އެހީ ފޯރުކޮށްދޭން އުޅުނު ލަންކާ ކަނޑުގެ ސިފައިންގެ ފަސް މީހުން މަރުވެއްޖެ

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި އުޅެނިކޮށް މަރުވި ލަންކާގެ ކަނޑުގެ ސިފައިންގެ ފަސް މީހުން. ފޮޓޯ/ނިއުސްވަޔާ

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުން އަންނައިރު، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އުޅުނު ލަންކާގެ ކަނޑުގެ ސިފައިންގެ ފަސް މީހަކު މަރުވެއްޖެއެވެ.

މަރުވި މީހުންނަކީ ކުނޑިކުލަމް ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ހިންގި އޮޕަރޭޝަނެއްގައި ގެއްލިގެން ހޯދަމުން ދިޔަ ފަސް މީހުންކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިއްޔެގެ ވަގުތެއްގައި އެ މީހުން ގެއްލުނީ ފެންބޮޑުވެފައިވާ މަގަކުން ފެންގަނޑު ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ސިފައިން ވަނީ ވަގުތުން ހާއްސަ ސާޗް އޮޕަރޭޝަނެއް ފަށައި އެ ސަރަހައްދަށް ސާޗް އެންޑް ރެސްކިއު ޓީމުތައް ފޮނުވާފައެވެ.

ކަނޑުގެ ސިފައިންގެ ތަރުޖަމާނު، ކެޕްޓަން ގަޔަން ވިކްރަމަސޫރިޔާ ވިދާޅުވީ ވަރަށް އުނދަގުލުން އެމީހުން ހޯދުމުގެ މަސައްކަތްކުރިއިރު، ފެނުނުއިރު އެންމެވެސް ތިބީ މަރުވެފައި ކަމަށެވެ.

އެމީހުންގެ އިތުރުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު ހެލިކޮޕްޓަރެއް ވެސް ވެއްޓި ޕައިލެޓް ވަނީ މަރުވެފައެވެ.

ކޮލަމްބޯ ކައިރިގައި އޮތް އަވަށަކުން ބަޔަކު ރައްކާތެރި ތަނަކަށް ބަދަލުކުރާއިރު ވޮލަންޓިއަރުން އެހީތެރިވެދެނީ. ފޮޓޯ/އޭޕީ

އެންމެ ފުރަތަމަ އެހީވި އިންޑިއާ އިން ވަނީ މީހުން ސަލާމަތްކުރުމަށް ދެ ހެލިކޮޕްޓަރު ފޮނުވައި އެހީގެ ސާމާނު ފޮނުވައިފައެވެ.

ތޫފާންގެ ސަބަބުން ލަންކާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 334 އަށް އުފުލިފައިވާއިރު، 400 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ގެއްލިފައެވެ.

އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ އަދު ބަދުއްލާއިންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކޮށްފައިވާއިރު، އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ތިބީ ފެންނާއި ކަރަންޓުން މަހުރޫމްވެފައެވެ.

މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހެވެ. އެ ފަހަރު 254 މީހުން މަރުވެ ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.

ލަންކާގެ އިތުރުން އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ވެސް އަންނަނީ ތޫފާންގެ އަސަރުކުރަމުންނެވެ.

comment ކޮމެންޓް