ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ތައާރަފްވި އެކްޓަރު ވެދާންގް ރައިނާ ޒޮމްބީ ކޮމެޑީއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ އެޕޯލޯސް އެންޓަޓެއިންމަންޓް ބެނާގެ ދަށުން ޑައިރެކްޓަރު ދިވްޔާންގް ތައްކަރު އުފައްދާ ފިލްމެކެވެ. ދިވްޔާންގް އަކީ ޔަޝްތާޖް ފިލްމްސްއިން 2022 ވަނަ އަހަރު ގެނެސްދިން ކޮމެޑީ ޑްރާމާ "ޖަޔޭޝްބާއީ ޖޯރްދާރް"ގެ ވެސް ޑައިރެކްޓަރެވެ.
އެ ފިލްމަށް ކުރިމަތިވި ނާކާމިޔާބީގެ ނަތީޖާއަށް ބެލުމަށްފަހު ދިވްޔާންގްއަށް މުޅިން އާ ޖޯންރާއެއްގެ ފިލްމެއް އުފެއްދިދާނެކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޒޮމްބީ ކޮމެޑީ އަކީ ފަސޭހައިން އުފެއްދޭނެ ފިލްމެއް ނޫން ކަމަށާއި ޑައިރެކްޓަރު ދިވްޔާންގް މާޒީގައި ކޮށްފައިވާ ފިލްމީ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު މި ފިލްމު ޑައިރެކްޓް ކުރުން ދިވްޔާންގްއާ ހަވާލު ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމާމެދު ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ޑައިރެކްޓަރު ދިވްޔާންގް ތައްކަރު އަދި އެކްޓަރު ވެދާންގް--ފޮޓޯ/ޕިންކްވިލާ
މި ފިލްމަށް ޒުވާން އެކްޓަރު ވެދާންގް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް ފިލްމާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމު "ދަ އާޗީސް"އަށްފަހު ވެދާންގް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ބަތަލާ އާލިއާ ބަޓް މިދިޔަ އަހަރު ގެނެސްދިން ފިލްމު "ޖިގްރާ"އިންނެވެ.
ޑައިރެކްޓަރު އިމްތިއާޒު އަލީގެ ފިލްމެއްގައި ވެސް ވެދާންގް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮލީވުޑް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މީގެއިތުރުން ކުރީގެ ބަތަލާ ރިންކީ ކަންނާގެ ދަރިފުޅު އަދި ބަތަލާ ޓުވިންކަލް ކަންނާއަށް ބޮޑު ދައިތަކިޔާ ނައޯމިކާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްކުރާ ފިލްމުގެ ވެސް ލީޑް އެކްޓަރަކީ ވެދާންގް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.