ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ކޮންފަރެންސެއް ފަށައިފި

ލޯކަލް ޕޮލިސިން ކޮންފަރެންސް 2025: ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެފައިވޭ -- ފޮޓޯ/ ޕޮލިސް މީޑިއާ

ފުލުހުންގެ މަސައްކަތްތައް ވަރުގަދަކުރުމުގެ މަގްސަދުގައި ބާއްވާ ލޯކަލް ޕޮލިސިން ކޮންފަރެންސް މިއަދު ފަށައިފިއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ ކޮންފަރެންސެކެވެ.

މިއަދު ކޮންފަރެންސް ފެށުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙުސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

މިއަދާއި މާދަމާ، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދާ ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރާނެއެވެ.

މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން އެ މުއައްސަސާގެ ތެރޭގައި ހިންގާ ތަމްރީންތަކުގެ އިތުުރުން ރާއްޖެއިން ބޭރަށް ވެސް ފުލުހުން ތަމްރީންކުރަން ފޮނުވައެވެ.

ފުލުހުންގެ ތަހުގީގުތަކުގައި އިންސާފުވެރިކޮށް އަމަލުނުކުރާ ކަމަށް ބުނެ، އެ ޚިދުމަތަށް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ. މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއަކީ ބޮޑު މުއައްސަސާއެއް ކަމަށްވާއިރު، ފުލުހުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެކި ސަރުކާރުތަކުން މަސައްކަތްތައް ކުރާ ކަމުގެ ތުހުމަތު ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް