މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގައި މިއަދު ކުރިއަށްދިޔަ ފިރިހެން ޑަބަލްސް އިވެންޓްގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ވާދަކޮށްފިއެވެ.
އެންމެ ފަހުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ޑަބަލްސް އިވެންޓުން ރިހި މެޑެލް ހާސިލްކުރި ރާއްޖޭގެ މި ޕެއާ ކުއާޓާގައި މިއަދު ކުރިމަތިލީ އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތު ޓްރިޕަންކަރްގެ ޕެއާ އަތުން ބަލިވީ ސީދާ ދެ ސެޓުންނެވެ.
މި މެޗުން އިންޑިއާގެ ޕެއާ މޮޅުވީ 25-7، 25-1 އިންނެވެ.
މުބާރާތުގެ ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި އާދަމް އަދީލް އާއި އިބްރާހިމް ހުޖާން އަލީ އަށް ނާކާމިޔާބުވީ ފުރަތަމަ ބުރުގައެވެ.

މި ދެ ކުޅުންތެރިންގެ ޕެއާ އަތުން މި މެޗުގައި ސްރީ ލަންކާގެ ނިޝާންތަ ފެނާންޑޯ އާއި ނިމްނެއިތު ޕެއިރިސްގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާގެ ޕެއާ ގެންދިޔައީ 25-14، 14-17 އާއި 25-14 އިންނެވެ.
އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު މާލޭގައި ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.