ހިތުގައި ތިނަން ވާތީ... 09

"އެއީ ތެދެއް... މީގެ ފަހުން އީވް އެކަނި މިތާ ނުހުންނާތި!..." ރިމްޝާ ބުނެލިއެވެ.

ކެފޭގެ ފުރަގަހުން މީހަކު ދުއްވައިގަތް ކަހަލަ އަޑެއް އިވުނެވެ. އާކިލް އާއި މިރާހަށް އެދިމާއަށް ދުއްވައިގަނެވުނީ އެކުއެކީގައެވެ. ރިމްޝާވެސް އެމީހުންގެ ފަހަތުން ދުއްވައިގަތެވެ. ކޮންމެވެސް މީހަކު އިވްލީންގެ ކުރިމަތީގައި ހުއްޓުނެވެ.

********

އިވްލީންގެ ނަޒަރު އެންމެ ފުރަތަމަ ހުއްޓުނީ އެމީހަކު އަރައިގެން ހުރި ބޫޓަށެވެ. އޭގެ ފަހުގައި މޫނަށެވެ.

"މިކުއްޖާ މިހާރު ހާދަ ދޮންވެއްޖެއޭ..." އިވްލީން އިސްއުފުލައިލުމާއިއެކު ކުރިމަތީގައި ހުރި ސޮބާހު ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.

ސޮބާހަކީ އިސްކޫލް ދައުރުގައި އިވްލީންގެ ގާތް އެކުވެރިއެކެވެ. އެކުވެރިއަކަށްވުރެ ބޮޑަށް އިވްލީނަށް ސޮބާހާއިމެދު ދެކެވެނީ ކޮއްކޮއެއްގެ ގޮތުގައެވެ. އިވްލީންގެ މަންމަގެ ދުނިޔޭގައި ސޮބާހު އަބަދު ކަހަލަ ގޮތަކަށް އުޅުނީ އޭނާގެ ގޭގައެވެ. އިވްލީނަށްވުރެ ތިން އަހަރު ހަގުވިޔަސް، ސޮބާހު ފެންނަނީ އުމުރަށްވުރެ މާ ދޮށީ ކޮށެވެ. ރަށު ސްކޫލުން ތައުލީމު ހާސިލުކުރެވޭނެ އެންމެ މައްޗަށް ތައުލީމު ހާސިލުކުރުމަށްފަހު، ރާއްޖެއިން ބޭރަށް ދިޔަފަހުން، އިވްލީނަސް ސޮބާހު ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

"ސޮބާ!..." އިވްލީންގެ ދެލޯ ބޮޑުވިއެވެ.

"ތި ހީކުރީ މީ ސޮބާ ކާލައިގެން އައިސް ހުރި ޖިންނިއެއް ކަމަށްތަ؟.... ދެލޯކޮޅު ބޮޑުވެފަ ތިހުރީ އެހެންވެތަ؟..." ސޮބާހު ހީގަތެވެ.

"ކުއްލިއަކަށ ފެނުނީމަ އެހެނެއްނު ވާނީ... ކޮންއިރަކު އައީ؟... ހިނގާ ކޮފީއެއް ބޯން..." އެތެރެއަށް އިޝާރާތް ކުރަމުން އިވްލީން ހިނގައިގަތެވެ.

"މީ އީވްގެ ޑްރީމް ކެފޭ؟..." ކެފޭގެ ވަށައިގެން ނަޒަރު ހިންގައިލަމުން ސޮބާހު އަހައިލިއެވެ. "ސްކޫލްގަ އުޅުންއިރުވެސް އަބަދު ހިޔާލެއްގަ ގެންގުޅޭނެ ކެފޭއެއް... ގަދަ އިނގޭ... ޔަގީން އީވްގެ އައިޑިއާ ކަން މީ..."

"ހޫމްމް.. ސަޅި؟..." ސޮބާހުގެ ތައުރީފުގެ ބަސްތަކުން އިވްލީނަށް އަމިއްލަ ނަފުސަށް ފަހުރުވެރިވެވުނެވެ.

ސޮބާހު ފެނުމުން އިވްލީން ހުރީ އޭގެ އިރުކޮޅެއް ކުރިން ވީ ކަންތަކުގެ މަތީން ހަނދާންނެތިފައެވެ.

"ސަޅިކަމުން މިތަން ގަނެލާހިތްވެސް ވެއްޖެ..." ސޮބާހު ޖަހައިލީ ސަކަ ހިނިގަނޑެކެވެ.

"ހަމަ އެހާ މުއްސަނދިތަ؟.." އިވްލީންވެސް ސޮބާހުގެ ސަމާސާގައި ބައިވެރިވިއެވެ.

"އާނ.. ނޭނގޭތަ، އަހަންނަކީ މަސްހޫރު ވިޔަފާރިވެރިޔެކޭ މިހާރު.." ސޮބާހު އޭނާ ލައިގެން ހުރި ޓީޝާޓުގެ ގިރުވާން ކޮޅަށް ޖަހައިލިއެވެ.

"ބިޒްނަސްއެކޭ އެއްވަރަށް ފޮނިކަނޑަންވެސް ދަސްކޮށްގެންދޯ ތިއައީ... ކޮންކަހަލަ ކޮފީއެއް ބޯނީ؟.." ކޮފީ މެޝިނުގެ ކައިރިއަށް ގޮސްފައި އިވްލީން ސުވާލުކުރިއެވެ.

ސޮބާހުގެ މުޅި ޝައުގުވެރިކަން އަތުލާފައިވީ އިވްލީންގެ އަތްތެރި މަސައްކަތްތަކަށެވެ. ފަހަރަކު އެއްޗެއް ނަގައިގެން ބަލަމުން ދިޔައިރު، އޭނާ ދިޔައީ ބައެއް އެއްޗެހީގެ ތަސްވީރުތައްވެސް ނަގަމުންނެވެ.

"އެމީހަކު އަތެއްނުވި... އެދިމާ އަތިރިމަތިން..." އެތެރެއަށް ވަން އާކިލްގެ ޖުމުލަ ފުރިހަމަނުވަނީސް ސޮބާހު ފަސްއެނބުރި ބަލައިލިއެވެ.

ސޮބާހު ފެނުމުން، އާކިލްއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާއަށް އަވަސް ނަޒަރެއް ދެވުނީ ކައުންޓަރުގެ ކައިރީގައި ހުރި އިވްލީނަށެވެ. އިވްލީން އެއްފަހަރު އާކިލްއަށް އަނެއްފަހަރު ސޮބާހަށް ބަލައިލިއެވެ. ސޮބާހު ހިނިތުންވެލި ނަމަވެސް އާކިލްއަކަށް އެކަމެއް ނުވިއެވެ.

"އާކް ކަލޭވެސް އެބައުޅެން؟..." އާކިލް އާއި ދިމާއަށް ހިނގައިގަންނަމުން ސޮބާހު އަހައިލިއެވެ.

އާކިލްގެ ދެއަތް މުށްކެވުނެވެ. އުނދަގޫގޮތަކަށް ހިންދިރުވައިލަމުން އޭނާ އަވަހަށް ދެއަތް ޖީބަށް ޖަހައިލިއެވެ.

"އީވްގެ ކޮފީއެއް ބޯލަން މިއުޅެނީ... އެބައޮތޭ ބިޒްނަސްއަކާ ބެހޭގޮތުން ކަމެއް ޑިސްކަސް ކުރަންވެފަ... ކޮފީއަށް ޖޮއިން ކުރަންވީނު..." މޭޒަށް އިޝާރާތް ކުރަމުން ސޮބާހު ބުނެލިއެވެ.

"މިދަނީ ތަންކޮޅެއް އަވަހަށް ތާކަށް ދާންޖެހިގެން... ފަހުން ހަބަރެއް ވާނަން..." އާކިލް އަވަސް އަވަހަށް ކެފޭއިން ނުކުތެވެ.

"އެހެންވީމަ އަހަރެންވެސް މިގަޑީ ގޮސްލީއޭ... އާކްއާ ވާހަކައެއް ދައްކަން އެބަޖެހޭ... އީވް ހުރީމަ ކަންނޭނގެ އޭނަ އެދިޔައީ... އެހެން ގަޑިއެއްގަ އަންނާނަން ކޮފީއެއް ބޯން..." އާކިލްގެ ފަހަތުން ހިނގައިގަންނަމުން ސޮބާހު ބުނެލިއެވެ.

އާކިލްމެން ދިޔަ ދިމާއަށް ބަލަން ހުރި އިވްލީންގެ މޫނުން ފެނުނީ ހައިރާންކަމެވެ. ސޮބާހު ފެނުމުން އާކިލްގެ މޫނުމަތި ބަނަވިތަން އޭނާއަށް ފެނުނެވެ. ކުރިން ސޮބާހާއިއެކު އުޅުނުއިރު، އާކިލް އެފަދަ ގޮތަކަށް ސޮބާހާއިމެދު ކަންތައް ކުރިތަނެއް އޭނާ ނުދެކެއެވެ. ކުރިން އެދެމެދުގައި އޮތީ ގާތް ގުޅުމެކެވެ. އެކަމަކު ކުއްލިއަކަށް އާކިލްއަށް އެ ބަދަލު އައީ ކީއްވެ ހެއްޔެވެ؟ އިވްލީން ކުޑަކޮށް ބޯ އަރިކޮށްފައި ބަލައިލިއިރު، ސޮބާހު ދުވެފައި ގޮސް އާކިލް އާއި އަރާ ހަމަކުރަނީއެވެ.

"އާކް ހާދަ ރުޅި އައިއްސަ... އަދިވެސް ކުރީގެ ކަންތަކާ ހިތްހަމަނުޖެހިފަ؟..." އާކިލްގެ ކުރިމައްޗަށް އަރަމުން ސޮބާހު ސުވާލުކުރިއެވެ. "އެއީ ދެން ކޮން ޒަމާނެއްގެ ކަމެއް..."

"އަހަންނަކަށް ނޭނގެ ސޮބާހު ކުރަން ތިއުޅެނީ ކީއް ކަމެއް... ސޮބާހުގެ މަގުސަދަކީ ކޮބައި ކަމެއް... އެކަމަކު، ތިކަން ހުއްޓާލާ!..." އާކިލް ހުރީ ހިތްހަމަނުޖެހިފައެވެ.

ސޮބާހު އިތުރު އެއްޗެއް ބުނުމުގެ ކުރިން އާކިލް އެތަނުން ދިޔައެވެ. ސޮބާހު ފަސްއެނބުރި ކެފޭއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެހިސާބުގައި ހުންނައިރުވެސް އެތެރޭގައި ހަރަކާތްތެރިވަމުންދިޔަ އިވްލީން ފެނެއެވެ. މޭޒުތައް ފޮހެން ހުރި އިވްލީން ހިންދެމިލިވަގުތު ސޮބާހު ބަލަން ހުރިތަން ފެނުނެވެ. ސޮބާހު އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރި އެތަނުން ދާން ހިނގައިގަތެވެ.

ގެއަށް ދިޔައިރު އިވްލީން ހުރީ ވަރުބަލިވެގެން ކޮޅަށްވެސް ނުހުރެވޭވަރު ވެފައެވެ. އޭނާ އެންމެ ފުރަތަމަވެސް ހުޅުވައިލީ މަހުމޫދު އޮތް ކޮޓަރީގެ ދޮރެވެ. ދޮރު ހުޅުވައިލި އަޑަށް މަހުމޫދު ކުޑަކޮށް ތެދުވެ، ދޮރާއި ދިމާއަށް ބަލައިލިއެވެ.

"ދަރިފުޅާ!..." މަހުމޫދުގެ މޫނު އުޖާލާވިއެވެ.

އިވްލީން ގޮސް އޭނާގެ ބައްޕަގެ ކައިރީގައި އިށީނެވެ.

"ސަނިއްޔައްތަ ކާއެއްޗެހި ގެނައިތަ؟..." ތަށިބަރި ފެންނަން ހުރި ނަމަވެސް އިވްލީން ސުވާލުކުރިއެވެ.

"އެހެރީނު ތަށިތައް..." ތަށިތަކަށް އިޝާރާތް ކުރަމުން މަހުމޫދު ބުނެލިއެވެ. "ދަރިފުޅު ރަނގަޅުތަ؟... ރިމްޝާ ބުނި ދަރިފުޅު ވަރަށް ބައްޔޭ... އެއީ ތެދެއްތަ؟.."

"ބައްޔެއް ނޫން... ބައްޕައަށް އެނގެއެއްނު ރިމްގެ ގޮތް... ކިރިޔާ ކަމެއްވިޔަސް ބޮޑުކޮށްލާނެ..." އިވްލީން ގަދަކަމުން ހިނިތުންވެލިއެވެ.

"ދަރިފުޅު ބަލިވަންޏާ، އެއިން ކޮންމެސް ކުއްޖެއް ކައިރީ ބުނައްޗޭ!..." އިވްލީންގެ ބުރަކަށީގައި ފިރުމައިލަމުން މަހުމޫދު ބުނެލިއެވެ. "މި ފޮށި ހުޅުވާލަބަލަ ދަރިފުޅާ!..."

އިވްލީން ފޮށި ހުޅުވައިލިއިރު، ފޮތީގައި އޮތީ މަޑު ދަނބުކުލައެއްގެ ކުޑަ ފޮތިކޮޅެކެވެ. ފޮތިކޮޅު ނެގުމާއިއެކު އިވްލީނަށް ފެނުނީ އޭނާގެ މަންމަގެ ފަށެވެ.

"ތީ.. ތީ ދަރިފުޅު ބުނި ފަށް... މަންމަ ވަރަށް ލޯބިން ގެންގުޅުނު ފަށެއް ތީ... ފަށުފޫ ގެއްލުނަސް، މަންމަ ތި ފަށަށް ވަރަށް ލޯބިކުރި... މަންމަ ބުނި ކޮންމެސް ދުވަހަކުން ދަރިފުޅަށް ތިފަށުގެ ބޭނުން ޖެހޭނެއޭ... ބައްޕައަށް ވަސިއްޔަތްކުރި ދަރިފުޅަށް ތިފަށް ދޭން... ބައްޕައަށް ހީވަނީ ދަރިފުޅަށް މިފަށް ދޭންޖެހޭ ދުވަސް އައީހެން..." މަމްދޫހާގެ ވާހަކަ ދެއްކިއިރު، މަހުމޫދުގެ މޫނުން ފެނުނީ ހިތާމައިގެ އަސަރެވެ.

ފަށް ނެގިއިރު، އިވްލީންގެ އިނގިލިތަކުގައި ވަނީ މަޑު ތުރުތުރުލުމެއް އުފެދިފައެވެ. މަންމަގެ ހަނދާންތައް އައުވުމުން އިވްލީންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

ތަށިތައް ދޮންނަން ހުރިއިރު، އިވްލީނަށް ވިސްނުނީ މަހުމޫދު ދެއްކި ވާހަކަތަކާއި މެދުގައެވެ. އިވްލީނަށް އެފަށުގެ ބޭނުން ޖެހޭނެއޭ އޭނާގެ މަންމަ ބުނީ ކީއްވެ ހެއްޔެވެ؟ އިވްލީން އޭނާގެ ޖީބުން ފަށް ނެގިއެވެ. ފަށަށް ބަލަން އިރުކޮޅަކު ހުރެފައި، ކަރުގައި އެޅިއެވެ. ހިޔާލުތަކަށް ގޮސް ގެއްލިފައި ހުރި އިވްލީން ސިހުނީ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށި އަޑު އިވުމުންނެވެ. ގުޅީ ރިމްޝާއެވެ.

"އެނގޭތަ ކެފޭގެ ކޮމްޕްލެއިން ފޮނުވީ ކޮން ތަނަކުންކަން؟..." އިވްލީން ފޯނު ނެގުމާއިއެކު ރިމްޝާ ބުނެލިއެވެ.

"އަނެއްކާ ކޮމްޕްލެއިންގެ ވާހަކަ... ތިނޫން ވާހަކައެއް..." އިވްލީންގެ ޖުމުލަ ފުރިހަމަވާގޮތެއް ނުވިއެވެ.

"ސެވަން ވަން ކޮމްޕެނީ... އެނގޭތަ އެބަ މި ވާ އެއްޗެއް؟.. އެއީ ކާކުގެ ކުންފުންޏެއްކަން އެނގޭތަ؟..." ރިމްޝާ ބޭނުންވީ އިވްލީންގެ އަނގައިން ޖަވާބު ބުނުވާށެވެ.

"އާކިލްގެ؟..." ހިތް އަވަސްވެފައިވާ ހާލު، އިވްލީނަށް އަހައިލެވުނެވެ.

"އާނ... އެއީ އާކިލްގެ ކޮމްޕެނީ... މިކޮޅުގެ ޓޫރިޒަމް ޕްރޮޖެކްޓް އެ ހިންގަނީ އެމީހުން... ހަމަ އެކުންފުނީގެ ދަށުން...." ރިމްޝާ އިތުރު ތަފްސީލް ދިނެވެ.

"އެއްވެސް އިރަކު އާކިލް އަހަރެންދެކެ ލޯބިނުވަނީތަ؟..." އިވްލީންގެ މޭގައި ދިލަ ރިހުމެއް އުފެދުނެވެ.

********

އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި އާކިލް އޮތީ ނިތްކުރިމަތީގައި އަތް ބާއްވައިލައިގެންނެވެ. މިރާހާއި ބައްދަލުވެ ދެކެވުނު ވާހަކައަކުން އާކިލްގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ދެލޯ މަރާލައިގެން އޮތުމުން، އަޔާމް އައި ކަމެއްވެސް އާކިލްއަކަށް ނޭނގުނެވެ.

"ލޯބިނުލިބިގެން ބަނޑަށް މަރުވަނީތަ؟..." އާކިލްގެ ކޮނޑުގައި ޖަހައިލަމުން އަޔާމް ދިމާކުރިއެވެ.

"ކަޑަ ކަމެއް ވެއްޖެ..." އާކިލް ކުޑަކޮށް ތެދުވެ ހަމަޖެހިލިއެވެ.

"މިހާރު ކިހިނެއްވީ؟... ގެނައި ކެމެރާ ކަމުނުދިޔައީ؟..." އަޔާމް ދެންވެސް ބެލީ ސަކަރާތް ޖެހޭތޯއެވެ.

"ކެފޭގެ ކޮމްޕްލެއިންޓް ގޮއްސަ އޮތީ އަހަރެންގެ ކުންފުނީގެ ނަމުގަ... އީވްއަށް އެކަން އެނގިއްޖެ... އަހަރެން ނޫން މީހަކަށް ކުންފުނީގެ މެއިލްއަކަށް ނުވަދެވޭނެ... ދެން ކިހިނެއްތަ މިހުރިހާ ކަމެއް މިވަނީ؟..." އާކިލް ދޫކޮށްލީ ފުން ނޭވާއެކެވެ.

"ނިދީގަވެސް ނުފޮނުވަން؟..." އަޔާމަށް ގަބޫލުކުރަން ދަތިވިއެވެ.

"އަހަރެން އެމީހަކު ހޯދާނަން..." އާކިލް ބުނެލިއެވެ.

********

ހަވީރުގެ އޯޑަރުތަކަށް ކާއެއްޗެހި ތައްޔާރުކުރަން ހުރި އިވްލީންގެ ދެލޯ ފުސްވާން ފެށިއެވެ. މުޅި ތަން ވަށައިގެން އެނބުރެންފެށި ކަހަލަ އިހުސާސަކާއިއެކު، އިވްލީންގެ މެޔަށް ފިތޭހެން ހީވިއެވެ. ތިރިވަމުންދިޔަ އިވްލީން ފެނި، މިރާހަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ގޮސް އިވްލީންގެ ގައިގައި ހިފަހައްޓާލިއެވެ.

"އީވް... ފުންކޮށް ނޭވާލާބަލަ..." އިވްލީން ގޮނޑިއެއްގައި ބައިންދަމުން މިރާހް ބުނެލިއެވެ.

"އޯ..ކޭ..." އިވްލީނަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އޭނާއަށް މިރާހް ލައިގެން ހުރި ގަމީހުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރުވެސް އިވްލީނަށް ހީވީ މުޅި ތަން އެނބުރެމުން ދިޔަ ހެންނެވެ.

ކެފޭގެ ބޭރުން ކޮންމެވެސް މީހަކު އިވްލީނަށް ފާރަލަމުން ދިޔައެވެ. ސައިކަލެއްގެ މަތީގައި އިންއިރު، އޭނާގެ ދެލޯ ފޮރުވާލާފައިވީ އަޅައިގެން އިން އަވި އައިނުންނެވެ. ކައުންޓަރުގެމަތީގައި ބޯ އަޅާލައިގެން އޮތް އިވްލީނަށް ބަލަން އިން އެމީހާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ ފޯނު ނަގައި، ކޮންމެވެސް މީހަކަށް މެސެޖެއް ލިޔަން ފެށިއެވެ.

"ފޭސް ވަން، ޑަން... އޯލްރެޑީ އަންސްޓޭބަލް..." މެސެޖު ފޮނުވައިލުމާއިއެކު އަނެއްކޮޅަށް އެ މެސެޖު ދިޔަ އަޑު އިވުނެވެ.

*********

ރޭގަނޑު ކެފޭ ބަންދުކޮށްފައި އިވްލީން އެނބުރުނުއިރު، އާކިލް ހުރީ ކުރިމަތީގައެވެ. ކުއްލިއަކަށް އާކިލް ފެނުމުން، އިވްލީން ދިޔައީ ސިއްސައިގެންނެވެ. އާކިލް ހުރީ ރުޅި އައިސްފައެއް ނޫނެވެ. ހިތްހަމަނުޖެހިފައެއްވެސް ނޫނެވެ. އެކަމަކު އެމޫނުން ފެންނަން ހުރީ، ވަރުބަލިކަމެވެ. އިވްލީނާއިއެކު އިތުރު މީހަކު ހުރިތޯ ޔަގީންކޮށްލުމަށްފަހު، އާކިލް ބަލައިލީ ސީދާ އިވްލީންގެ ދެލޮލަށެވެ.

"ބޭނުން ވާހަކައެއް ދައްކާލަން... ވަގުތުކޮޅެއް ލިބިދާނެބާ؟..." އާކިލް އެދުނެވެ.

"ކޮންކަމަކަށް؟..." އިވްލީން އަހައިލީ ފަރުވާކުޑަ ރާގަކަށެވެ. "އަނެއްކާވެސް ކަމެއް...."

"އަހަރެން ކުރި ކަމެއް ނޫނޭ... އައި ސްވެއަރ..." އިވްލީންގެ ވާހަކަ ހުއްޓުވަމުން އާކިލް ބުނެލިއެވެ. "އީވް ޕްލީޒް ގަބޫލުކުރޭ! ކޮންމެވެސް މީހަކު އަހަރެންގެ މެއިލް ޔޫޒްކުރީއޭ.... އެމީހަކު އެ އުޅެނީ އަހަރެންގެ ބޮލުގަ މިކަން އަޅުވަން... އެކަމަކު އައި ޕްރޮމިސް.... އަހަރެން އެމީހަކު ހޯދާނަން... އެކަން ކުރީ އަހަރެން ނޫންކަން ސާބިތުކޮށްދޭނަން... އޭރުން ގަބޫލުކުރާނަންތަ؟..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު