އަހަރުތަކަކަށްފަހު ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ޑައިރެކްޓަރު އަނީސް ބަޒްމީ އުފައްދާ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަކްޝޭ ކުމާރުއާ އެކު އަނީސް މަސައްކަތް ކުރަން ނިންމާފައިވާ ފިލްމަކީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "ސަންކްރާންތިކީ ވަސްތުނަމް"ގެ ރިމޭކް ފިލްމެވެ. މި ފިލްމުގެ ރިމޭކެއް އުފައްދާނެކަމުގެ އަޑުތަކެއް މީގެކުރިން ވެސް އަރާފައިވާއިރު އެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
ނަމަވެސް ދާދިފަހުން ބޭއްވި އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި ވާހަކަ ދައްކަމުން ތެލުގޫ ފިލްމުގެ ޕްރޮޑިއުސަރު ސިރިޝް ވަނީ ތެލުގޫ ފިލްމު "ސަންކްރާންތިކީ ވަސްތުނަމް"ގެ ރިމޭކްއެއް އުފައްދާނެކަން އިއުލާނުކޮށްފައެވެ.

ތެލުގޫ ފިލްމު "ސަންކްރާންތިކީ ވަސްތުނަމް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
އެ ފިލްމު އުފައްދާނާ ޑައިރެކްޓަރު އަނީސް ބަޒްމީ ކަމަށާއި ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ އަކްޝޭ ކުމާރުކަން ވެސް ސިރިޝް ވަނީ ކަށަވަރުކޮށްދީފައެވެ.
ހަމައެއާއެކު މި ފިލްމު ގެނެސްދިން ސައުތު ފިލްމު ކުންފުނި ސްރީ ވެންކަތެސްވަރާ ކްރިއޭޝަންގެ ހަ ފިލްމެއްގެ ރިމޭކްއެއް އަންނަ އަހަރުތެރޭ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޭގެތެރޭގައި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއާ އެކު އުފައްދާ ފިލްމެއް ވެސް ހިމެނޭއިރު މަޝްހޫރު ތެލުގޫ އެކްޓަރު ޕަވަން ކަލްޔަންގެ ފިލްމެއް ވެސް ހިމެނޭ ކަމަށް ސިރިޝް ވަނީ ބުނެފައެވެ.
އަކްޝޭ އާއި އަނީސް އެކީގައި މަސައްކަތްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ "ތެންކް ޔޫ"، "ސިންގް އިޒް ކިންގް"، "ވެލަކްމް" އަދި "ވެލްކަމް ބެކް" ހިމެނެއެވެ.
މިހާތަނަށް އަކްޝޭގެ ހަތަރު ފިލްމެއް މި އަހަރުތެރޭ ރިލީޒްވެފައިވާއިރު އަންނަ އަހަރު އެކްޓަރުގެ ތިން ފިލްމެއް ސިނަމާއަށް ގެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ.