ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 334 އަށް އުފުލި ގެއްލުނު މީހުންގެ އަދަދު 400 އާ ގާތްކޮށްފައިވާކަމަށް ލަންކާ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) ބުނެފިއެވެ.
މި ހާލަތުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން 1.3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައިޖެހިފައެވެ.
މި ކާރިސާއާ ކުރިމަތިލުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވަނީ ބައިނަލްއަގްވާމީ އެހީއަށް ވެސް އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވަނީ ލަންކާގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު އަދި އެންމެ ގޮންޖެހުން ބޮޑު ގުދުރަތީ ކާރިސާ،" ގައުމަށް ދެއްވި ޚިޠާބުގައި ޑިސަނާޔަކޭ ވިދާޅުވިއެވެ.
"ޔަގީނުން ވެސް އަޅުގަނޑުމެންގެ ގައުމު ބިނާކުރާނަން،"
ލަންކާއަށް އެކި ގައުމުތަކުން އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ.

ކޮލަމްބޯގެ ބޭރުގައި އޮންނަ ވެލަމްޕިޓިޔާގައި ފެންބޮޑުވެފައި. ފޮޓޯ/އޭއެފްޕީ
އެގޮތުން އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއަށް ނިސްބަތްވާ 80 މީހުން އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައި ވަނީ ލަންކާއަށް ދަތުރުކޮށްފައެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ވަސީލަތްތައް އެ މަތިންދާ ބޯޓުގައި ގެންގޮސްފައިވެއެވެ.
އޭގެ އިތުރުން އިންޑިޔާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ހަތަރު ހެލިކޮޕްޓަރު ވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައާއި ތަކެތި ގެނައުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
ޕާކިސްތާނުގެ ހެލިކޮޕްޓަރެއް ވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
އެމެރިކާއިން ވެސް ވަނީ ސްރީ ލަންކާއަށް އެހީތެރިވުމަށް ދެ މިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރާނެކަން އިއުލާނުކޮށްފައެވެ.
މިއީ ލަންކާއަށް 2004 ގެ ސުނާމީއަށް ފަހު އެންމެ ބޮޑު ގެއްލުމެއްވި އަދި އަދި އެންމެ ގިނަ މީހުން މަރުވި ގުދުރަތީ ކާރިސާއަށް މިހާރު ވަނީ ވެފައެވެ.
މިވަގުތަށް ލަންކާއަށް ވާރޭވެހުން ހުއްޓިފައި އޮތް ނަމަވެސް ވެރިރަށް ކޮލަމްބޯގެ ތިރި ސަރަހައްދުތަކުގައި އިއްޔެ ވަނީ ކޮންމެވެސް ވަރަކަށް ފެންބޮޑުވެފައެވެ.