އެއްގަމު އުޅަނދު ރާއްޖޭގައި ދުއްވަން ވާނީ، އެ އުޅަނދަކަށް، ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ 'ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް' ކުރުމަށް ފަހު ކަމަށް ލާޒިމްކޮށް އެ އިންޝުއަރެންސް ތައާރަފްކުރުމަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.
ކޮމްޕްރެހެންސިވް އިންޝުއަރެންސަކީ އަމިއްލަ ކޮންޓްރޯލުގައި ނެތް ހާދިސާތަކުގެ ސަބަބުން އުޅަނދުފަހަރަށް ދިމާވާ ގެއްލުންތައް ކަވަރުކުރުމަށް އޮންނަ އިޚުތިޔާރީ އިންޝުއަރެންސް ކަވަރޭޖެކެވެ.
އަމިއްލަ ކޮންޓްރޯލްގައި ނެތް ހާދިސާތަކަކީ ތިންވަނަ ބަޔަކު އުޅަނދަށް ގެއްލުން ދިނުމާއި، ގުދުރަތީ ހާދިސާއެއްގެ ސަބަބުން އުޅަނދަށް ލިބޭ ގެއްލުމެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގައި ވަނީ، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަން ވާނީ އެ އުޅަނދަކަށް ނުވަތަ އެ އުޅަނދު ދުއްވާ މީހާއަށް، ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ކުރުމަށް ފަހު ކަމަށެވެ.
އެއާއެކު، މި މާއްދާގައި ވަނީ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސްގެ ދަށުން ކަވަރުކުރެވޭނެ ބައިތައް ބަޔާންކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތެއް މަރުވުން.
- އެ ފަރާތަށް ޖިސްމާނީ ހާނިއްކައެއްވުން ނުވަތަ އެ ފަރާތުގެ މުދަލަށް ލިބޭ ގެއްލުމަށް ޒިންމާވުން.
- އަމިއްލަ އުޅަނދަކަށް، އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ސީދާ ގެއްލުމަށް، ނުވަތަ އުޅަނދު ފުރޮޅާލުމުގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ އަސަރުކުރުމުން ލިބޭ ގެއްލުމަށް ޒިންމާވުން.
- އަލިފާނުގެ ސަބަބުން ލިބޭ ގެއްލުން.
- ވަގަށް ނެގުމުގެ ސަބަބުން ނުވަތަ ގެއްލުންދިނުމުގެ ސަބަބުން ނުވަތަ ގެއްލުންދިނުމުގެ ގަސްތުގައި ކުރާ ކަންކަމުގެ ސަބަބުން އުޅަނދަށް ލިބޭ ގެއްލުމަށް ޒިންމާވުން.
- ފެން ބޮޑުވުމާއި އުދައެރުން ނުވަތަ މޫސުމީ ކާރިސާތަށް ފަދަ ގުދުރަތީގޮތުން ލިބޭ ގެއްލުމަށް ޒިންމާވުން.
މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވުމުގެ މަގުސަދަކީ އެއްގަމު އުޅަނދުފަހަރަށް މިހާރު ރާއްޖޭގައި ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމުކޮށްފައިވީ ނަމަވެސް، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން، އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ، އެކަމަށް ހައްލު ހޯދުމެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެކްސިޑެންޓާ ގުޅޭ 2،797 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. އެގޮތުން ނިމިދިޔަ ނޮވެމްބަރު މަހު 294 އެކްސިޑެންޓުގެ މައްސަލައެއް، އަދި އޮކްޓޯބަރު މަހު އެކްސިޑެންޓުގެ 251 މައްސަލައެއް ހުށަހެޅިފައިވެއެވެ.
އެކްސިޑެންޓުގެ އިތުރުން ގުދުރަތީ ހާދިސާތައް ދިމާވެގެންވެސް އުޅަނދުފަހަރަށް ގެއްލުންވެފައި އެބަ ހުއްޓެވެ. އެގޮތުން ވަޔާ ގަސްގަހާގެއްސާއި އިމާރާތްތަކުން ބައިތައް އުޅަނދުފަހަރުގެ މައްޗަށް ވެރި، ބައެއް މީހުންގެ އުޅަނދުފަހަރަށް އެކިވަރުގެ ގެއްލުން ވެފައި ވެއެވެ.