ދެކުނު އިންޑިއާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ސަމަންތާ ރުތު ޕްރަބޫ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ.
ސަމަންތާ ކައިވެނިކޮށްފައި ވަނީ 2024 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނަމުން އަންނަ އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ރާޖް ނިދިމޮރޫއާއެވެ.
އިއްޔެގެ ހެނދުނެއްގެ ވަގުތެއްގައި އިންޑިއާގެ ތަމަޅަ ނާޑޫގެ ކޮއިންބަތޫރުގައި ކުރެވުނު މި ކައިވެނީގެ ބައެއް ފޮޓޯތައް ވެސް ސަމަންތާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ކައިވެނީގެ ފޮޓޯތައް ބަތަލާ ހިއްސާކޮށްފައި ވަނީ އެ ކައިވެނި ސިއްރިއްޔާތުގައި ކުރެވުނު ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނިތާ މާގިނައިރުތަކެއް ނުވަނީހެވެ.

ރާޖް އާއި ސަމަންތާ ކައިވެނީގެ ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް
ސަމަންތާ އާއި ރާޖްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައި ވަނީ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންނާ އެކު ގާތްގަނޑަކަށް 30 ވަރަކަށް މެހެމާނުންނެވެ.
މި ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ވަރަށް ޕްރައިވެޓްކޮށް ކަމަށާއި އެކަން ކުރިން މީޑިއާތަކަށް ވެސް އެނގިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައުތު ސިނަމާގެ އެންމެ ބޮޑު ޑިމާންޑެއް އޮތް ބަތަލާއިންގެތެރޭ ހިމެނޭ ސަމަންތާ އާއި ޑައިރެކްޓަރު ރާޖް ނިދިމޮރޫ އެންމެ ފުރަތަމަ ބައްދަލުވީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ދަ ފެމިލީ މޭން"ގެ ދެވަނަ ސީޒަންއިންނެވެ.
ސަމަންތާ ވިލެންއެއްގެ ރޯލް ކުޅުނު އެ ސީރީސް އަކީ ރާޖް އާއި ޑިކޭ ޑައިރެކްޓްކޮށް ގެނެސްދެމުން އަންނަ ވެބް ސީރީސްއެކެވެ. އޭގެފަހުން ސަމަންތާ ވަނީ ރާޖް އާއި ޑީކޭ ގެނެސްދިން އިންޓަނޭޝަނަލް ވެބް ސީރީސް "ސިޓަޑެލް"ގެ އިންޑިއާ ސީރީސް "ސިޓަޑެލް: ހަނީ ބަނީ"ގެ ވެސް ލީޑް ބަތަލާ އަކީ ސަމަންތާއެވެ.

ރާޖް އާއި ސަމަންތާ ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/އިންސްޓަގްރާމް
މިއީ ރާޖް އާއި ސަމަންތާގެ ވެސް ދެވަނަ ކައިވެންޏެވެ. ރާޖްގެ ފުރަތަމަ ކައިވެނު ކުރެވުނީ ފިލްމު އިންޑަސްޓްރީގައި ކްރިއޭޓިވް ކޮންސަލްޓަން އަދި ސްކްރިޕްޓް ލިޔުންތެރިއެއްގެ އިތުރުން އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޝިއަމަލީ ދޭއާއެވެ.
ދެ މީހުންގެ ހަ އަހަރުވީ ކައިވެންޏަށް ކުއްޖަކު ލިބިފައިވާއިރު ސަމަންތާ އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު އެކްޓަރު ނާގްރުޖުނާ އަކިނޭނީގެ ދޮށީ ދަރިފުޅު އަދި އެކްޓަރު ނާގާ ޗައިތަނިއާއެވެ. ސަމަންތާ އާއި ނާގާގެ ކައިވެނި ރޫޅުނީ އެ ކައިވެންޏަށް ހަތަރު އަހަރުވީ ފަހުން 2021ގައެވެ.
ސަމަންތާ އަލުން ކައިވެނިކުރިކަން އިއުލާނު ކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ބަތަލާއަށް މަރުހަބާ ކިޔާފައިވެއެވެ. ހަމައެއާއެކު ރާޖްގެ ކުރީގެ އަންހެނުން ޝިއަމަލީއަށް ތާއީދުކުރާ ގިނަ ބައެއްގެ ނަފުރަތުގެ ބަސްތައް ވެސް ބަތަލާއަށް ދަނީ އަމާޒުވަމުންނެވެ.
ސަމަންތާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ރާޖް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ނެޓްފްލިކްސްއަށް އުފައްދާ ސީރީސް "ރަކްތް ބްރަހްމަންދް: ދަ ބްލަޑީ ކިންގްޑަމް" ހިމެނެއެވެ.