ކެރަމް ވޯލްޑް ކަޕު 2025: ރާއްޖޭގެ ނަހުފާއާއި ފައިނާޒްގެ ޕެއާ ލޯ މެޑަލް މެޗަށް

ކެރަމް ވޯލްޑްކަޕުގައި ރާއްޖޭގެ އަންހެން ޓީމުގެ މެޗެއްގެ ތެރެއިން--

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގައި މިއަދު ކުރިއަށްދިޔަ އަންހެން ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލް މެޗުތަކަށްފަހު ރާއްޖޭގެ އައިޝަތު ނަހުފާއާއި އައިޝަތު ފައިނާޒްގެ ޕެއާ ބްރޯންޒް މެޑަލް މެޗުގައި ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ޕެއާ ބަލިވީ އިންޑިއާގެ ހާޒިމާ އާއި މިތްރާގެ ޕެއާ އަތުންނެވެ. މި މެޗުން އިންޑިއާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުން އިންޑިއާގެ ޕެއާ 25-09 އިން މޮޅުވިއިރު، ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރުގަދަ ކުޅުމަށްފަހު އިންޑިއާގެ ޕެއާ ފަހު ސެޓުން ކުރިހޯދީ 18-13 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި އައިމިނަތު ވިދާދް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ކުއާޓަރ ފައިނަލުގައި ވާދަކޮށްފައެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ކުއާޓަރ ފައިނަލުގައި ނާކާމިޔާބުވީ އެމެރިކާގެ ޕެއާ އަތުން ބަލިވުމުންނެވެ.

ކެރަމް ވޯލްޑްކަޕުގައި ރާއްޖޭގެ އަންހެން ޓީމުގެ މެޗެއްގެ ތެރެއިން--

މި މެޗުގެ ފުރަތަމަ ސެޓުން އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާގެ ޕެއާ 18-17 އިން ކުރިހޯދާފައިވަނިކޮށް، ރާއްޖޭގެ ވިދާދް އާއި ރަޔާނާގެ ޕެއާ ވަނީ ދެން ޖެހިގެންއައި ސެޓުން 18-17 އިން މޮޅުވެފައެވެ. އެކަމަކު، ދެން ޖެހިގެންއައި ސެޓުގައި އެމެރިކާގެ ޕެއާ މޮޅުވީ 22-08 އިންނެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

comment ކޮމެންޓް