ލަންކާއަށް އެހީވުމަށް ޓެލެތޯނުން 11.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްކޮށްފި

ޓެލެތޯނުގައި ބައިވެރިވި ބައެއް މީޑިއާތައް: ލަންކާއަށް އެހީވުމަށް ޓެލެތޯނުން 11.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްކޮށްފި -- ފޮޓޯ/ ޕީއެސްއެމް

"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނުގައި 11.6 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއްކޮށްފިއެވެ.

އިއްޔެ ހެނދުނު 09:00 ގައި ފެށި ޓެލެތޯން، މިއަދުގެ އިރުއޮއްސުނު ވަގުތާ ހަމައަށް ނިންމައިލިއިރު، 11،015،854.65 ދިވެހި ރުފިޔާ ވަނީ ލިބިފައެވެ. އަދި 43،681.31 ޑޮލަރު ވަނީ ލިބިފައެވެ.

ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ޓެލެތޯނުގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 18 ފަންޑު ފޮށި ވެސް ބަހައްޓާފައިވެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މައުލޫމާތު ދިން ގޮތުގައި، މިވަގުތު އެ ފަންޑު ފޮށިތަކަށް ހަދިޔާކުރި ފައިސާ ގުނުމުގެ މަސައްކަތް ޓެލެތޯންގެ އޮޑިޓް ފާމެއްގެ ގޮތުގައި މަސައްކަތްކުރާ 'ކްރޯ މޯލްޑިވްސް'އިން ދަނީ ކުރަމުންނެވެ. އަދި މިރޭގެ ވަގުތެއްގައި ކްރޯ މޯލްޑިވްސްއިން ފައިސާގެ ތަފްސީލު ހާމަކުރާނެ ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

މި ޓެލެތޯނަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާއިރު އެކި އިދާރާތަކާއި ޖަމިއްޔާތަކުން ހަދިޔާކުރި ފައިސާތައް ހިމެނެއެވެ. އެގޮތުން، ބައެއް ކުންފުނިތަކުން އަންނަނީ ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރަމުންނެވެ.

މި ޓެލެތޯނަށް މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާއެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ. އަދި ސަރުކާރު މައި ޕާޓީ ޕީއެންސީ ޕީޖީން 300،000 ރުފިޔާ އަދި ގައުމީ ބޭންކު ބީއެމްއެލްއިން 25،000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

ތޫފާންގެ ސަބަބުން ލަންކާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 334 އަށް އުފުލިފައިވާއިރު، 400 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ގެއްލިފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ އަދު ބަދުއްލާއިންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކޮށްފައިވާއިރު، އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ތިބީ ފެންނާއި ކަރަންޓުން މަހުރޫމްވެފައެވެ.

މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހެވެ. އެ ފަހަރު 254 މީހުން މަރުވެ ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.

comment ކޮމެންޓް