ކުރިއަށް އޮތް 24 ގަޑިއިރު ކޮލަމްބޯއަށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފި

ލަންކާގެ ނަގަލަގަމް މަގުގައި އޮންނަ ކެލާނީ ކޯރުގެ ފެންގަނޑު އަދިވެސް އުފުލެމުން ދާތީ، ކުރިއަށް އޮތް 24 ގަޑިއިރު ވެރިރަށް ކޮލަމަބޯއަށް ވަރަށް ބޮޑަށް ފެންބޮޑުވާނެ ކަމަށް އެ ގައުމުގެ އިރިގޭޝަން ޑިޕާޓްމަންޓުން ލަފާކޮށްފިއެވެ.

ހައިޑްރޮލޮޖިސްޓުން ބުނާ ގޮތުގައި ކޮލަމްބޯއާ 30 ކިލޯ މީޓަރު ދުރުގައި އޮންނަ ހަންވެލާގައި ބޮޑުވެފައިވާ ފެންގަނޑު އެންމެ ބޮޑަށް އުފުލުނީ ރޭ ދަންވަރުއެވެ. އެހެންވެ ކެލާނީ ކޯރުގެ ފެންގަނޑު އުފުލި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދު ލަންކާ ގަޑިން 8:00 ގައި ކަމަށް ބެލެވޭ ކަމަށް އިރިގޭޝަން ޑިޕާޓްމަންޓުން ބުނެއެވެ.

ކެލާނީ ކޯރު އޮންނަނީ ކޮލަމްބޯއަށް ދާ މައި މަގާއި ކައިރީގައި ކަމަށްވާތީ، މޫސުން ރަނގަޅު ނަމަވެސް ކޮލަމްބޯގެ ތިރި އަދި ފެންބޮޑުވާ ސަރަހައްދުތަކުގައި ސަމާލުވެ ތިބުމާއި، ކޮންމެހެން ބޭނުން ނުވާ ދަތުރުތައް ނުކުރުމަށް އެ ޑިޕާޓްމަންޓުން އިލްތިމާސްކުރެއެވެ.

އަދި ޑިޒާސްޓާ މެނޭޖްމަންޓުން އާންމުކުރާ ރައްކާތެރިކަމުގެ އިރުޝާދުތަކަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 212 އަށް އުފުލިފައިވާއިރު، މޫސުން ގޯސްވެގެން ހިނގި އެކި ހާދިސާތަކުގައި ގެއްލުނު މީހުންގެ އަދަދު ވަނީ 218 އަށް އުފުލިފައެވެ.

ތޫފާނުގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކުގައި އަދިވެސް ވަރަށް ބަޔަކު ތިބީ ތާށިވެފައެވެ.

ލަންކާއަށް އެރި ތޫފާން 'ދީތްވާ' މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރަށެވެ. އެ ތޫފާން މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

comment ކޮމެންޓް