ބްރަސަލްސް (03 ޑިސެންބަރު 2025): ޔޫރަޕްގެ އިއްތިޙާދުގެ ކުރީގެ އިސް ދެ މަސްއޫލުވެރިއަކު ކޮރަޕްޝަނުގެ މައްސަލާގައި ހައްޔަރުކޮށްފިކަން ބެލްޖިއަމްގެ ފުލުހުން އިއުލާންކޮށްފިއެވެ.
ހައްޔަރުކުރި ދެ މަސްއޫލުވެރިންނަކީ ޔޫރަޕްގެ އިއްތިޙާދުގެ ކުރީގެ ޚާރިޖީ ވަޒީރު (ޚާރިޖީ ކަންތައްތަކާބެހޭ ވިލަރެސް ވެރިޔާ) ފްރެޑްރިކާ މޮގިރީނީ އާއި ޔޫރަޕްގެ އިއްތިޙާދުގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސްޓީވެނޯ ސަނީނޯއެވެ.
ޔޫރަޕްގެ އިއްތިޙާދުގެ މައި އިދާރާ ހުންނަނީ ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސް ގައެވެ. ބްރަސަލްސްގެ ފުލުހުން ބުނިގޮތުގައި މި ދެބޭފުޅުން ހައްޔަރުކުރީ ޔޫރަޕްގެ އިއްތިޙާދުގެ ސެކްރެޓޭރިއަޓްގެ ޑިޕާޓްމަންޓެއް ކަމަށްވާ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް) އަށް ބޭނުންވާ ކޮންޓްރެކްޓް ތަކުގައާއި ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގައި ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ސިސްޓަމެޓިކްކޮށް ހިންގަމުން ގޮސްފައިވާކަން ހާމަވުމުން އެ މައްސަލައިގެ ތަހުގީގަށެވެ.

ޔޫރަޕްގެ އިއްތިޙާދުގެ އެކްސްޓާނަލް އެކްޝަން ސާވިސްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސްޓީވެނޯ ސަނީނޯ --
ޔޫރަޕްގެ އިއްތިޙާދުގެ މައިއިދާރާ ހުންނަނީ ބެލްޖިއަމްގެ ވެރި ރަށް ބްރަސަލްސްގައި ކަމަށް ވާތީ މި މައްސަލަތައް ބެލުމުގެ ޖުރިސްޑިކްޝަން ނުވަތަ ގަޟާއީ އިޚްތިސާސް ބެލްޖިއަމްއަށް އޮވެއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ކުރީގެ ޚާރިޖީ ވަޒީރު ފްރެޑްރިކާ މޮގިރީނީ އެމަގާމުގައި ހުންނެވީ 1914 އިން 2019 އަށެވެ.
ބެލްޖިޔަމްގެ ނޫހެއްކަމަށްވާ "ލެއެކޯ" ބުނާގޮތުން ފްރެޑްރިކާ މޮގިރީނީ ގެ މައްޗަށް ތުހުމަތު ކުރެވެނީ ޔޫރަޕްގެ އިއްތިޙާދުގެ ސެކްރެޓޭރިއަޓްގައި ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގައި ވަރަށް ބޯޑަށް ޝާމިލުވެވަޑައިގެންނެވި ކަމުގެ ތުހުމަތެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޑިޕްލޮމެޓިކް ކޯޕްސް އިން ހިންގާ އެކި މުއާމަލާތްތަކުގައި ކޮރަޕްޝަނާއި މަކަރުހެދުމާއި އޮޅުވާލުމާ އަދި ކަޓުނެގުމުގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައިވާއިރު މިކަމުގެ ނާޖާއިޒު ފައިދާ އެކަމަނާއަށް ލިބިވަޑައިގެންނެވި ކަމުގެ ތުހުމަތެވެ.
ކޮރަޕްޝަނާއި މަކަރުހެދުމާއި އޮޅުވާލުމާ އަދި ކަޓުނެގުމުގެ އަމަލުތައް ހިންގާފައިވަނީ ޔޫރަޕްގެ އިއްތިޙާދުގެ ޑިޕްލޮމެޓިކް ކޯޕްސްއަށް ބޭނުންވާ ސާމާނާއ ޚިދުމަތްތައް ޕާޗޭސްކުރުމުގެ ޕްރޮސެސް ތެރޭގައިކަމަށް ރިޕޯޓްތައް ބުނެއެވެ.