ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފި

ގާޒީ ހުސައިން ފާއިޒް: އޭނާ ގާޒީ ކަމުން ވަކި ކުރަން މަޖިލީހަށް ފޮނުވަން ވަނީ ފާސްކޮށްފައި

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ގާޒީ ފާއިޒު އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންވެ، ފަނޑިޔާރުކަމުން ގާޒީ ފާއިޒް ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަނުން އޮތީ ނިންމާފައެވެ.

https://sun.mv/214481

މިއަދު ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ޖޭއެސްސީން ފޮނުވި ރިޕޯޓު ދިރާސާކޮށް، އެ ކަމާ މެދު ގޮތެއް ނިންމަން ވާހަކަދައްކާފައެވެ. އެ ގޮތުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ، ކޮމިޓީން ބަލަން ޖެހޭނީ ހަމައެކަނި ޖޭއެސްސީން މައްސަލަ ކުރިއަށް ގެންދިޔައީ އިޖުރާއަތްތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަމަށެވެ.

މިއަދު ޖުޑިޝަރީ ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރުން: އެ ކޮމިޓީގައި ވަނީ، ގާޒީކަމުން ފާއިޒް ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ފާސްކޮށްފައި --- ފޮޓޯ/ މަޖިލިސް

މައްސަލައާ ގުޅިގެން ކޮމިޓީއަށް ލިބިފައި ހުރި ލިޔުންތައް ދިރާސާކުރިއިރު ވެސް އެއްވެސް އިޖުރާއަތަކާ ޚިލާފަށް ޖޭއެސްސީން އަމަލުކޮށްފައިވާކަން ފާހަގަވެފައި ނެތް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކަށް ފާއިޒު ޝަކުވާއެއް ހުށަހަޅާފައި އޮތްކަމެއް އެނގޭކަށް ނެތް ކަމަށް ވިދާޅުވެ، މެންބަރު ވަނީ ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ފޭދޫ އިތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ތާއިދުކުރައްވާފައެވެ.

އެހެންވެ، ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ވަނީ ފާއިޒު ވަކިކުރަން ނިންމާފައެވެ. ކޮމިޓީގެ ނިންމުމަށް ތަޅުމުގައި އަދި ވޯޓަށް އަހާނެއެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުންތަކެއް ---- ފޮޓޯ/މަޖިލިސް

ފާހަގަކުރެވޭ ގޮތުގައި، ފާއިޒް އެ މަގާމުން ވަކިކުރަން ނިންމިއިރު، އޭނާ ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގައެވެ.

މީގެ ކުރިން ވެސް ގާޒީ ފާއިޒު މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރިއެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައެއްގައެވެ.

އެ މައްސަލައިގައި ނޮވެންބަރު ހަތަރެއް، 2021 ގައި ފާއިޒް ސަސްޕެންޑުކުރީ 60 ދިވަހުގެ މުއްދަތަކަށެވެ. އެކަމަކު، އެ އަހަރުގެ ޑިސެންބަރު 26ގައި ޖޭއެސްސީން ވަނީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވާލާފައެވެ.

ހުސައިން ފާއިޒު ރަޝާދު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމުގައެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްކަމުގެ މަގާމުގައެވެ.

comment ކޮމެންޓް