ކެރަމް ވޯލްޑްކަޕުގައި ވާދަކުރާ ގައުމީ ޓީމަށް ޖާރޒީ ހަވާލުކޮށްފި

ކެރަމް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މާދަމާ މާލޭގައި ފަށާ ކެރަމް ވޯލްޑްކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކެރަމް ޓީމަށް ޖާރޒީ ހަވާލުކޮށްފިއެވެ.

މިމަހުގެ 2-6 އަށް ބާސެލޯ ނަސަންދުރާގައި ބާއްވާ މި މުބާރާތުގައި 17 ގައުމަކުން 150 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.

ޤައުމީ އަންހެން ޓީމު ކުޅުންތެރިންނާއި، ފިރިހެން ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

ޖުމްލަ 17 ގައުމަކާއެކު ބާއްވާ މުބާރާތުގައި ވާދަކުރާ ޤައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާމިނަތު ވިދާދު، ޢާއިޝަތު ނަފްހާ، ޢާއިޝަތު ފައިނާޒާއި، ފާތިމަތު ރަޔާނާއެވެ. މި ކުޅުންތެރިންނަކީ ބޭރުގެ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާހުރި ކުޅުންތެރިންނެވެ.

ކެރަމް ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު

ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިސްމާޢީލް އަޒްމީން، އިބްރާހީމް ހުޖާން، ޙަސަން ނާޒިމް މުޙައްމަދު މުންތަސިރާއި، އާދަމް އަދީލެވެ.

މިހާރު މުބާރާތުގައި ވާދަކުރާ ގިނަ ގައުމުތަކުގެ އެތުލީޓުން ވަނީ މާލެ އައިސްފައެވެ. މިއީ މިދިޔަ 11 އަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ދެވަނަ ކެރަމް ވޯލްޑް ކަޕެވެ. އެންމެ ފަހުން ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވީ 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައެވެ.

މިފަހަރުގެ މުބާރާތަކީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މީގެ 11 އަހަރުކުރިން ސަން އައިލެންޑް ރިސޯޓުގައިވެސް ވަނީ ކެރަމް ވޯލްޑްކަޕް ބާއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް