ޕީއެސްއެމްއިން ވަކިވި ނަސްރީނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި, އިބްރާހީމް ނަސްރީން: އޭނާއަށް ވަނީ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފައި-- ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި, އިބްރާހީމް ނަސްރީނަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ނަސްރީން އިއްޔެ ވަނީ ޔޫތު މިނިސްޓްރީގެ ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފައެވެ.

https://www.sun.mv/214605

ޔޫތު މިނިސްޓްރީގައި މިހާރު ވެސް ނަސްރީން ނުލައި ފަހަކަށް ވުރެން ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ. ނަމަވެސް ކުރީ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުގައި ރައީސް އޮފީސް ވެބްސައިޓުން އަޕްޑޭޓް މައުލޫމާތު ލިބެން ނުހުންނާތީ ސީދާ އަދަދެއް ނޭނގެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދެ މިނިސްޓްރީއެއްގެ ކޯޑިނޭޓަރުކަން ކުރެއްވި އަހުމަދު ޝަމްއޫން ވެސް މިދިޔަ ހަފުތާގައި ވަނީ, ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވައިފައެވެ. އަަދި އޭނާ އެ މަގާމަށް ނުކުންނަވަން ފައްޓަވާފައިވާކަން އޭނާ ޔަގީން ކޮށްދެއްވައެވެ.

ނަމަވެސް އަދިވެސް ރައީސް އޮފީސް ވެބްސައިޓުގައި އެ މައުލޫމާތު އަޕްޑޭޓް ކޮށްފައެއް ނުވެއެވެ.

ޔޫތު މިނިސްޓްރީގައި މިނިސްޓަރަކަށް އިބްރާހީމް ވަހީދު (އަޝްވާޑު) ގެ އިތުރުން މިނިސްޓަރު ފެންވަރުގައި އަޙްމަދު ނަރީޝް ވަނީ އައްޔަން ކުރައްވައިފައެވެ.

ނަސްރީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަށް އައްޔަނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަހަރުގެ ޑިސެމްބަރު 19ގައި އިސްތިއުފާދެއްވުމުންނެވެ.

https://www.sun.mv/214531

އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު ވެސް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24ގެ ޒީނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ނަސްރީނަކީ ޕީއެސްއެމްގައި ޚިދުމަތް ކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. އޭނާ މަސައްކަތް ފެއްޓެވީ ގްރެފިކްސްގެ ދާއިރާއިން ކަމަށްވާއިރު، އެކި މަގާމުތައް ފުރުއްވައި، ޕީއެސްއެމްގެ ކޮމާޝަލް ހެޑްއަކަށް ވެސް ހުންނެވިއެވެ.

ނަސްރީން ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި ޕީއެޗްޑީ ފައްޓަވައި، މިހާރު މަސައްކަތް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެ ފަހު މަރުހަލާގައެވެ.

ސިޔާސީ މަގާމުތައް 700 އަށްވުރެން އިތުރު ނުކުރައްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މަގާމުތައް ވަނީ އެއަށް ވުރެން މާ އިތުރުވެފައެވެ.

comment ކޮމެންޓް