއިން އަލިފާން ކޮންޓްރޯލްކުރަން އުޅެ ކޮންޓްރޯލް ނުވީ ކަމަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އަލިފާން ނިވާލުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް އޮތީ އިންޖީނުގޭގެ ފުރާޅު ބަދަލުކުރުން ކަމަށް ޒަކީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޖީނުތަކަށް ގެއްލުންވެފައިވީ ނަމަވެސް މާ ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގައެއްނުވެއެވެ.

މި ހާދިސާގެ ސަބަބުން ގަމުން ކަރަންޓު ކެނޑިފައިވާކަން ފާހަގަކުރައްވައި ކައުންސިލަރު އަބްދުالله ޝުއާއު 'ސަން'އަށް ވިދާޅުވީ، ކަރަންޓު ލިބޭނެ ސީދާ ވަގުތެއް ދަންނަވަން އަދި ދަތި ކަމަށެވެ.

"މިހާރު އެކަމުގަ މި އުޅެނީ،" ގަމަށް ކަރަންޓު ދިނުމަށް ބެކަޕް ޖެނެރޭޓަރެެއް ގެންނަން މަސައްކަތްކުރަމުންދޭތޯ ސުވާލުކުރުމުން މާ ބޮޑު ތަފުސީލެއް ހިއްސާނުކުރައްވައި ޝުއާއު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ގަމުގެ ފެނަކަ އިންޖީނުގޭގައި އަލިފާން ހިފާފައިވާ މަންޒަރެވެ. އިމާރާތުގެ މަތިން ބޯ، ކަޅު ދުންތަކެއް އަރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

comment ކޮމެންޓް