ރަޝްމިކާގެ ފިލްމު ނެޓްފްލިކްސްއަށް

މި ނިމުނު ނޮވެންބަރު މަހު ސިނަމާތަކުގައި އެޅުވި ބަތަލާ ރަޝްމިކާ މަންދަންނާގެ ފިލްމު "ދަ ގާލްފްރެންޑް" ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާނެ ތާރީޚު އިއުލާނުކޮށްފިއެވެ.

ނެޓްފްލިކްސްގެ އިންޑިއާގެ ގޮފީގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ އެ ޕްލެޓްފޯމް މެދުވެރިކޮށް މި އަންނަ ހުކުރު ދުވަހުން ފެށިގެން ފިލްމު "ދަ ގާލްފްރެންޑް" ސްޓްރީމްކުރަން ފަށާނެ ކަމަށެވެ. ނެޓްފްލިކްސްއިން ފިލްމު ގެނެސްދޭނީ ތެލުގޫ، ހިންދީ، ތަމަޅަ، ކަންނާޑާ އަދި މަޅަޔާލަމް ބަހުންނެވެ.

ފިލްމު "ޕުޝްޕާ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސައުތު ސިނަމާގެ ބަތަލާ ރަޝްމިކާގެ ފިލްމު "ދަ ގާލްފްރެންޑް" އަކީ މަޝްހޫރު ސައުތު ޕްރޮޑަކްޝަން ކުންފުނި ގީތާ އާޓްސް ބެނާގެ ދަށުން ގެނެސްދިން ފިލްމެކެވެ.

ފިލްމު "ދަ ގާލްފްރެންޑް"ގެ ޕޯސްޓަރެއް--ފޮޓޯ/އިންސްޓަގްރާމް

ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރި މި ފިލްމު ރިލީޒްކުރުމާ އެކު ރަޝްމިކާއަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. ހަމައެއާއެކު ތިއޭޓަރުތަކުން ފިލްމު ނެގުމާ ހަމައަށް ފިލްމުގެ ވިޔަފާރި ވެސް ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން ރަޝްމިކާ ބުނީ ފިލްމުގެ ޑައިރެކްޓަރު ރާހުލް ރަވިންދްރަންއާ އެކު އެންމެ ފުރަތަމަ ބައިވެރިވި ސްކްރިޕްޓް ނެރޭޝަންގައި ފިލްމުގެ ވާހަކަ އަޑު އެހުމަށްފަހު އޭނާއަށް ރޮވުނު ކަމަށެވެ. ފިލްމު "ދަ ގާލްފްރެންޑް" އަކީ އެހާ ވެސް ޖަޒުބާތުން ފުރިގެންވާ ވާހަކައެއް ކަމަށާއި އޭގެ ވަރަށް ގިނަ ހާދިސާތަކަކީ ރަޝްމިކާގެ ހަޔާތުގައި މާޒީގައި ތަޖުރިބާކޮށްފައިވާ އިހުސާސްތަކެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ދަ ގާލްފްރެންޑް"ގައި ރަޝްމިކާ ކުޅުނު ކެރެކްޓާ "ބޫމާ ދޭވީ"އަކީ މިހާތަނަށް ކެރިއަރުގައި ކުޅުނު ފިލްމުތަކުގެތެރެއިން އޭނާއަށް އެންމެ ހާއްސަ ކެރެކްޓާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ރަޝްމިކާ ބުނިގޮތުގައި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ކެރެކްޓާ އަކީ ޚުދު ރަޝްމިކާ ކަމަށްވުމެވެ.

މި ފިލްމުގައި ރަޝްމިކާއާ އެކު ބަތަލުގެ ރޯލް ކުޅުނީ ތެލުގޫ އަދި ކަންނާޑާ ފިލްމުތަކުން ފެންނަ އެކްޓަރު ދީކްޝީތު ޝެޓީއެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ރަޝްމިކާގެ ހަގީގީ ދިރިއުޅުމުގެ ލޯބިވެރިޔާ އެކްޓަރު ވިޖޭ ދެވަރަކޮންދާ ވަނީ ޑަބްކޮށްދީފައެވެ.

ރަޝްމިކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ބޮލީވުޑް ފިލްމު "ކޮކްޓްއިލް 2" އަދި ތެލުގޫ ފިލްމު "މައިސާ"އިންނެވެ.

comment ކޮމެންޓް